Roadha Mihaaru
އިންޑިއާގެ ފަހު މުބާރާތުން ވެސް ސާއިދު މެޑަލް ހޯދައިފި

އިންޑިއަން ގްރޯން ޕްރީގެ ފަހު މުބާރާތުން ވެސް ސާއިދު މެޑަލް ހޯދައިފި

16 އެޕްރީލް 2023

އިންޑިއަން ގްރޯން ޕްރީގެ ހަތަރު ވަނަ މުބާރާތުގައި ވެސް ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު މެޑަލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއަން ގްރޯން ޕްރީގެ ހަތަރު ވަނަ މުބާރާތުގައި ވެސް ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު މެޑަލް ހޯދައިފި އެވެ.

ސާއިދު މި މި ފަހަރު ހޯދީ އޭނާގެ ރަސްމީ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުން ރިހި މެޑަލް އެވެ. އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީގެ ހަތަރު މުބާރާތުން މުޅިއެކު ހަތް މެޑަލް ހޯދައިފަ އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ފުރަތަމަ މުބާރާތުގައި 100 މީޓަރާއި 200 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދިއިރު، ދެ ވަނަ މުބާރާތުގައި 100 މީޓަރު ދުވުމުން ލޯ މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި އެވެ. އޭނާ ވަނީ މިދިޔަ ހަފްތާ ބެންގަލޫރުގައި ބޭއްވި މުބާރާތުގެ މި ދެ އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.

ބެންގަލޫރުގައި އިއްޔެ ބޭއްވި މި ސީރީޒްގެ ފަހު މުބާރާތުގެ 100 މީޓަރު އިވެންޓުން ވަނަ ހޮވީ ތިން ހީޓެއްގެ ޓައިމިންއަށް ބަލައިގެންނެވެ. އެގޮތުން ސާއިދު ވަނީ ދެވަނަ ހީޓުގައި ދުވެ 10.66 ސިކުންތުން ރޭސް ފުރިހަމަ ކޮށްފަ އެވެ. އެންމެ ބާރަށް ދުވީ ފުރަތަމަ ހީޓުން އައްސާމްގެ އަމްލާން ބޯގޮހޭން އެވެ. އޭނާގެ ޓައިމިން އަކީ 10.53 ސިކުންތެވެ. ތިންވަނައިގައި ނިންމީ، 10.90 ސިކުންތުން ތިންވަނަ ހީޓު ފުރިހަމަކުރި ކަރުނާޓަކާގެ އަރުޔާން މަނޯޖް އެވެ.

މުބާރާތުގެ 400 މީޓަރު އިވެންޓުގައި ދުވި ހަސަން ޒީކް ސައުދުގެ ޓައިމިން އަކީ 52.62 ސިކުންތެވެ. އަދި ހުސެއިން ފަޒީލް ހާރޫން 1500 މީޓަރު ދުވެފައި ވަނީ ހަތަރު މިނިޓާއި 6.71 ސިކުންތުންނެވެ.

އަންހެން 200 މީޓަރު ރޭސް އައިޝަތު ޝަބާ ސަލީމް އަށް ނިންމުނީ 27.70 ސިކުންތުންނެވެ. އަދި ޒިވާ މޫސާ ޝަފީއު އަށް 400 މީޓަރު ފުރިހަމަ ކުރެވުނީ އެއް މިނިޓު 0.39 ސިކުންތުންނެވެ.

އިންޑިއަން ގްރޯން ޕްރީ ގައި ދުވެފައި ވަނީ، މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕެއްގައި، ބެންގަލޫރުގައި ތަމްރީނު ކުރަމުން ގެންދާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ ބައެއް ދުވުންތެރިންނެވެ.

ރާއްޖޭގެ އިތުރު ދުވުންތެރިން ހޯދި މެޑަލްތަކަށް ބަލައިލާއިރު، މާޗު މަހު ޓްރިވެންޑްރަމްގައި ބޭއްވި ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުން ރާއްޖޭގެ އަންހެން ދުވުންތެރިޔާ އާމިނަތު ޖާއިޝާ ޖުނީޒް ވަނީ 800 މީޓަރު އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ. އަދި މިދިޔަ ހޯމަ ދުވަހު ބެންގަލޫރުގައި އޮތް ތިން ވަނަ މުބާރާތުގައި ޒިވާ މޫސާ ޝަފީއު ވަނީ 200 މީޓަރު އިވެންޓުން ލޯ މެޑަލް ހާސިލް ކޮށްފަ އެވެ.