Roadha Mihaaru
"އެއް މިލިއަން ޑޮލަރު ވީ އޭސީސީގެ ބެލުމުގެ ދަށުގައި"

ރައީސްގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި: ނިހާން

14 މާޗް 2018

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ހުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެއް މިލިއަން ޑޮލަރާ ގުޅިގެން ރައީސަށް އަމާޒުކުރާ ފާޑުކިއުންތައް ދިފާއު ކުރައްވައި، ނިހާން ވިދާޅުވީ އެ ފައިސާ ރައީސް ޔާމީން ބޭނުންފުޅު ނުކުރައްވާ ކަމަށެވެ. އެހެންކަމުން، އެ ފައިސާއާ ގުޅޭ ގޮތުން އެމަނިކުފާނަށް ތުހުމަތުތައް ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"[ރައީސް ޔާމީންގެ]އެ އެކައުންޓުގައި ހުރި ފައިސާ ވަނީ އަތް ނުލެވޭ ގޮތަށް ބަހައްޓާފައި... އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބަރާބަރަށް ބަހައްޓާފައި އެބަހުރި،" ނިހާން ވިދާޅުވި އެވެ.

"ރައީސް އެ ބޭނުންފުޅު ކުރެއްވީ އެއްނޫން. ދައުލަތުގެ މިދެންނެވި ކަމާ ބެހޭ ފަރާތުގެ ބެލުމުގެ ދަށުގައި [ އެފައިސާ]އެބަހުރި. ދެން އެނގޭނެތާ ކާކު، ކޮން ކަހަލަ ނުބައެއް ހެދުމުގެ ބޭނުމުގައި ރައީސްގެ އެކައުންޓަށް ޖަމާކޮށްފައި ހުރި އެއްޗެއްކަން."

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފްއަށް އެމްއެމްޕީއާރުސީން ލިބިފައިވާ ފައިސާކަން އެނގުނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށެވެ. އަދި ރައީސަށް އެކަން އޭސީސީން އެންގެވުމުން އެ ފައިސާ ހިފަހައްޓަވަން އެންގެވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަަމަށް ނިހާން ވިދާޅުވިއިރު، ތަހުގީގަށް ފަހު އޭސީސީން އޮތީ މި މައްސަލަ ފައިލްކޮށްފަ އެވެ. އެއީ، އެކަމުގައި ހިމެނޭ ބައެއް މީހުން ރާއްޖޭގައި ނޫޅޭތީ ތަހުގީގުގައި ސުވާލު ނުކުރެވިގެން ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީން އާއްމުކުރި ރިޕޯޓުގައި ބުނީ ރައީސްގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކުންފުންޏަކީ، އޭސީސީން ބުނިގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ޖަމާކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ނަން އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ނުވި ނަމަވެސް އެއީ އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެ އެވެ.