Roadha Mihaaru
މެސީ އާޖެންޓީނާއަށް ޖެހި ގޯލުގެ އަދަދު 100 އަށް

މެސީގެ ހެޓްރިކާ އެކު އާޖެންޓީނާއަށް ޖަހައިދިން ގޯލުގެ އަދަދު 100 އިން މައްޗަށް

29 މާޗް 2023

ސެންޓިއާގޯ ޑެލް އެސްޓީރޯ، އާޖެންޓީނާ (މާޗު 29) - ރަހުމަތްތެރިކަމުގެ މެޗެއްގައި، ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ކިއުރަސާއޯ އާ ދެކޮޅަށް ކުޅެ 7-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކުރި ހެޓްރިކާ އެކު ގައުމީ ޓީމަށް 102 ގޯލު ހަމަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެންޓިއާގޯ ޑެލް އެސްޓީރޯ، އާޖެންޓީނާ (މާޗު 29) - ރަހުމަތްތެރިކަމުގެ މެޗެއްގައި، ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ކިއުރަސާއޯ އާ ދެކޮޅަށް ކުޅެ 7-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކުރި ހެޓްރިކާ އެކު ގައުމީ ޓީމަށް 102 ގޯލު ހަމަކޮށްފި އެވެ.

ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ ހަފްތާގަ އެވެ. ޕެނަމާއާ ދެކޮޅަށް 2-0 އިން މޮޅުވި އެ މެޗުގެ ފަހު ވަގުތު ހިލޭޖެހުމަކުން މެސީ، 35، ވަނީ ގައުމީ ޖޯޒީގައި 99 ވަނަ ލަނޑު ޖަހައިފަ އެވެ. އަދި އެ ގޯލާ އެކު އޭނާ ވަނީ ކެރިއަރުގައި 800 ގޯލު ހަމަ ކޮށްފަ އެވެ.

ރާއްޖެ ގަޑިން ރޭ ފަތިހު ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ އޭނާ ގައުމީ ޓީމަށް ކުޅެދިން 173 ވަނަ މެޗުގެ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ. މެޗުގެ 20 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދޭން މެސީ ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 100 ވަނަ ގޯލެވެ.

މެސީގެ ހެޓްރިކުގެ އިތުރުން ފިއޮރެންޓީނާ އަށް ކުޅޭ ފޯވާޑް ނިކޮލަސް ގޮންޒާލެޒް އާއި ދާދި ފަހުން ޗެލްސީ އަށް ބަދަލުވި މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ވެސް ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހައިފަ އެވެ. ފަހު ހާފުގައި އާޖެންޓީނާ އަށް ލަނޑުތައް ޖަހައިދިނީ އެންހެލް ޑި މާރިއާ އާއި ގިންޒާލޯ މޮންޓިއާލް އެވެ.

މެސީ އަކީ އާޖެންޓީނާ ގައުމީ ޓީމަށް ވެސް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ލިސްޓުގެ ދެވަނައިގައި އޮތީ 56 ގޯލު ޖަހާފައިވާ ކުރީގެ ސްޓްރައިކަރު ގެބްރިއެލް ބަޓިސްޓޫޓާ އެވެ.

މިއާ އެކު ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ ލަނޑު ޖަހައިދީފައިވާ ލިސްޓުން ޖާގަ ހޯދާފައިވާ މެސީ މިވަގުތު އޮތީ މި ލިސްޓުގެ ތިންވަނައިގައ އެވެ. އެއްވަނައިގައި އޮތީ 122 ލަނޑު ޖަހައިފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ދެވަނައިގައި އޮތީ 109 ލަނޑު ޖަހައިދީފައިވާ އިރާނުގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ.