Roadha Mihaaru
ޔޫތު މިނިސްޓްރީން ގުދަން ހެދީ ހުއްދަ ނުހޯދައި: ސިޓީ ކައުންސިލް

ޔޫތު މިނިސްޓްރީން ގުދަން ހެދީ ހުއްދަ ނުހޯދައި: ސިޓީ ކައުންސިލް

01 އެޕްރީލް 2023

ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ރޭ ހުސްކުރަން ފެށުމުން އެއީ މިނިސްޓްރީ އަށް ނޭނގި ގަވާއިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ، މިނިސްޓްރީން ފެތުރި ވާހަކަތައް ސިޓީ ކައުންސިލުން މިއަދު ދޮގުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ރޭ ހުސްކުރަން ފެށުމުން އެއީ މިނިސްޓްރީ އަށް ނޭނގި ގަވާއިދާ ހިލާފަށް ކުރާ ކަމެއް ކަމަށް ބުނެ، މިނިސްޓްރީން ފެތުރި ވާހަކަތައް ސިޓީ ކައުންސިލުން މިއަދު ދޮގުކޮށްފި އެވެ.

އެ މައްސަލަ ރޭ ދަންވަރު ފެންމަތިވުމާއެކު، މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޔޫތު ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ގުދަނުގެ ތަޅު ހަލާކުކޮށްލައި، ގުދަން ކޮށްފައި ހުރި އަގު ބޮޑު ސާމާނުތައް ސިޓީ ކައުންސިލުން ގެންދާ ކަމަށެވެ.

"މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލަން. އަދި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ޒިންމާ އުފުލަން ވާނެ،" އިންޒާރާއެކު ކުރެއްވި ޓުވީޓުގައި މަހުލޫފް ވިދާޅުވި އެވެ.

ނަމަވެސް ކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ނަމަ ޔޫތު މިނިސްޓްރީން ބޭނުންކުރީ އެ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ ގުދަނެކެވެ. މާލެހިޔާ ކައިރިން ކުރީގެ ރުމާލު ޖަގަހަ އާއި ޓޯ ޔާޑާ ދެމެދު އޮންނަ ބިމުގައި ޔޫތު މިނިސްޓްރީގެ ގުދަން ހަދާފައިވާއިރު އެ ބިމުގެ ރަޖިސްޓަރީ އޮތީ ކައުންސިލަށް ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް މިނިސްޓްރީން އެ ގުދަން ހެދީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް އެ ކައުންސިލުން ބުންޏެވެ.

"އަދި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަަކާ އެއްބަސްވުމެއް ހަދާފައި އޮތް ކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

އެހެންވެ، އެއީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ހަދާފައިވާ ގުދަނަކަށް ވާތީ، އެ ތަނުގައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެޒެޓްގައި އިއުލާންކުރި ކަމަށް ކައުންސިލުން ބުންޏެވެ. ގުދަން ކޮށްފައިވާ ފަރާތަކުން އެ ކަން ޑިސެމްބަރު 10ގެ ނިޔަލަށް ކައުންސިލަށް ނާންގާ ނަމަ ނުވަތަ ލިޔެކިޔުންތައް އެ މުއްދަތަށް ހުށަނާޅާ ނަމަ ގުދަން ރޫޅާލައި އެ ތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އެ އިއުލާނުގައި ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.

އެކަމަކު، އިއްޔެގެ ނިޔަލަށް ވެސް އެފަދަ އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާތީ އެއީ ވެރިފަރާތެއް ނެތް ގުދަނެއް ކަމަށް ބަލައި އެ ތަން ހުސްކުރަން ރޭ ފެށީ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އޭގެ ބޭނުމަކީ އެ ގުދަން ހުރި ތަނުން ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭތީ، ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި ގުދަނުގައި ތަކެތި ހުރި ކަން އެނގުމުން އެ ކައުންސިލުން މަސައްކަތްކުރީ އެ ތަކެތި ރައްކާތެރިކަމާއެކު، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ބަދަލުކުރުމަށެވެ.

"މާލޭ ސިޓީ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގައި ހަދާފައިވާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެ ގޮތުން މި ގުދަން ވެސް ހުސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ހުރިހާ ފަރާތެއްގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައި ވެ އެވެ.

އެ ގުދަން ހުސްކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރި ކުރުން ޔޫތު މިނިސްޓްރީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށް މަހުލޫފް ވިދާޅުވި އެވެ.