Roadha Mihaaru
ގްރޯން ޕްރީ 2 ގައި ސާއިދަށް ރިއްސަކާއި ލޯ މެޑައްޔެއް

އިންޑިއަން ގްރޯން ޕްރީ 2 ގައި ސާއިދަށް ރިއްސަކާއި ލޯ މެޑައްޔެއް

27 މާޗް 2023

އިންޑިއާގެ ޓްރިވެންޑްރަމް ގައި މިހާރު ކުރިއަށް ދާ އިންޑިއަން ގްރޯން ޕްރީ 2 ގައި 100 މީޓަރު ދުވުމުން ތިންވަނަ އަދި 200 މީޓަރު ދުވުމުން ދެވަނަ ރާއްޖޭގެ ހަސަން ސާއިދު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގެ ޓްރިވެންޑްރަމް ގައި މިހާރު ކުރިއަށް ދާ އިންޑިއަން ގްރޯން ޕްރީ 2 ގައި 100 މީޓަރު ދުވުމުން ތިންވަނަ އަދި 200 މީޓަރު ދުވުމުން ދެވަނަ ރާއްޖޭގެ ހަސަން ސާއިދު ހޯދައިފި އެވެ.

މިއަދު ކުރިއަށް ދިޔަ 100 މީޓަރު އިވެންޓް ގައި ސާއިދު ތިންވަނަ ހޯދީ 10.76 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނަ ހޯދީ 10.65 ސިކުންތުން ރޭސް ފުރިހަމަ ކުރި ހަރިޔާނާގެ ސަންޖީތެވެ. އަދި 10.66 ސިކުންތުން ރޭސް ނިންމައިގެން ދެވަނަ ހޯދީ އޮޑީޝާގެ އަމިޔާ ކުމާރު މަލިކް އެވެ.

ދުއިސައްތަ މީޓަރު އިވެންޓުގައި ދުވެގެން ސާއިދު ރޭސް ފުރިހަމަ ކުރީ 21.61 ސިކުންތުންނެވެ. އެއްވަނަ ހޯދީ 21.54 ސިކުންތުން ރޭސް ނިންމި ކެރެލާގެ މުހައްމަދު އަނަސް ޔަހްޔާ އެވެ. ތިންވަނައަށް ދިޔައީ 21.63 ސިކުންތުން ރޭސް ނިންމި ޓެމިލް ނާޑޫގެ ކަވޭން އެވެ.

މި ދެ އިވެންޓް ވެސް ކުރިއަށް ގެންދިޔައީ ދެ ހީޓަށެވެ. އެންމެ ރަނގަޅު ތިން އެތުލީޓުން ހޮވީ ދެ ހީޓުގެ ޓައިމިން އަށް ބަލައިގެންނެވެ. ސަތޭކަ މީޓަރު އިވެންޓް ގައި ސާއިދު ވަނީ ވާދަކުރި ހީޓުގެ އެއްވަނަ ހޯދައިފަ އެވެ. އަދި 200 މީޓަރު އިވެންޓް ގައި ސާއިދު ވާދަކުރި ހީޓުން ލިބުނީ ދެވަނަ އެވެ.

ސަތޭކަ މީޓަރު އިވެންޓުގައި ރާއްޖޭގެ އަހުމަދު ނަޖުދާން އަބްދުﷲ ވެސް ވަނީ ސާއިދާ އެއް ހީޓެއްގައި ވާދަ ކޮށްފަ އެވެ. އޭނާ ރޭސް ނިންމާފައި ވަނީ 11.59 ސިކުންތުންނެވެ.

މީގެ ހަފްތާއެއް ކުރިން ބޭއްވި އިންޑިއަން ގްރޯން ޕްރީ 1 ގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓުން ވެސް ރަން މެޑަލް ހާސިލް ކޮށްފަ އެވެ.

މިއަދު އޮތް އަންހެން 100 މީޓަރު ދުވުމުގައި ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން އާއި އާއިޝަތު ޝަބާ ސަލީމް ވަނީ ވާދަ ކޮށްފަ އެވެ. އަލްހާ ވަނީ 12.82 ސިކުންތުން ރޭސް ނިންމައި ހަވަނަ ހޯދައިފަ އެވެ. އަދި 12.93 ސިކުންތުން ރޭސް ނިންމި ޝަބާ އަށް ލިބުނީ ހަތްވަނަ އެވެ.

އަންހެން 400 މީޓަރު ދުވުމުގައި ރާއްޖޭގެ ޒިވާ މޫސާ ޝަފީއު ވާދަ ކޮށްފައި ވާއިރު، އޭނާ ރޭސް ނިންމީ އެއް މިނިޓާއި 1.13 ސިކުންތުންނެވެ. އަދި ފިރިހެން 1500 މީޓަރު ދުވުމުގައި ވާދަކުރި ހުސެއިން ރިޒާ ރޭސް ފުރިހަމަ ކޮށްފައި ވަނީ ހަތަރު މިނިޓާއި 6.80 ސިކުންތުންނެވެ.

އިންޑިއަން ގްރޯން ޕްރީ ގައި ވާދަކުރާ ދިވެހި އެތުލީޓުންނަކީ މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕެއްގައި ބެންގަލޫރުގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ ގައުމީ ޓީމުގެ އެތުލީޓުންނެވެ.