Roadha Mihaaru
އޭސީސީގެ ތަހުގީގަށް ސަރުކާރުން ހުރަސް ނާޅާނެ: ރައީސް

އޭސީސީގެ ތަހުގީގަކަށް ސަރުކާރުން ހުރަހެއް ނާޅާނެ: ރައީސް ޔާމީން

19 ޖެނުއަރީ 2017

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް މިހާރުގެ ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ އެއްބާރުލުން އެ ކޮމިޝަނަށް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް މިހާރުގެ ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ އެއްބާރުލުން އެ ކޮމިޝަނަށް ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މ. މުލަކާއި ދިއްގަރު އަދި މަޑުއްވަރީގެ ބައެއް މީހުން ޕީޕީއެމަށް ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭސީސީގެ ތަހުގީގުތަކަށް އެއްބާރުލުން ދިން ކަމަށް ބުނަން ކުރީގެ ސަރުކާރުތަކަށް ނުކެރޭނެ ކަމަށެވެ.

"ކިތަންމެ މައްސަލައެއް ހުންނާނެ ރައީސް އޮފީހާ ހަމައިން މައުލޫމާތު ނުދެވިފައި ހުރި. އަޅުގަނޑު ރައީސް އޮފީހާ ހަވާލުވެފައި ދީފައި އޮންނަ ސްޓޭންޑިން އިންސްޓްރަކްޝަނަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެއްވެސް މައްސަލައެއްގައި އެއްވެސް މައުލޫމާތަކަށް އެދިއްޖެ ކަމަށް ވަންޏާ ރައީސާ ހަމައަށް މައްސަލަ އައިސްގެން ވެސް ނުވާނެެއޭ. އެ މައުލޫމާތަކީ އޮޓަމެޓިކުން [އޭސީސީ އަށް] ލިބެން ވާނެ މައުލޫމާތެއް. އެހެންވީމާ އެއީ ތަފާތަކީ،" ކޮރަޕްޝަން ހުއްޓުވުމުގައި މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުގެ ތަފާތު އަންގަވައި ދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ތެރެއިން ހިންގާ ކަންތައްތަކުގައި ކޮރަޕްޝަނަށް ޖާގަ އެބައޮތެވެ. އެކަމަކު ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނީ އެ ޖާގަ ކުޑަކުރެވޭތޯ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހިމެނޭ ކަމަކަށް ވާއިރު، ދިވެހިންގެ ތެރޭގައި އެކަން ވެސް އޮންނާނެ އެވެ.

"އެކަމަކު އެއްގޮތަކަށް ވެސް މިކަން [ކޮރަޕްޝަންގެ އަމަލުތައް] ޖަސްޓިފައި ކުރަނީކީ ވެސް ނޫން. އެކަމަކު އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ދިވެހި ރައްޔިތުންގެ ތެރޭގައި ވެސް ހުންނާނެއޭ މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި އެއްފަހަރާ އެތައް ބަނދަރެއް މިހާރު ހަދަން ޖެހޭތީ، މުދަލުގެ އަގު އުފުލި ބަނދަރުތައް ހެދުމުގެ އަގު ވެސް ވަނީ އުފުލިފައި ކަމަށެވެ. އޭގެ ނަތީޖާ އަކީ މިއަދު ބަނދަރެއް ހެދުމަށް 35-40 މިލިއަނާ ހަމައަށް ހަރަދު ކުރަން ޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމައެކަނި އެމްޕީއެލް އަށް [އަންނަ] ކޮންޓެއިނަރުގެ މުދަލުގެ އަދަދަށް ބަލާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެބަ އެނގޭ ރާއްޖެ އަށް މިވަގުތު މަސައްކަތްތައް އިތުރުވަމުންދާ މިންވަރު. އެއީ އެއްގޮތަކަށް ވެސް އޭގެ ތެރޭގައި ކޮރަޕްޝަން އުޅޭތީއެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިރޭ ވެސް ވިދާޅުވީ އެވްރެޖްކޮށް އެއް މަޝްރޫއަށް ވުރެ ގިނަ މަޝްރޫއެއް ނުހިނގާ ރަށެއް ރާއްޖޭގައި މިހާރު ނެތް ކަމަށެވެ. އެކަމަކު ވަރަށް ދުރުގައި، އެކަހެރިކޮށް އޮތް ރަށެއްގައި އެންމެ މަޝްރޫއެއް ވެސް ހިނގާފާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމަކު އެއަށް ވުރެން އާބާދީ ބޮޑު، ބޮޑެތި ރަށްރަށުގައި ތިން ހަތަރު މަޝްރޫއު އެއްފަހަރާ ހިނގާފާނެ. މިސާލަކަށް ށ. އަތޮޅު ނޫމަރާގައި އެއް މަޝްރޫއު ކަންނޭނގޭ ހިނގާނީ. ގދ. ތިނަދު އަށް އެކަނި ބަލައިލި ކަމުގައި ވިޔަސް ކިތައް މަޝްރޫއުތޯ އެ ހިނގަނީ. އެތައް ބައިވަރު މަޝްރޫއެއް ހިނގަނީ. އެތައް ސަތޭކަ މިލިއަނެއްގެ މަޝްރޫއެއް ހިނގާ. އައްޑުއަތޮޅުގައި ވެސް ހަމަ އެގޮތަށް. އައްޑުއަތޮޅު ހިތަދޫގައި ވެސް އެތައް ބައިވަރު މަސައްކަތެއް އެއްފަހަރާ އެ ހިނގަނީ،" ރައީސް ވިދާޅުވި އެވެ.