Roadha Mihaaru
"މިއުޅެނީ އެމްޑީޕީއަށް އެންމެ ފައިދާވާނެގޮތް ހޯދަން"

ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް މިކުރަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތް ހޯދަން: ހަސަން ލަތީފް

30 މާޗް 2023

ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކަމަށާއި އެ މަޝްވަރާގެ ތެރޭގައި ސަރުކާރު އޮންނާނެ ގޮތާއި ނިޒާމީ ވޯޓާ ގުޅޭ މަޝްވަރާތައް ވެސް ހިނގަމުން އަންނަ ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކަމަށާއި އެ މަޝްވަރާގެ ތެރޭގައި ސަރުކާރު އޮންނާނެ ގޮތާއި ނިޒާމީ ވޯޓާ ގުޅޭ މަޝްވަރާތައް ވެސް ހިނގަމުން އަންނަ ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އިސްވެ އޮވެ، ކޯލިޝަނެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމުގެ މަޝްވަރާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބައިވެރިވެ އެވެ.

ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިރޭ ކުނޫޒުގައި އޮތް ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެ މަޝްވަރާ ބައްދަލުވުންތަކަކީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން އެމްޑީޕީގެ ފަރާތުން ބައިވެރިވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކެއް ކަމަށެވެ.

"އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް ރައީސް ނަޝީދު އަބަދުވެސް މަސައްކަތްކުރައްވާނީ. އަދި ރައީސް ނަޝީދު މިހާރު ޖުމްހޫރީ ޕާޓީއާ އެކު ކުުރައްވާ މަސައްކަތަކީ ވެސް އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތެއް ހޯދުމަށް ކުރާ މަސައްކަތެއް،" ހަަސަން ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ވެސް އެ ޕާޓީން ޕްރައިމަރީއެއް ބާއްވައި، އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވި ކަމަށެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވީ އެ ކެންޑިޑޭޓު ނޫން ކަމަށާއި އޭރު ވެސް އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެ މަޝްވަރާ ބައްދަލުވުންތަކާ ގުޅިގެން، އަސާސީ ގަވާއިދާ ހިލާފަށް ކަމެެއް ކުރެވޭ މަންޒަރު އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ނަޝީދުގެ މަންދޫބުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ އެކު ނަޝީދުގެ މަންދޫބުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށްދާ މަޝްވަރާތަކަށް އަލިއަޅުއްވާލައްވައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރު އޮންނާނެ ގޮތުގެ މަޝްވަރާ އާއި ނިޒާމީ ވޯޓަކަށް ދާނެ ގޮތުގެ މަޝްވަރާތަކާއި މެނިފެސްޓޯއާ ގުޅޭ މަޝްވަރާތައް ވެސް އެބަކުރެވެ އެވެ. އެކަމަކު އެއީ މިހާރު ކުރެވެމުންދާ މަޝްވަރާތަކަށްވާތީ އެކަމުގެ ތަފްސީލު އަދި ދެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ކޯލިޝަނެއް ހެދުމުގެ މަސައްކަތްކުރާއިރު އެގްރީމެންޓްތައް ވެސް އޮންނާނެ ކަމަށާއި އޭގެ މަޝްވަރާތައް ކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް އެގްރީމެންޓެއްގައި އަދި ސޮއިނުކުރާ ކަމަށެވެ. މިހާތަނަށް އެގްރީމެންޓެއްގައި ސޮއި ނުކުރިޔަސް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ "އެދިމާލަށް ދިއުމަށް ކުރާ މަސައްކަތްތަކެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ އިސްވެރިންނާ އެކު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ ދެ ދުވަހެއް ކުރިން އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރިއިރު އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒު ވަކިކޮށްފަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ނަޝީދު ފެކްޝަނުގެ ދެ ބޭފުޅުންނެވެ.