Roadha Mihaaru
ޔުނައިޓެޑަށް އޮތީ ޒަހަރުލާފައިވާ ހަދިޔާއެއް: މޮރީނިއޯ

ޔުނައިޓެޑަށް ދީފައިވަނީ ޒަހަރުލާފައިވާ ހަދިޔާއެއް: މޮރީނިއޯ

30 ސެޕްޓެމްބަރ 2016

މެންޗެސްޓާ (ސެޕްޓެމްބަރު 30) - ކުރިއަށް ހުރި މެޗުތައް ރޭވިފައިވާ ގޮތުން މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ ޒަހަރުލާފައިވާ ހަދިޔާއެއް ކަމަށް ބުނެ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ސެޕްޓެމްބަރު 30) - ކުރިއަށް ހުރި މެޗުތައް ރޭވިފައިވާ ގޮތުން މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ ޒަހަރުލާފައިވާ ހަދިޔާއެއް ކަމަށް ބުނެ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޔޫރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޔޫކްރޭންގެ ޒޯރްޔާ އަތުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ ޒަލަޓަން އިބްރަހިމޮވިޗް އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ޕްރިމިއާ ލީގުގައި މެޗުތައް ރޭވިފައިވާ ގޮތާ މެދު ޝަކުވާކޮށްފަ އެވެ.

ޔޫރޮޕާ ލީގުގައި ދެން ޔުނައިޓެޑް ކުޅޭނީ އަންނަ މަހު 20 ވަނަ ދުވަހު ފެނަބާޗޭއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ކުރިން ހޯމަ ދުވަހުގެރޭ ޕްރިމިއާ ލީގުގައި ރަށުންބޭރުގައި ޔުނައިޓެޑް ކުޅޭނީ ލިވަޕޫލާ އެވެ.

"ލިވަޕޫލާ ދެކޮޅަށް އަހަރެމެންނަށް ކުޅެވިދާނެ ހޮނިހިރު ނޫނީ އާދިއްތަ ދުވަހުގައި. އެކަމަކު އެ މެޗު ވެސް މިއޮތީ ހޯމަ ދުވަހުގައި. މިއީ އަހަރެމެންނަށް ލިބިފައިވާ ޒަހަރުލާފައިވާ ހަދިޔާއެއް. ވަރުގަދަ ދެ ޓީމާ ގާތްގާތުގައި ކުޅުމަކީ ފަސޭހަކަމެއް ނޫން. އަހަރެމެންގެ ޓީމުގެ ހާލަތު އޮންނާނީ މެޗު ކުޅެވޭނެ ފެންވަރުގައިތޯ ވެސް ސުވާލު އުފެދޭ،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޕްރިމިއާ ލީގުގައި ކުޅޭ މަޝްހޫރު ބައެއް ޓީމުތަކަކީ ޔޫރަޕްގައި މި ފަހަރުގައި ނުކުޅޭ ޓީމުތައް ކަމަށް ވުމުން އެ ޓީމުތަކަށް ކޮންމެ ދުވަހެއްގައި މެޗުތައް ކުޅެން ޖެހުމުން ގެއްލުމެއް ނެތް ކަމަށެވެ.

ރޭގެ މެޗުގައި އިބްރަހިމޮވިޗް ޖެހި ލަނޑަކީ ދިހަ މެޗުން އެ ޓީމަށް ކާމިޔާބު ކޮށްދިން ހަ ވަނަ ލަނޑެވެ. މޮރީނިއޯ ވަނީ މެޗަށް ފަހު އިބްރަހިމޮވިޗާއި މުޅި ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ކޮށްފަ އެވެ.