Roadha Mihaaru
"ޗެމްޕިއަންސް ލީގަށް ނުދެވިއްޖެއްޔާ ހިތްނުފުރޭނެ"

ޗެމްޕިއަންސް ލީގަށް ނުދެވިއްޖެއްޔާ ހިތްނުފުރޭނެ: މޮރީނިއޯ

04 މެއި 2017

ވިގޯ، ސްޕެއިން (މެއި 4) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑަށް ޖާގައެއް ނުލިިބިއްޖެނަމަ އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް ނުފުރޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވިގޯ، ސްޕެއިން (މެއި 4) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑަށް ޖާގައެއް ނުލިިބިއްޖެނަމަ އެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތް ނުފުރޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޔުނައިޓެޑަށް ދެ މަގެއް އެބައޮތެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ނޫނީ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެންނެވެ. މޮރީނިއޯ މީގެ ކުރިން ބުނެފައިވަނީ ލީގުގެ މެޗުތައް ދާގޮތުން ޔޫރޮޕާ ލީގަށް ހާއްސަ ސަމާލުކަމެއްދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނަކީ ޗެމްޕިއަންސް ލީގު ފެންވަރު ކުޅުންތެރިން. މި ޓީމަކީ އެ މުބާރާތުގައި ކުޅެން ޖެހޭ ފަދަ ބޮޑު ކްލަބެއް. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ނުލިބިއްޖެނަމަ މި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ހިތެއް ނުފުރޭނެ،" މޮރީނިއޯ ބުންޏެވެ. "ލީގު ކަޕްގެ ކާމިޔާބީގެ އުފާ ލިބޭނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީންވުމުން."

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި މިރޭ ޔުނައިޓެޑް ރަށުން ބޭރުގައި ނުކުންނާނީ ސްޕެއިނުގެ ސެލްޓަ ވިގޯއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ޔުނައިޓެޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން ފާއިތުވި މެޗުތަށް ގެއްލުނު ޕައުލް ޕޮގްބާ އާއި ކްރިސް ސްމޯލިން އަދި ފިލް ޖޯންސް މި މެޗަށް ފިޓްވެފައިވުމެވެ.

މޮރީނިއޯ ބުނީ އަނިޔާއިން ރަނގަޅުވެ ޓީމާ ކުުޅުންތެރިން ގުޅުމަކީ ކުޑަ ހިތްހަމަ ޖެހުމެެއް ކަމަށެވެ.

"ކުޅުންތެރިން އަނިޔާއިން ރަނގަޅުވެ ޓީމާ ގުޅުމުން އެބައޮތް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް. އެކަމަކު އެ އަށް ވުރެން ބޮޑު ކަންބޮޑުވުމަކީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް ޕްރިމިއާ ލީގުގައި ދެން ކުޅެން ޖެހޭ ދެ މެޗަކީ އާސެނަލާއި ޓޮޓެންހަމާ ދެކޮޅަށް ރަށުންބޭރުގައި ކުޅެން ޖެހޭ ދެ މެޗެވެ. އެ ދެ މެޗުގެ މެދުތެރެއިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގު ކުޅެން ޖެހެ އެވެ. މޮރީނިއޯ ބުނީ ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުމުގެ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށެވެ.

ޔުނައިޓެޑާއި ސެލްޓާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:05 ގަ އެވެ.