Roadha Mihaaru
ގްރޯންޕްރީ 3 ގައި ސާއިދާއި ޒިވާ މެޑަލް ހޯދައިފި

އިންޑިއަން ގްރޯން ޕްރީ 3 ގައި ސާއިދާއި ޒިވާ މެޑަލް ހޯދައިފި

12 އެޕްރީލް 2023

އިންޑިއާގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުގައި ހަސަން ސާއިދާއި ޒިވާ މޫސާ ޝަފީއު ވެސް މެޑަލް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިންޑިއާގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުގައި ހަސަން ސާއިދާއި ޒިވާ މޫސާ ޝަފީއު ވެސް މެޑަލް ހޯދައިފި އެވެ.

މިއަހަރު އޮތް އިންޑިއަން ގްރޯން ޕްރީގެ އެއްވަނަ އަދި ދެވަނަ މުބާރާތުގައި ވެސް މެޑަލް ހޯދި ސާއިދު ވަނީ، މި މުބާރާތުގެ 100 މީޓަރާއި 200 މީޓަރުގެ ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

އެގޮތުން 100 މީޓަރު ދުވުމުން ވަނަ ހޮވީ ތިން ހީޓެއްގެ ޓައިމިންއަށް ބަލައިގެންނެވެ. ސާއިދު ވަނީ އޭނާ ދުވި ހީޓްގެ ވެސް ތިންވަނަ ހޯދައިފަ އެވެ. ސާއިދު ރޭސް ނިންމީ 10.61 ސިކުންތުންނެވެ. ދެވަނަ ހޯދި އޮޑީޝާގެ އަމިޔާ ކުމާރު މަލިކް ރޭސް ނިންމީ 10.52 ސިކުންތުންނެވެ. އަދި އެއްވަނަ ހޯދި އައްސާމްގެ އަމްލާން ބޯގޮހޭން ރޭސް ނިންމީ 10.50 ސިކުންތުންނެވެ.

ސަތޭކަ މީޓަރު އިވެންޓުގައި ދާދި ފަހުން އިންޑިއާގައި ތަމްރީނުކުރާ ރާއްޖޭގެ ގައުމީ އެތުލެތިކްސް ޓީމާ ގުޅުނު އާދަމް ރިއްފަތު ވެސް ދުވެފައި ވެއެވެ. ރިއްފަތުގެ ޓައިމިން އަކީ 11.55 ސިކުންތެވެ.

ދުއިސައްތަ މީޓަރު ދުވުމުގައި ސާއިދާއި ރިއްފަތު ވެސް ވަނީ އެއް ހީޓެއްގައި ދުވެފަ އެވެ. ސާއިދު ތިންވަނަ ހޯދީ 21.72 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ދެވަނަ ހޯދީ 21.53 ސިކުންތުން ރޭސް ނިންމި ޗައްޓީޝްގަރުގެ އަނިމޭޝް ކުޖުރެވެ. އައްސާމްގެ އަމްލާން ބޯގޮހޭން އެއްވަނަ ހޯދީ 21.20 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިއްފަތު ރޭސް ނިންމީ 22.96 ސިކުންތުންނެވެ.

ބެންގަލޫރުގައި ހޯމަ ދުވަހު އޮތް މުބާރާތުގައި ރާއްޖޭގެ އަންހެން ދުވުންތެރިޔާ ޒިވާ ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 26.84 ސިކުންތުންނެވެ.

ޒިވާ އާއެކު 200 މީތަރު ދުވުމުގައި ރިފާ މުހައްމަދު ވެސް ދުވި އެވެ. ހަތަރުވަނައިގައި ނިންމި ރިފާގެ ޓައިމިން އަކީ 28.35 ސިކުންތެވެ. ރޭހުން ދެވަނައަށް ދިޔައީ 24.88 ސިކުންތުން ދުވި ކަރްނާޓަކާގެ ޖޮއިތިކާ އެވެ. އަދި އެއްވަނަ ހޯދީ 23.77 ސިކުންތުން ރޭސް ނިންމި އައްސާމްގެ ހިމާ ދާސް އެވެ.

އަންހެން 100 މީޓަރު ރޭހުގައި ދުވީ މަރިޔަމް އަލްހާ ހުސެއިން އާއި އައިޝަތު ޝަބާ ސަލީމް އެވެ. އަލްހާ ރޭސް ނިންމީ ހަވަނައިގަ އެވެ. އޭނާގެ ޓައިމިން އަކީ 12.85 ސިކުންތެވެ. އަދި 13.05 ސިކުންތުން ރޭސް ނިންމި ޝަބާ ދިޔައީ އަށްވަނައަށެވެ.

އަންހެން 800 މީޓަރު ރޭހުގައި ދުވި އައިޝަތު ޖާއިޝާ ޖުނީޒް ރޭސް ފުރިހަމަކުރީ ދެ މިނިޓާއި 32.42 ސިކުންތުންނެވެ. ހުސެއިން ރިޒާ (ކުޑަ ރިޒާ) އާއި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވަނީ ފިރިހެން 800 މީޓަރު ރޭހުގައި ދުވެފަ އެވެ. ކުޑަ ރިޒާ ރޭސް ނިންމީ އެއް މިނިޓާއި 54.64 ސިކުންތުންނެވެ. ފްލޭޝްގެ ޓައިމިންއަކީ އެއް މިނިޓާއި 57.92 ސިކުންތެވެ.

މި އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރު ވުމުގެ ގޮތުން، އިންޑިއާގެ ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލާޝިޕެއްގައި ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ ބައެއް ދުވުންތެރިން އަންނަނީ ތަމްރީނު ކުރަމުންނެވެ.

ހޮނިހިރު ދުވަހު ބެންގަލޫރުގައި އޮންނަ އިންޑިއަން ގްރޯން ޕްރީގެ ހަތަރުވަނަ މުބާރާތުގައި ވެސް ރާއްޖޭގެ ދުވުންތެރިން ވާދަ ކުރާނެ އެވެ.