Roadha Mihaaru
އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޑާބީއެއް

އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޑާބީއެއް

24 އެޕްރީލް 2023

ޕެނަލްޓީ ޖަހައިގެން ބްރައިޓަން 7-6 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޕެނަލްޓީ ޖަހައިގެން ބްރައިޓަން 7-6 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ރޭ ޖާގަ ހޯދައިފި އެވެ.

ޖޫން 3 ވަނަ ދުވަހު އޮންނަ ފައިނަލުގައި ޔުނައިޓެޑް ވާދަކުރާނީ ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ. މިއީ އެފްއޭ ކަޕުގެ ތާރީހުގައި މި މުބާރާތުގެ ފައިނަލުގައި މެންޗެސްޓާ ޑާބީއެއް ފެންނާނެ ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގަށް ވެސް ވާދަކުރާ ސިޓީން އެފްއޭ ކަޕުގެ ފައިނަލުން ޖާގަ ހޯދީ ހޮނިހިރު ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑް 3-0 އިން ބަލިކޮށްގެންނެވެ.

އަނެއްކޮޅުން ޔުނައިޓެޑަށް މި ވަނީ މި ސީޒަނުގައި ދެ ތަށި ހޯދުމުގެ ފުރުސަތު ފަހިވެފަ އެވެ. އެ ޓީމުން ވަނީ ފެބްރުއަރީ މަހު ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ރޭ ޔުނައިޓެޑާއި ބްރައިޓަން ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ވެސް ދެ ޓީމު އޮތީ 0-0 އިން އެއްވަރުވެފަ އެވެ.

ދެ ޓީމުގެ ވެސް ތަރިންނަށްވީ ގޯލްކީޕަރުންނެވެ. އެގޮތުން ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ ގިނަ ބޯޅަތަކެއް މަތަކޮށްފަ އެވެ. އަދި އިތުރު ވަގުތުގެ ތެރޭ ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ޖެހި ނުރައްކާތެރި ބޯޅައެއް، ބްރައިޓަންގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ސަލާމަތްކުރި އެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ދެ ޓީމުން ވެސް ފުރަތަމަ ހަ ޕެނަލްޓީ ކާމިޔާބުކޮށްފައި އޮއްވާ، ބްރައިޓަން އިން ޖެހި ހަތް ވަނަ ޕެނަލްޓީ ސޮލޮމަން ބެންޖަމިން މާޗް އަތުން ބޭކާރުވި އެވެ. އޭގެ ފައިދާ ނަގައި ޔުނައިޓެޑުގެ ވިކްޓަ ލިންދެލޯފް ވަނީ އެ ޓީމުގެ ހަތް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ޓީމު ފައިނަލަށް ގެންގޮސްދީފަ އެވެ.

ސްޕެއިނުގެ ސެވިއްޔާ އަތުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ 3-0 އިން ބަލިވެ ޔުރޮޕާ ލީގުން ކެޓި މެޗަށް އިޝާރާތްކޮށް ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހަގް ބުނީ މިރޭ ފެނުނީ ތަފާތު ޓީމެއް ކަމަށެވެ.

"މިރޭ ޓީމު ވަނީ އަސްލު ކުޅުމަށް ރުޖޫއަވެފައި،" އޭނާ ބުންޏެވެ.