Roadha Mihaaru
ސާއިދަށް ދެ ރަން މެޑަލް، ޖާއިޝާ އަށް ބްރޯންޒް

އިންޑިއަން ގްރޯން ޕްރީ ގައި ސާއިދަށް ދެ ރަން މެޑަލް، ޖާއިޝާ އަށް ބްރޯންޒް

21 މާޗް 2023

އިންޑިއާގެ ޓްރިވެންޑްރަމް ގައި ހޯމަ ދުވަހު ފެށި އިންޑިއަން ގްރޯން ޕްރީ މުބާރާތުން ރާއްޖޭގެ ހަސަން ސާއިދު ދެ ރަން މެޑަލް ހޯދި އިރު، އާމިނަތު ޖާއިޝާ ޖުނީޒް ބްރޯންޒް މެޑަލް އެއް ހޯދައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމް ގައި ހޯމަ ދުވަހު ފެށި އިންޑިއަން ގްރޯން ޕްރީ މުބާރާތުން ރާއްޖޭގެ ހަސަން ސާއިދު ދެ ރަން މެޑަލް ހޯދި އިރު، އާމިނަތު ޖާއިޝާ ޖުނީޒް ބްރޯންޒް މެޑަލް އެއް ހޯދައިފި އެވެ.

ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރާއި 200 މީޓަރުގެ އިވެންޓުންނެވެ. އޭނާގެ ރަސްމީ އިވެންޓް ކަމަށްވާ 100 މީޓަރު ރޭސް ނިންމީ 10.67 ސިކުންތުންނެވެ. އަދި 200 މީޓަރު ރޭސް ނިންމާފައި ވަނީ 21.66 ސިކުންތުންނެވެ.

ޖާއިޝާ ބްރޯންޒް މެޑަލް ހޯދީ އަންހެނުންގެ 800 މީޓަރު ރޭސް 2 މިނިޓް 29.33 ސިކުންތުން ނިންމައިގެންނެވެ. މި އިވެންޓްގެ އެއް ވަނަ ހޯދި ނިއު ދިއްލީގެ ޗަންދާ ދެ މިނިޓް 9.18 ސިކުންތުން ރޭސް ނިންމި އިރު، ދެ ވަނަ ހޯދި ދީކްޝާ ރޭސް ނިންމީ ދެ މިނިޓް 12.06 ސިކުންތުންނެވެ.

މި ދެ އެތުލީޓުންނަކީ ހުކުރު ދުވަހުގެ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގައި، އެތުލެޓިކްސް އިން ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓުގެ މަގާމް ހޯދި ދެ ދުވުންތެރިންނެވެ. ދެ އެތުލީޓުން ވެސް އަންނަނީ ގައުމީ އެތުލެޓިކްސް ޓީމަށް އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ދިން ފުލްޓައިމް ސްކޮލަޝިޕެއްގައި ޓީމާ އެކު ބެންގަލޫރުގައި ތަމްރީން ހަދަމުންނެވެ.

މި މަހުގެ 27 އާ ހަމައަށް ކުރިއަށް ގެންދާ އިންޑިއަން ގްރޯން ޕްރީ ގައި ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ އެތުލީޓުންގެ ތެރެއިން ރިފާ މުހައްމަދު ފިޔަވައި ހުރިހާ އެތުލީޓުން ވެސް ވާދަ ކުރާނެ އެވެ.

ފިރިހެން 800 މީޓަރު ދުވުމުގައި ވާދަކުރި ރާއްޖޭގެ ހުސެއިން ރިޒާ (ކުޑަ ރިޒާ) ރޭސް ނިންމީ ހަތަރު ވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ އެއް މިނިޓް 53.51 ސިކުންތެވެ. މި ރޭސް ކާމިޔާބު ކުރީ އެއް މިނިޓް 47.26 ސިކުންތުން ނިންމި ކްރިޝަން ކުމާރެވެ. ދެ ވަނައަށް ދިޔަ އަންކޭޝް އެއް މިނިޓު 51 ސިކުންތުން ރޭސް ނިންމި އިރު ތިން ވަނައަށް ދިޔަ ޕަރުވޭޖް ރޭސް ނިންމީ އެއް މިނިޓް 51.10 ސިކުންތުންނެވެ.

އަންހެން 100 މީޓަރު އިވެންޓުގައި މަރިޔަމް އަލްހާ ހުސެއިން އާއި އައިޝަތު ޝަބާ ސަލީމް ވާދަ ކޮށްފައި ވާއިރު، 12.71 ސިކުންތުން ރޭސް ނިންމައިގެން އަލްހާ އަށް ލިބުނީ ހަ ވަނަ އެވެ. އަދި 12.86 ސިކުންތުން ރޭސް ނިންމި ޝަބާ އަށް ލިބުނީ ހަތް ވަނަ އެވެ.