Roadha Mihaaru
ކޮންމެ ހަ މީހަކު އެކަކަށް ދަރިން ނުލިބޭ

ކޮންމެ ހަ މީހަކު އެކަކަށް ދަރިން ނުލިބޭ: ޑަބްލިޔޫއެޗްއޯ

04 އެޕްރީލް 2023

ދުނިޔޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ކޮންމެ ހަ މީހަކު އެކަކީ، ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

ދުނިޔޭގެ ޖުމްލަ އާބާދީގެ ގާތްގަނޑަކަށް ކޮންމެ ހަ މީހަކު އެކަކީ، ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ދަރިން ލިބުމުގެ އުމުރުފުރާގައި ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް 17.5 ޕަސެންޓް މީހުންނަށް ވަނީ ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިމައިވުމާބެހޭ ރަނގަޅު ފެންވަރުގެ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު، ދަރިން ނުލިބުމުގެ މައްސަލަ މެދުވެރިވެފައިވާ ނިސްބަތުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް އެބަ ހުއްޓެވެ. ރަނގަޅު އާމްދަނީ ލިބޭ ގައުމުތަކުގައި، ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ނިސްބަތަކީ، 17.8 ޕަސެންޓެވެ. ނަމަވެސް އާމްދަނީ ދަށް ގައުމުތަކުގައި އެ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ނިސްބަތަކީ 16.5 ޕަސެންޓެވެ.

ޑަބްލިޔޫއެޗްއޯގެ މި ރިޕޯޓާ ބެހޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރެޔެސުސް ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލަ ކުރިމަތިވުމުގައި ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށެވެ. އަދި މި މައްސަލައަކީ އާންމު ސިއްހީ ނިޒާމުން އެއްފަރާތް ކުރެވެން ނެތް މައްސަލައެއް ކަން ވެސް މި ރިޕޯޓުން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވުމުން، ދެމަފިރިންނަށް ކުރިމަތިވާ ސިއްހީ އަދި ނަފްސާނީ އެތައް މައްސަލައެއް ހުންނަ ކަމަށާއި، އެ މައްސަލަތައް މެދުވެރިވުން ކުޑަކުރުމަށްޓަކައި ވެސް، ދަރިމައިވުމުގެ ސިއްހީ ނިޒާމަށް އިތުރު ސަމާލުކަމެއް ދެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރިން ހޯދުމަށް ތަބީއީ ގޮތުން ކުރާ މަސައްކަތް ކާމިޔާބު ނުވުމުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަރިމައިވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ތަނަވަސްވެފަ އެވެ. ނަމަވެސް އެކަމަށްޓަކައި ކުރަން ޖެހޭ ހޭދަ ބޮޑުވުމުން، އެ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދަރިމައިވުމަކީ ކޮންމެ ދެމަފިރިއަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.