Roadha Mihaaru
ޔޫތުގެ ގުދަނަކަށް ކައުންސިލުން ވަތް މައްސަލަ ޕޮލިހަށް

ޔޫތު މިނިސްޓްރީގެ ގުދަނަކަށް ސިޓީ ކައުންސިލުން ވަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފި

01 އެޕްރީލް 2023

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނަކަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ރޭ ވަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނަކަށް، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ރޭ ވަތް މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

މިނިސްޓަރު އަހުމަދު މަހުލޫފު "މިހާރު" އަށް ވިދާޅުވީ އެ މިނިސްޓްރީގެ މުދާތަކެއް ރައްކާކުކޮށްފައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ސާމާނުތަކެއް ގެންދަން ކައުންސިލުން މަސައްކަތްކުރި ކަމަށެވެ. އެ މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުން، ސިޓީ ކައުންސިލްގެ ލޯގޯ ޖެހި ޓީޝާޓުގައި ފިރިހެން މުވައްޒަފުންތަކެއް، ދެ ޕިކަޕަކަށް މުދާ އަރުވާ ފޮޓޯ ފެނެ އެވެ.

އެ ގުދަނަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރުމާލު ޖަގަހަ ހިންގިތަނާ ކައިރީގައި ހުންނަ ތަނެކެވެ.

މަހުލޫފުގެ ތުހުމަތުތައް ދޮގުކޮށް، ކައުންސިލުން ބުނީ އެއީ އެ ތަނުގެ ބެލުމުގެ ދަށުގައި އޮންނަ ގުދަނެއް ކަމަށެވެ.

ޔޫތު މިނިސްޓްރީގެ ގުދަނަކުން، ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޕިކަޕަކަށް މުދާ އަރުވަނީ.-- ޓްވިޓާ ފޮޓޯ: މަހުލޫފު

ޔޫތު މިނިސްޓްރީގެ ގުދަނަކުން، ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ޕިކަޕަކަށް މުދާ އަރުވަނީ.-- ޓްވިޓާ ފޮޓޯ: މަހުލޫފު

އެ ކައުންސިލުން މިދިޔަ ޑިސެމްބަރު 4 ގައި ކުރި އިއުލާނުގައި ވަނީ ރުމާލު 2 ޖަގަހަ ހިންގި އިމާރާތާއި ޓޯޔާޑް ހިމެނޭ ބިމާ ދެމެދު ހުރި ގުދަނާއި ގުދަނުގައި ހުރި ތަކެތީގެ ވެރިފަރާތް ސާފުކުރަން ބޭނުންވެގެން އިއުލާނުކޮށްފަ އެވެ.

އެހެންވެ، އެ ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތުން އެތަން ބޭނުން ކުރުމާ ބެހޭ ގޮތުން ދަތުލަތުގެ އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިވާ ނަމަ އެ އެއްބަސްވުމެއްގެ ކޮޕީއެއް ހުށަހަޅަން ހަތް ދުވަހުގެ މުއްދަތެއް ދިނެވެ.

އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ގުދަން ރޫޅާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އެކަން ކުރާއިރު ގުދަނާއި ގުދަނުގައި ހުރި އެއްޗެހި ވެސް ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް އޭރު ކުރި އިއުލާނުގައި ބުންޏެވެ.

"ތަކެތި ނެގުމުގެ ތެރޭގައާއި ނެގުމަށްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް މި ކައުންސިލުން ޒިންމާ ނުވާނެކަން އާންމުކޮށް އަންގާ އިއުލާނުކުރީމެވެ." އިއުލާނުގައި ވެ އެވެ.