Roadha Mihaaru
ބޭރުން ހާފިޒުން ގެންނަންޖެހޭތީ ރައީސްގެ ކަންބޮޑުވުން

ރޯދައަށް ބޭރުން ހާފިޒުން ގެންނަން ޖެހޭތީ ރައީސްގެ ކަންބޮޑުވުން

20 މާޗް 2023

ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ހާފިޒުން ގެންނަ ކަމަށާއި، އެކަމަށް ދިވެހިން ނުކުންނަން ވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ހާފިޒުން ގެންނަ ކަމަށާއި، އެކަމަށް ދިވެހިން ނުކުންނަން ވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރީތި ރާގުތަކަށް، ތަޖުވީދުގެ ހަމަތަކަށް ގުރްއާން ކިޔަވާ ދިވެހިން ވަރަށް ގިނަ ކަމަށެވެ.

ހާފިޒަކަށް ވުމަށް ފަހު އެގޮތުގައި ދެމިހުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ނަމަވެސް ރާއްޖޭގައި އެ މަސައްކަތް ކުރެވޭ މިންވަރު ދަށް ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ހާފިޒެއްގެ ގޮތުގައި ދެމިހުރުމަށް ކުރެވޭ މަސައްކަތް ތަންކޮޅެއް ދަށްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރޯދަ މަހު ތަރާވީހު ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގެންނަންޖެހޭ އަދަދުން އަޅުގަނޑުމެންނަށް އެކަން ފާހަގަވެގެންދޭ،" ރައީސް ވިދާޅުވި އެވެ.

"ކޮވިޑުގެ ދެ އަހަރު ނޫނިއްޔާ، ކޮންމެ އަހަރަކުވެސް 200 އަށްވުރެ ގިނަ ހާފިޒުން ރާއްޖެއަށް އެބަ ގެނެވޭ."

ރައީސް ވިދާޅުވީ އެ ކަމަކީ ގުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް މިނިސްޓްރީން ވެސް އެކަމާ މެދު ވިސްނައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އެންމެ ކުރިއްސުރެ ކުދިން ޕްރީ ސްކޫލަށް ފޮނުވަން ފެށުމުގެ ކުރިން އަލިފުބާ ދަސްކޮށްދިނުމަކީ މިހާރު ވެސް ކުރަމުން އަންނަ ވަރަށް ރަނގަޅު ކަމެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ގުރްއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށާއި ދީނީ، އިޖްތިމާއީ އަދި އަހުލާގީ މައްސަލަތަކަށް، ގުރްއާނުން ހައްލު ހޯދުމަށް މަސައްކަތް ކުރަން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.