Roadha Mihaaru
"ޔުރޮޕާ ލީގަށް އިސްކަންދިނީ ހާލަތަށް ވިސްނާފައި"

ޔުރޮޕާ ލީގަށް އިސްކަންދިނީ ހާލަތަށް ވިސްނާފައި: މޮރީނިއޯ

11 މެއި 2017

މެންޗެސްޓާ (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގަށް ވުރެ ބޮޑަށް ޔުރޮޕާ ލީގަށް މެންޗެސްޓާ ޔުނައިޓެޑުން އިސްކަންދިނީ ހާލަތަށް ވިސްނާފައި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މެއި 11) - އިނގިރޭސި ޕްރިމިއާ ލީގަށް ވުރެ ބޮޑަށް ޔުރޮޕާ ލީގަށް މެންޗެސްޓާ ޔުނައިޓެޑުން އިސްކަންދިނީ ހާލަތަށް ވިސްނާފައި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ނުކުންނާނީ ސެލްޓަ ވިގޯއާ ދެކޮޅަށެވެ. ސެލްޓަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ވަނީ މިދިޔަ ހަފްތާގައި 1-0 އިން މޮޅުވެފަ އެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ ލީގަށް ވުރެ ބޮޑަށް ޔުރޮޕާ ލީގަށް އިސްކަންދިނުމަށް ނިންމުމަކީ ފަސޭހަ ނިންމުމެއް ކަމަށެވެ.

"ހަތް ހަފްތާ ތެރޭގައި 16 ކުޅުންތެރިން ލައިގެން 17 މެޗު ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވެ އެ ހާލަތުގައި ނިންމި ވަރަށް ފަސޭހަ ނިންމުމެއް މިއީ. އެއްގޮތަކަށް ވެސް މި ނިންމުން ނިންމައިގެން މާޔޫސްވާކަށް ނުޖެހޭނެ،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ލެގުގައި ސެލްޓަ އަތުން މޮޅުވެފައި އޮތުމަކީ ލިބޭ ކުޑަ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މި ވަގުތު ސްކޯ ބޯޑުން އަހަރެމެންނަށް އެޑްވާންޓޭޖެއް އެބައޮތް. އެކަމަކު ސެލްޓަ އިން އެންމެ ލަނޑެއް ޖެހުމާ އެކު އެ އެޑްވާންޓޭޖް ވެސް އެ ގެއްލުނީ. ކުރީގެ މެޗަށް ބަލައިގެން މި މެޗަށް ތައްޔާރެއް ނުވަން. ވިސްނުމަކީ މޮޅުވުން،" މޮރީނިއޯ ބުންޏެވެ.

ސެލްޓަގެ ކޯޗު އެޑުއާޑޯ ބެރީޒޯ އެ ޓީމުން ހިތްވަރު ހޯދާނީ 2012 ވަނަ އަހަރު ޔުނައިޓެޑްގެ މައްޗަށް ޔުރޮޕާ ލީގުގައި ކުރި ހޯދި މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ކުޅުނު އެތުލެޓިކް ބިލްބާއޯގެ ކިބައިން ކަމަށެވެ. ބިލްބާއޯ ވަނީ އެ ފަހަރު ދެ ލެގުގައި ވެސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ޔުނައިޓެޑް ދަނޑުގައި މޮޅުވީ 3-2 އިންނެވެ.

"އަހަރެމެން ޔުނައިޓެޑް ދަނޑުގައި މި މެޗަށް ނުކުންނައިރު ހިތްވަރު ހޯދާނީ ބިއެލްސާ އާއި ބިލްބާއޯ އެ ފަަހަރު ދެއްކި މޮޅު ކުޅުމުން. އޭރު ބިލްބާއޯގައި ތިބި ފަދަ ކުޅުންތެރިން މިހާރު ސެލްޓަގައި އެބަތިބި. ބޭނުންވަނީ ހިތްވަރާ އެކު މަސައްކަތް ކުރަން،" ބެރީޒޯ ބުންޏެވެ.

މިރޭގެ މެޗަށް ޔުނައިޓެޑްގެ ފަހަތަށް ކުޅޭ އެންޓޯނިއޯ ވެލެންސިއާ ފިޓްވެފައިވާއިރު، ސެލްޓަގެ ފޯވާޑް ޖިއުސެޕޭ ރޮސީ ހުރީ އަނިޔާގަ އެވެ.

ޔުނައިޓެޑާއި ސެލްޓަ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.