Roadha Mihaaru
މަސްދުވަހުން ވިލިމާލޭގައި ބަގީތަކުގެ 24000 ދަތުރު

މަސްދުވަހުން ވިލިމާލޭގައި ބަގީތަކުގެ 24،000 ދަތުރުކޮށްފި

04 މެއި 2023

މިދިޔަ މަހު ވިލިމާލޭގައި ފެށި ބަގީގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މަހެއްގެ ތެރޭގައި 24،000 އަށް ވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު ވިލިމާލޭގައި ފެށި ބަގީގެ ހިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މަހެއްގެ ތެރޭގައި 24،000 އަށް ވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ގިނަ ބަޔަކު މިހާރު ބަގީގެ ހިދުމަތް ހޯދަމުން އަންނަ ކަމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި، އެއް މަސް ތެރޭގައި މުޅި ޖުމްލަ 24،328 ބަގީ ދަތުރުކޮށްފައިވެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބަގީ ދަތުރުތަކުގެ ތަފާސްހިސާބުތައް

• ފޯނު ގުޅައިގެން 15،392 ދަތުރު ނެގި.

• އާންމު ރޫޓުގައި 8،936 ދަތުރު ކުރި.

އޭގެ އިތުރުން މުދާ އުފުލުމަށް ވެސް ބައެއް ބަގީ ދަތުރުތައް ކުރި ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފެށީ މިދިޔަ މަހު ތިނެއްގަ އެވެ. އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން 10 ބަގީ ގެނަ އެވެ. އޭގެ ތެރޭގައި އެކި ކަހަލަ މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ ބަގީއެއް ހިމެނެ އެވެ.

ވިލިމާލޭގައި ދުއްވާ ބަގީތައް: މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަހެއް ތެރޭގައި ބަގީތަކުން 24،000 ދަތުރުކުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިލިމާލޭގައި ދުއްވާ ބަގީތައް: މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަހެއް ތެރޭގައި ބަގީތަކުން 24،000 ދަތުރުކުރި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިދިޔަ ރޯދަމަސް ނިމެންދެން ބަގީ ދަތުރުތައް ކުރީ ހިލެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ސިޓީ ކައުންސިލުން ނަގަނީ 2ރ. އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ، 4 ސީޓްގެ ބަގީއަކަށް 6ރ.، 6 ސީޓްގެ ބަގީއަކަށް 10ރ. އަދި 12 ސީޓްގެ ބަގީއަކަށް 15ރ. އެވެ.

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފެށިއިރު، އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވަނީ އެ އަވަށުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރަކަށް ނަގަނީ 5ރ. އެވެ.