Roadha Mihaaru
ގުދަނަކީ ޔޫތުގެ ތަނެއްކަން ހެކިތަކާއެކު އާންމުކޮށްފި

ގުދަނަކީ ޔޫތު މިނިސްޓްރީގެ ތަނެއްކަން ހެކިތަކާއެކު އާންމުކޮށްފި

02 އެޕްރީލް 2023

ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ރޭ ވަދެ، އެ ތަން ހުސްކުރި މައްސަލާގައި އެއީ ކައުންސިލްގެ ބިމެއް ކަމަށް ދައުވާ ކުރަނިކޮށް، އެ ތަން އެ މިނިސްޓްރީ އަށް ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީންކަން އަންގައިދޭ ލިޔެކިޔުންތަކާއި ކައުންސިލާއެކު ކޮށްފައިވާ މުއާމަލާތުތަކެއް ޔޫތު މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ރޭ ވަދެ، އެ ތަން ހުސްކުރި މައްސަލާގައި އެއީ ކައުންސިލްގެ ބިމެއް ކަމަށް ދައުވާ ކުރަނިކޮށް، އެ ތަން އެ މިނިސްޓްރީ އަށް ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީންކަން އަންގައިދޭ ލިޔެކިޔުންތަކާއި ކައުންސިލާއެކު ކޮށްފައިވާ މުއާމަލާތުތަކެއް ޔޫތު މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވާ ގޮތުން އެ ގުދަން ހިމެނޭ ސަރަހައްދު ނުވަތަ މާލޭގެ 353 ވަނަ ކޮށްޓަކީ އެ ކައުންސިލްގެ ރަޖިސްޓަރީގައި އޮތް ބިމެކެވެ. އަދި އެ ގުދަނުގެ ވެރިފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާނުކޮށް، މިދިޔަ މަހުގެ ނިޔަލަށް ވެސް އެއްވެސް ބަޔަކު އެ ގުދަނާ ހަވާލު ނުވުމުން ތަން ހުސްކުރަން ފެށީ ކަމަށް ކައުންސިލުން އިއްޔެ ބުންޏެވެ.

އެކަމަކު، އެ އަށް ރައްދު ދީ، ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 353 ވަނަ ނަމްބަރު ކޮށްޓަކީ ކުޅިވަރުގެ ބޭނުންތަކަށް ކަނޑައަޅައި މޭ 15، 2019 އިގައި އެ މިނިސްޓްރީ އަށް ޕްލޭނިން މިނިސްޓްރީން ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" ނޮވެމްބަރު 27، 2019 ގައި ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މީގެ އިތުރުން، 16 ޖެނުއަރީ 2022 ވަނަ ދުވަހު މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިނިސްޓްރީ އަށް ފޮނުވި ޗާޓުގައި ވެސް މި ބިމަކީ މި މިނިސްޓްރީއާ ހަވާލުކޮށްގައިވާ ބިމެއްކަން ސާފުކޮށް އެނގެ އެވެ،" ޔޫތު މިނިސްޓްރީގެ ރައްދު ބަޔާނުގައި ބުންޏެވެ.

އެ ބިން ޕްލޭނިން މިނިސްޓްރީން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަން އަންގައި މޭ 15، 2019 އިގައި ފޮނުވި ސިޓީ ވެސް ބަޔާނާއެކު ޔޫތު މިނިސްޓްރީން އާންމުކުރި އެވެ. އެ ސިޓީގައިވާ ގޮތުން ނަމަ އެ ބިމުގައި ތަރައްގީ ކުރަން ނިންމާފައި އޮތީ ފުޓްސަލް ދަނޑަކާއި ހޭންޑް ބޯލް ދަނޑަކާއި ވޮލީ ބޯޅަ ތިން ކޯޓެވެ.

