Roadha Mihaaru
އަރަބިއްޔާގައި މޫނު ބުރުގާ އެޅުން މަނާކުރަނީ

އަރަބިއްޔާގައި މޫނުބުރުގާ އެޅުން މަނާކުރަނީ

19 މާޗް 2023

އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ސްކޫލުން ތަންފީޒު ކުރަން ފަށައިފި އެވެ.

އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ސްކޫލުން ތަންފީޒު ކުރަން ފަށައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެ އަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް ސްކޫލުގައި އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި، މިނިސްޓްރީން އެގޮތަށް އަންގާފައި ވަނީ މޫނު ބުރުގާ އަޅައިގެން ބައެއް ކުދިން ސްކޫލަށް ދާތީ އެކަމުގައި އެޑިއުކޭޝަންގެ ލަފައަކަށް އެދުމުންނެވެ. އަދި މިނިސްޓްރީގެ އެންގުމާ އެކު، އެ ސްކޫލުން އަންނަނީ މޫނު ބުރުގާ އަޅާ ކުދިންނާއި ބެލެނިވެރިންނާ ވާހަކަދައްކަމުންނެވެ.

އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ. ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެބަތިބި ކަމަށްވެ އެވެ.

ފިރިހެން ކުދިން ގަމީހާއި ފަޓްލޫނެވެ.

މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން މޫނު އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބެލެނިވެރިން ބުނީ މިއީ، ދަރިވަރުންނަށް ބިރު ދައްކައި ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެ ކުރިން 2012 ގައި އޭރުގެ ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން އެތަނަށް ނުދެވޭނެ ކަމަށް އެ ތަނުން އެންގި މައްސަލައެއް ވެސް ހޫނުވެ، ކޯޓާ ހަމައަށް މައްސަަލަ ދިޔަ އެވެ. އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ކުއްލިއްޔާގެ އުސޫލުތައް ބަދަލުކޮށް، މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ގޮތް ވަނީ ހަދައިފަ އެވެ.