Roadha Mihaaru
ޔުރޮޕާ ލީގު ނަގަނީ ސީރިއަސްކޮށް: މޮރީނިއޯ

ޔުރޮޕާ ލީގު ނަގަނީ ސީރިއަސްކޮށް: މޮރީނިއޯ

24 ނޮވެމްބަރ 2016

މެންޗެސްޓާ (ނޮވެމްބަރު 24) - ޔޫރަޕްގައި މުހިއްމު ނޫން މުބާރާތެއް ނޯންނާނެ ކަމަށާއި ޔޫރޮޕާ ލީގާ މެދު މެންޗެސްޓާ ޔުނައިޓެޑް ދެކެނީ ސީރިއަސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ނޮވެމްބަރު 24) - ޔޫރަޕްގައި މުހިއްމު ނޫން މުބާރާތެއް ނޯންނާނެ ކަމަށާއި ޔޫރޮޕާ ލީގާ މެދު މެންޗެސްޓާ ޔުނައިޓެޑް ދެކެނީ ސީރިއަސްކޮށް ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗުންވީ ބައްޔެވެ. ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ފެނަބާޗޭ އާއި ދެ ވަނައިގައި އޮތް ފެޔަނޫޑަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ޒޯރްޔާ އަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ފެޔަނޫޑާ ދެކޮޅަށެވެ. މޮރީނިއޯ ބުނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން މި މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމު ކަމަށެވެ.

"ވަރަށް ގިނަ ބަޔަކު ބުނޭ ޔުނައިޓެޑުން ޔޫރޮޕާ ލީގަށް މާ ބޮޑު ސަމާލުކަމެއް ނުދެޔޭ. އެކަމަކު ވިސްނަންޖެހޭ އެންމެ ބޮޑު ކަމަކީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި އާދައިގެ މުބާރާތެއް ނުކުޅޭނެ. ޔޫރޮޕާ ލީގަކީ ވެސް މުހިއްމު މުބާރާތެއް. މި މުބާރާތް ކާމިޔާބު ކޮށްގެން ޗެމްޕިއަންސް ލީގަށް ދެވެން އެބައޮވޭ. މިރޭ ފެޔަނޫޑާ ދެކޮޅަށް ޔުނައިޓެޑުން ނުކުންނާނީ މި ހުރިހާ ކަމަކަށް ވިސްނައިގެން ތިން ޕޮއިންޓް ހޯދަން،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އެންމެ ފަހުން ޔޫރޮޕާ ލީގުގައި ކުޅުނީ 2003 ވަނަ އަހަރު ޕޯޓޯ ގޮވައިގެންނެވެ. އޭގެ ފަހުން އޭނާ ހަވާލުވި އެއްވެސް ކްލަބެއް މި މުބާރާތުގައި ނުކުޅެ އެވެ.

ޔުނައިޓެޑުން ވަނީ މި މެޗަށް ނެގި ސްކޮޑުން އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް ފުރުސަތު ދީފަ އެވެ. މޮރީނިއޯ ބުނީ މި މެޗުން މިކިތާރްޔަން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ސީޒަނުގައި ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޔުނައިޓެޑަށް ބަދަލުވި ޒަލަޓަން އިބްރަހިމޮވިޗްގެ އެއްބަސްވުން އާ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުގެ ދަނޑުގައި ފެޔަނޫޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1:05 ގަ އެވެ.