Roadha Mihaaru
ވިލިމާލޭގައި ސިޓީ ކައުންސިލްގެ އޮފީސް އިމާރާތެއް ހަދަނީ

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތެއް ހަދަނީ

15 މާޗް 2023

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އޮފީސް އިމާރާތެއް ހަދަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުގެ އޮފީސް އިމާރާތެއް ހަދަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތުތައް ފުރިހަމަކޮށް، އެ ކައުންސިލަށް ވިލިމާލެ އިން އިމާރާތެއް ލިބިފައިވާ ކަމަށެވެ. އެއީ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިފައި ހުރި އިމާރާތެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. ނަމަވެސް، އެއީ ސީދާ ކޮން އިމާރާތެއް ކަމަށް އަދި ނުބުނެ އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ އިމާރާތުގައި ކުރަން ޖެހޭނީ ފިނިޝިންގެ މަސައްކަތެވެ. އެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުގެ ބަޖެޓުންނެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ ގޮތަށް، ވިލިމާލޭގައި ހަދާ އެ އޮފީސް އިމާރާތަކީ "ވަން ސްޓޮޕް" ސާވިސް ސެންޓަރެއްގެ ގޮތުގައި ހިންގާނެ ތަނެކެވެ.

މޭޔަރު ވިދާޅުވީ އެއީ މިހާރު ވިލިމާލޭގައި ހުރި ސިޓީ ކައުންސިލުގެ އޮފީހުގެ ޖާގައަށް ވުރެ ޖާގަ ތަނަވަސް ތަނަކަށް ވާނެ ކަމަށެވެ. އަދި ވިލިމާލޭގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުންނަށް އާ އިމާރާތުގައި މަސައްކަތް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ވިލިމާލެ ތަރައްގީވެ، ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ގިނަވާނެ. މުވައްޒަފުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އިދާރީ މަސައްކަތްތަކަށް އެ އިމާރާތުގެ ދެ ބުރި ހާއްސަކުރާނެ،" މޭޔަރު ވިދާޅުވި އެވެ.

އެ އިމާރާތުގައި ޕަބްލިކް މީޓީން ހޯލަކާއި ކައުންސިލަރުންގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންފަރެންސް ރޫމެއް ވެސް ހަދާނެ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، އެއީ ކޮންކްރީޓް މަސައްކަތް ނިމިފައިވާ އިމާރާތަކަށް ވުމުން ކުޑަ ހަރަދެއްގައި އެ އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ އެވެ.