Roadha Mihaaru
ރޯދަ އިނާޔަތް ބޮޑު ކުރުމުގެ މައްސަލަ ބޭރުކޮށްލައިފި

ރޯދަ އިނާޔަތް 3،000ރ. އަށް ވުރެ ބޮޑު ކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

15 މާޗް 2023

ރޯދަމަހަށް ކޮންމެ މުވައްޒަފަކަށް ދޭ 3،000ރ. ގެ އިނާޔަތް ބޮޑު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ފާސްނުކޮށް، މަޖިލިހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރޯދަމަހަށް ކޮންމެ މުވައްޒަފަކަށް ދޭ 3،000ރ. ގެ އިނާޔަތް ބޮޑު ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ފާސްނުކޮށް، މަޖިލިހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، އަތް ނުފޯރާ ހިސާބަށް އުފުލޭ ކަމަށެވެ.

އެހެންވެ، ރޯދަ އިނާޔަތް ބޮޑު ކުރުމަށާއި ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ގުޅޭ ގޮތުން އޮންނަ ބައި އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް އެ މައްސަލާގައި ވެ އެވެ.

ހުރިހާ ފަންނުތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ރޯދަ އިނާޔަތް ހަމަހަމަ ކަމާއެކީ ލިބޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ޝިޔާމް ގޮވާލެެއްވި އެވެ.

އެ މައްސަލަ އަށް ބަހުސް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 49 މެންބަރުންގެ ތެރެއިން އެކަމަށް ތާއިދު ކުރެއްވީ 15 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވި އެވެ.

މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކަށް ވޯޓު ދެނީ ޕީޕީއެމް/ޕީއެންސީ އެވެ. މިހާރު އެ ދެ ޕާޓީން ހުށަހަޅާ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން ފެކްޝަނުން" ވެސް ވޯޓު ދެ އެވެ.