Roadha Mihaaru
އިމްރާން ޚާން ހައްޔަރުކުރުމުން ބޮޑެތި މުޒާހަރާތައް

އިމްރާން ޚާން ހައްޔަރުކުރުމުން ބޮޑެތި މުޒާހަރާތައް

10 މެއި 2023

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން، އެ ގައުމުގެ ފުލުހުން އިއްޔެ ކުއްލި ގޮތަކަށް ހައްޔަރު ކުރުމާ ގުޅިގެން، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައް ފެށި، ކުރިމަތިލުންތައް ހިނގަން ފަށައިފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން، އެ ގައުމުގެ ފުލުހުން އިއްޔެ ކުއްލި ގޮތަކަށް ހައްޔަރު ކުރުމާ ގުޅިގެން، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މުޒާހަރާތައް ފެށި، ކުރިމަތިލުންތައް ހިނގަން ފަށައިފި އެވެ.

ޕާކިސްތާނު ފުލުހުންގެ ތެރޭގައި އޮންނަ ޕެރަމިލިޓަރީ ލަޝްކަރުގެ ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން ހައްޔަރު ކުރީ، ވެރިރަށް އިސްލާމް އާބާދުގެ ހައި ކޯޓުގައި އިއްޔެ އޮތް އަޑުއެހުމަކަށް ވަޑައިގެން އެ ކޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އިމްރާން ޚާން ހައި ކޯޓަށް ވަޑައިގަތީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑުއެހުމަކަށެވެ. ޕެރަމިލިޓަރީ ފުލުހުން އެ ކޮޓަރި ތެރެއަށް ވަދެގަތީ، އެ ކޮޓަރީގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ.

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާއި އިމްރާން ޚާނަށް ތާއީދުކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ފެށިފައިވާ އިރު، ޕާކިސްތާނުގެ އެމްބަސީތައް ހުންނަ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުން މިހާރު ވަނީ އެ ގައުމުތަކުގައި ވެސް މުޒާހަރާތައް ފަށައިފަ އެވެ.

އެ ގޮތުން އިނގިރޭސި ވިލާތުގެ ލަންޑަންގައި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ ބޭބެ ނަވާޒް ޝަރީފް ދިރިއުޅުއްވާ އިމާރާތުގެ ކައިރިއަށް އެތައް ހާސް ބަޔަކު އެއްވެ، އިމްރާން ޚާން ދޫކޮށްލުމަށް އެދި ދަނީ އަޑުއުފުލަމުންނެވެ. އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޕާކިސްތާން އެމްބަސީ ކައިރީގައި ވެސް މުޒާހަރާ ފަށާފައިވާ އިރު، ކެނެޑާގެ ވެރިރަށް ޓޮރޮންޓޯގައި ހުންނަ ޕާކިސްތާން އެމްބަސީ ކުރިމަތީގައި ވެސް ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ޕާކިސްތާނުގައި މިހާރު ފެށިފައިވާ މުޒާހަރާތަކާއި ކުރިމަތިލުންތަކުގައި، އިމްރާން ޚާނަށް ތާއީދުކުރާ މީހުން ދަނީ، ސިފައިންނާއި ފުލުހުންގެ އިމާރާތްތަކަށާޢި އެއްގަމު އުޅަނދުތަކަށް ގެއްލުންދީ ހުޅުޖަހަމުންނެވެ. އަދި އާންމުންގެ ކާރުތަކާއި ފިހާރަތަކުގައި ހުޅުޖަހައި ސުލްހަ މަސަލަސްކަން ނަގައިލުމުގެ ގިނަ އަމަލުތަކެއް ދަނީ ހިންގަމުންނެވެ.

ޕާކިސްތާނު ފުލުހުން ބުނި ގޮތުގައި އިމްރާން ޚާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުއެހުންތައް، ކޯޓުގެ ބަދަލުގައި މީގެ ފަހުން ކުރިއަށް ދާނީ ފުލުހުންގެ އިދާރާގަ އެވެ. އިމްރާން ޚާން މިހާރު ހައްޔަރުކޮށްފައި ހުރީ ފުލުހުންގެ މައި މަރުކަޒުގައި ކަމަށްވާތީ، އިސްލާމް އާބާދުގައި މުޒާހަރާ ކުރާ މީހުން އެއްވެފައި ތިބީ ފުލުހުންގެ މައި މަރުކަޒު ކައިރިއަށެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި އެ ގައުމުގެ ހުޅަނގުދެކުނު ސަހަރެއް ކަމަށްވާ ކުއެޓާގައި އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން އެކަކު ވަނީ މަރުވެފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަން ފެށުމާއެކު، ޕާކިސްތާނުގެ ދާޚިލީ ވުޒާރާގެ އެންގުމަކަށް، އިންޓަނެޓްގެ ޚިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

ޕާކިސްތާނު ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން، އިސްލާމް އާބާދުގެ މަގުތަކަށް ނުކުމެ އަމަން ނަގައިލަން އުޅުނު 43 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް އޭނާ މަގާމުން ދުރުކުރީ، އޭނާގެ މައްޗަށް އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ގަރާރަކުންނެވެ. އެއަށް ފަހު އޭނާ ގެންދަވަނީ ޕާކިސްތާނުގައި މިހާރު އޮތް ސަރުކާރާ ދެކޮޅަށް އަޑު އުފުލައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވައިލައްވަމުންނެވެ.