Roadha Mihaaru
ރައީސް ވާހަކަދެއްކެވީ ޚިޔާނާތް އާދައިގެ ކަމަކަށް ހަދަން

ރައީސް އުޅުއްވަނީ ޚިޔާނާތަކީ ވެސް އާދައިގެ ކަމަކަށް ހައްދަވަން: އެމްޑީޕީ

21 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވީ ޚިޔާނާތާއި ވައްކަމަކީ ވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށް ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި ވެސް އެކަން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދެއްކެވީ ޚިޔާނާތާއި ވައްކަމަކީ ވެސް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކެވުމަށް ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަށް ވާތީ މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ވެސް ކޮރަޕްޝަނަށް ޖާގަ އެބައޮތް ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ކުށްވެރިކުރައްވައި ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލައި ރައްޔިތުންގެ މުދަލާއި ފައިސާއިން އެންމެ ބޮޑެތި ވައްކަންތަކާއި ހިޔާނާތް ހިންގި ސަރުކާރަކަށް މި ސަރުކާރުވެފައިވާ ކަމަށެވެ. އެ ވައްކަންތަކާއި ހިޔާނާތްތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގައި އެކަންކަން ތޮބީއަތާ ގުޅުވުމަކީ އިސްލާމް ދީނުގެ އަސާސްތަކާއި އިންސާނީ އެންމެހާ ހަމަތަކާ ހިލާފު ބިރުވެރި ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، ތޮބީއީގޮތުން އިންސާނާއަކީ ހެޔޮކަމާއި މައުސޫމްކަމުގެ ސިފަތަކުން ސިފަ ލިބިގެންވާ ފަރާތަކަށްވެފައި، އެ މީހަކު ހިޔާނާތްތެރިއަކަށް ނުވަތަ ވަގަކަށް ވާނީ އަމިއްލަ އަށް ކަމަށްވާއިރު އެ ހަގީގަތް ގައުމުގެ އެންމެ މަތީ ވެރިޔާ އަށް އެނގިވަޑައިނުގެން ވާހަކަފުޅު ދެއްކެވުމަކީ ރައްޔިތުންނާއި ދައުލަތުގެ ބައިތުލްމާލަށް އޮތް ބިރެކެވެ.

މި ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިން ސަލާމަތްވެވޭނެ، ބުއްދި ގަބޫލުކުރާ އެއްވެސް ހެއްކެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.

"...މިހާރު މި ފެންނަނީ ވައްކަމާއި ހިޔާނާތަކީ އިންސާނީ ތޮބީއަތުގައިވާ ކަންތައްތަކެއް ކަމާއި، އާއްމުކޮށް އެންމެން ކުރާނޭ ކަންތައްތަކެއް ކަމަށް ވާހަކަފުޅު ދައްކަވައި ވައްކަމާއި ހިޔާނާތުގެ ނުބައިކަން ކުޑަކަމެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާ ތަނެވެ. އަދި އެ ކަންތައްތަކަކީ މުޖުތަމައިން ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ނޫން ކަމަށް ސިފަކުރައްވާ ތަނެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް މިފަދަ ވާހަކަފުޅުތައް ރައީސް ދައްކަވާފައިވާ ކަމަށް ބުނެ، އެފަދަ ވާހަކަފުޅުތައް ދެއްކެވުން ހުއްޓާލެއްވުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.