ޕްލޭނިން މިނިސްޓްރީން ބިން ހަވާލުކުރި ކަމުގެ ސިޓީގެ އިތުރުން، އެ ބިމުގައި ހަދަން ނިންމާފައިވާ ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ދެމެދު އެކި ތާރީހުތަކުގައި ބަދަލުކޮށްފައިވާ ސިޓީތައް ވެސް ޔޫތު މިނިސްޓްރީން މިއަދު އާންމުކުރި އެވެ. އޭގެ ތެރޭގައި ސްޕޯޓްސް ސެންޓަރުގެ ކުރެހުން ފާސްކުރުމަށް ބޭނުންވާ އިތުރު ލިޔުންތައް ފުރިހަމަ ކުރަން އަންގައި ސިޓީ ކައުންސިލުން އޭޕްރީލް 18، 2021 ގައި ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ ހިމެނެ އެވެ.

އަދި އެ ބިމުގައި ހަދާ ވޮލީ އިމާރާތުގެ ޑީޓެއިލް ޑްރޯވިން ސެޓް ފާސްކޮށްދިނުމަށް އެދި ޖެނުއަރީ 20، 2022 ގައި ސިޓީ ކައުންސިލަށް ޔޫތު މިނިސްޓްރީ އަށް ފޮނުވި ސިޓީ ވެސް އާންމުކުރި އެވެ. އެ ބިމުގެ "ޑިވެލޮޕްމަންޓް ކޮންޓްރޯލް" އަދި އެ ބިން ޔޫތު މިނިސްޓްރީއާ ހަވާލުކުރި ކަމުގެ ލިޔުން ވެސް ސިޓީ ކައުންސިލަށް ފޮނުވިކަން ޔޫތު މިނިސްޓްރީގެ އެ ސިޓީން އެނގެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ، އެ ހުރިހާ މުއާމަލާތެއް ސިޓީ ކައުންސިލާއެކު ކޮށްފައި ވަނިކޮށް، އިއްޔެ ރޭ އެ ގުދަނުގެ ތަޅު ހަލާކުކޮށްލައި، އެ ތަނުގައި އާ ތަޅެއް ލައި، އެ ތަޅުދަނޑި އަމިއްލަ ފަރާތަކާ ކައުންސިލުން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ގުދަނުން ތަކެތި ނެރުނީ ގަވާއިދާ ހިލާފަށް ކަމަށާއި ބައެއް ތަކެއްޗަށް ގެއްލުން ދީފައި ވާތީ އިންތިހާ އަށް ކަންބޮޑުވާ ކަމަށް ބުންޏެވެ.

"މި މިނިސްޓްރީން ދެކޭގޮތުގައި، މިނިސްޓްރީގެ ގުދަނުގެ ތަޅު ހަލާކުކޮށް، އާ ތަޅެއް ލައި މުދާ ނެގުމަށް މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ އަމަލަކީ މި މިނިސްޓްރީގެ ބިމަކަށް ވެރިވެގަނެ ހިންގާފައިވާ ޖިނާއީ ކުށުގެ އަމަލެކެވެ. އެހެނީ، މިނިސްޓްރީގެ ހުއްދައެއް ނެތި، މިނިސްޓްރީގެ މުވައްޒަފުންގެ ޣައިރު ހާޒިރުގައި މިނިސްޓްރީގެ ގުދަނެއްގައި ރައްކާ ކޮށްފައިވާ މުދަލެއްގައި ސިޓީ ކައުންސިލަށް އަތްލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނޯންނާނެ އެވެ،" ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މާލެ ސިޓީ ކައުންސިލާ ދެމެދު 2019 އިން ފެށިގެން ކޮށްފައިވާ މުއާމަލާތުތަކަށް ބެއްޔަސް އެއީ މިނިސްޓްރީގެ ބިމެެއްކަން ކައުންސިލަށް އެނގޭނެ އެވެ.

"އަދި މި މުއާމަލާތްތައް ހިނގަމުން ދިޔައިރު، މި ބިމަކީ މާލެ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް އެންމެ ފަހަރަކު ވެސް ސިޓީ ކައުންސިލުން ދަންނަވާފައި ނުވާ ކަން ފާހަގަކުރަމެވެ،" ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.