Roadha Mihaaru
ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް

ނަޕޯލީ އަތުން މިލާނަށް ބޮޑު މޮޅެއް

03 އެޕްރީލް 2023

ބޮޑު ފަރަގާ އެކު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮވެ، ޔޫރަޕުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އައި ނަޕޯލީގެ މައްޗަށް އޭސީ މިލާނުން ލީގުގައި ރޭ 4-0 ގެ ބޮޑު މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބޮޑު ފަރަގާ އެކު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮވެ، ޔޫރަޕުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އައި ނަޕޯލީގެ މައްޗަށް އޭސީ މިލާނުން ލީގުގައި ރޭ 4-0 ގެ ބޮޑު މޮޅެއް ހޯދައިފި އެވެ.

ތާވަލުގެ އެއް ވަނައިގައި 71 ޕޮއިންޓާ އެކު، 16 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ނަޕޯލީ އަށް މި މެޗުން ބަލިވިޔަސް ލީގު ގެއްލުމުގެ ބިރެއް ނެތެވެ. އެކަމަކު މި ނަތީޖާއަކީ، ޗެމްޕިއަންސް ލީގުގެ ކުއާާޓާ ފައިނަލުގައި އަންނަ ހަފުތާގައި މިލާނާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ޓީމުގެ އިތުބާރު ދަށްވެދާނެ ފަދަ ނަތީޖާއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާނީ މި މަހުގެ 12 ވަނަ ދުވަހުގެރެ އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ 18 ވަނަ ދުވަހުގެރެ އެވެ.

އަނެއްކޮޅުން މި މެޗުން މިލާން މޮޅުވުމަކީ، އެ މެޗުތަކުގެ ކުރިން ލިބުނު އިތުބާރެއްގެ އިތުރުން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން މުހިއްމު ތިން ޕޮއިންޓެވެ. އެ ޓީމު ވަނީ 51 ޕޮއިންޓް ހަމަކޮށް ތިން ވަނަ އަށް އަރައިފަ އެވެ. ތާވަލުގެ ދެ ވަނައިގައި 55 ޕޮއިންޓާ އެކު އޮތީ ލާޒިއޯ އެވެ. އަދި ހަތަރު ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ ފިއޮރެންޓީނާ އަތުން 1-0 އިން ބަލިވި އިންޓަ މިލާނެވެ.

ނޭޕްލްސްގެ ސްޓޭޑިއޯ ޑިއެގޯ އާމަންޑޯ މަރަޑޯނާގައި ރޭ ކުޅުނު މެޗުގައި މިލާން ފެނުނީ، މިދިޔަ ދެ މަހެއްހާ ދުވަހު ދެއްކި ކުޅުމާ ބަލާއިރު، ތަފާތު ވަރުގަދަ ކުޅުމެކެވެ. އަނެއްކޮޅުން އިތުބާރު ފޯވާޑް ވިކްޓަ އޮސިމެން ނެތި ކުޅުނު ނަޕޯލީ ފެނުނީ ވަނދުކޮށެވެ.

މިލާނަށް މި މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ރަފައެލް ލިއާއޯ އެވެ. އަދި ލިއާއޯ އުފެއްދި އެޓޭކެއްގެ ތެރެއިން މިލާނުގެ ދެ ވަނަ ގޯލް 25 ވަނަ މިނެޓުގައި ޖެހީ ޑިއާޒް އެވެ.

ދެ ވަނަ ހާފުގައި ނަޕޯލީ ކުރިއަށް ޖެހުނު ވަގުތު މިލާނުން ވަނީ ކައުންޓާ އެޓޭކުގައި އަނެއްކާ ވެސް ނުރައްކާ ކުރަން ފަށައިފަ އެވެ. އޭގެ ތެރެއިން ފުރުސަތެއްގައި 59 ވަނަ މިނެޓުގައި ލިއާއޯ އޭނާގެ ދެ ވަނަ ގޯލް ޖެހީ، މެދުތެރެއިން ސަންދްރޯ ޓޮނާލީ ހޯދައިދިން ފުރުސަތަކުންނެވެ. އަދި ހަތަރު ވަނަ ގޯލް، 67 ވަނަ މިނެޓުގައި ވައްދާލީ ބަދަލު ކުޅުންތެރިޔާ އެލެކްސިސް ސައެލެމައެކާސް އެވެ.