Roadha Mihaaru
ނުވަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ޔުނައިޓެޑް ސެމީއަށް

ނުވަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ، ޔުނައިޓެޑް އެފްއޭ ކަޕް ސެމީ އަށް

20 މާޗް 2023

މެންޗެސްޓާ (މާޗް 20) - ފަހަތުން އަރައި، ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ފުލަމް 3-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މާޗް 20) - ފަހަތުން އަރައި، ނުވަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ފުލަމް 3-1 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ފުލްމްގެ އެލެކްޒެންޑާ މިޓްރޮވިޗް ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ފުލަމް އަށް މައްސަލަ ދިމާވީ ފަހު ވިހި މިިނިޓުގައި، ސާޅީހަކަށް ސިކުންތު ތެރޭ ރެފްރީ ދެއްކި ތިން ރަތްކާޑާ އެކު އެވެ.

ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ހުސް ގޯލަކަށް ބޯޅަ ފޮނުވާލައި އެއްވަރު ކުރަނިކޮށް ވިލިއަން ހުރަސް އަޅައި ބޯޅަ ބޭރު ކޮށްލުމުން ރެފްރީ ފުރަތަމަ ނިންމީ ޔުނައިޓެޑަށް ކޯނަރެއް ދޭށެވެ. ނަމަވެސް ވީއޭއާރު ބަލައި ރެފްރީ ވަނީ ވިލިއަން އެ ބޯޅަ ދިފާއު ކުރީ އަތުން ކަމަށް ނިންމައިފަ އެވެ.

ފުލަމްގެ މިޓްރޮވިޗް (މ)، ރެފްރީ ކައިރީ ހިތްހަމަނުޖެހުން ފާޅު ކުރަނިކޮށް ވިލިއަން (ކ) އޭނާ ދުރުކުރަން މަސައްކަތް ކުރަނީ. މިޓްރޮވިޗާއި ވިލިއަން އަށް ވެސް ވަނީ މެޗުގައި ރަތް ކާޑު ދައްކާފައި.-- ފޮޓޯ: އޭއެފްޕީ

ފުލަމްގެ މިޓްރޮވިޗް (މ)، ރެފްރީ ކައިރީ ހިތްހަމަނުޖެހުން ފާޅު ކުރަނިކޮށް ވިލިއަން (ކ) އޭނާ ދުރުކުރަން މަސައްކަތް ކުރަނީ. މިޓްރޮވިޗާއި ވިލިއަން އަށް ވެސް ވަނީ މެޗުގައި ރަތް ކާޑު ދައްކާފައި.-- ފޮޓޯ: އޭއެފްޕީ

ހިތްހަމަ ނުޖެހުން ފާޅު ކުރި ފުލަމްގެ ކޯޗު މާކޯ ސިލްވާ ގެ އިތުރުން ވިލިއަން އާއި މިޓްރޮވިޗް އަށް ވެސް ރަތް ކާޑު ދައްކައި ދިން ޕެނަލްޓީ އިން 72 ވަނަ މިނިޓުގައި ޔުނައިޓެޑަށް އެއްވަރު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. އަދި ލޫކް ޝޯ ހުރަސް ކޮށްލި ބޯޅައަކުން 77 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ މާސެލް ސަބިޓްޒާ އެވެ. ޔުނައިޓެޑްގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.

ދެ ވަނަ ހާފުގައި ފުލަމްގެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުގެ ކުރިން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ އެ ޓީމު ސަލާމަތް ކުރަން ފުލަމް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.

ސެމީ ފައިނަލް ގައި ޔުނައިޓެޑް ވާދަ ކުރަން ޖެހޭނީ ބްރައިޓަން އާ ދެކޮޅަށެވެ. ބްރައިޓަން ވަނީ އާދިއްތަ ދުވަހުގެ ރޭ ކުއާޓާ ގެ މެޗުގައި 5-0 އިން ގްރިމްސްބީ ޓައުން ބަލިކޮށްފަ އެވެ. ބްރައިޓަންގެ އިވާން ފާގަސަން ދެ ގޯލު ޖަހައިދިން އިރު ޑެނިސް އުންޑޭވް އާއި ސޮލީ މާޝް އަދި ކައޯރޫ މިޓޯމާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ 6-0 އިން ބާންލީ ބަލިކުރި މެންޗެސްޓާ ސިޓީ ސެމީ ފައިނަލް ގައި ވާދަ ކުރާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. ޝެފީލްޑުން ވަނީ އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 3-2 އިން ބްލެކްބާން ރޯވާސް ބަލިކޮށްފަ އެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުލެން ތާވަލު ކުރެވިފައި ވަނީ އޭޕްރީލް މަހުގެ 22 ނުވަތަ 23 ވަނަ ދުވަހުގެ ރެއަށެވެ.