Roadha Mihaaru
ޗެލްސީ އާއި ލިވަޕޫލް މިފަހަރު ވެސް އެެއްވަރު

ޗެލްސީ އާއި ލިވަޕޫލް މިފަހަރު ވެސް އެއްވަރު

05 އެޕްރީލް 2023

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ރޭ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

މިއީ ޗެލްސީ އިން ގްރަހަމް ޕޮޓާ ކޯޗުކަމުން ވަކިކޮށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ޗެލްސީ އަށް އިރުޝާދު ދިނީ ވަގުތީ ކޯޗު ބްރޫނޯ ސެލްޓޯ އެވެ.

ޗެލްސީގެ ފަރާތުން ރޭގެ މެޗުގައި ކޮންމެ ހާފެއްގައި ވެސް ލަނޑެއް ފެނުނެވެ. ފުރަތަމަ ހާފުގައި ރީސް ޖޭމްސް ގެ ގޯލު ބަލައިނުގަތީ އެންޒޯ ފެނާންޑޭޒް އޮފްސައިޑް ވެގެންނެވެ. ދެ ވަނަ ހާފުގައި ކައި ހަވާޓްޒް ގެ ގޯލު ވެސް ބަލައެއް ނުގަތެވެ. އެއީ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފުރަތަމަ ފޮނުވާލި ހަމަލާ ކީޕަރު އެލިސަން ބެކާގެ ގައިގައި ޖެހިފައި ރީބައުންސް ވެފައި ހަވާޓްޒްގެ އަތުގައި ޖެހުނީމަ އެވެ.

މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޗެލްސީ އަށް ވަނީ ލިބި، ބޭކާރު ވެފަ އެވެ. ހަވާޓްޒް އާއި ޔާއޯ ފެލިކްސް އަދި މަތެއޯ ކޮވެސިޗަށް ވެސް ފުރުސަތު ލިބުނު އިރު، ކޮވެސިޗްގެ ހަމަލާ ބްލޮކް ކުރީ ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އެވެ.

ޗެލްސީގެ ވަގުތީ ކޯޗު ބްރޫނޯ (ކ)، މިހައިލޯ މުޑުރިކް (މ) އާއި ބެން ޗިލްވެލް (ވ) އަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ވަގުތީ ކޯޗު ބްރޫނޯ (ކ)، މިހައިލޯ މުޑުރިކް (މ) އާއި ބެން ޗިލްވެލް (ވ) އަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ޖޯ ގޮމޭޒް ގޯލުގެ ކަނާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ވަނީ ދިފާއު ކޮށްފަ އެވެ. އަދި ކޯނަރަކުން ލިބުނު ފުރުސަތެއްގައި މިޑްފީލްޑަރު ފަބީނިއޯ އޭރިއާ ތެރޭ ހުރެ ނުރައްކާތެރި ބާރު ހަމަލާއެއް ފޮނުވާލި އެވެ. ނަމަވެސް ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާ ވަނީ ބޮލުން ޖަހައި ހަމަލާ ދިފާއު ކޮށްފަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެއްވަރު ވެފައި ވާއިރު، ޖެނުއަރީ މަހު ލިވަޕޫލްގެ ދަނޑުގައި ކުޅުނު ލީގު މެޗު ވެސް ވަނީ ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ.

މިދިޔަ ސީޒަން ގައި ވެސް ލީގުގައި މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވަނީ އެއްވަރު ވެފަ އެވެ. ލިވަޕޫލްގެ ދަނޑުގައި 1-1 އިން އެއްވަރު ވިއިރު ޗެލްސީގެ ދަނޑުގައި އެއްވަރުވީ 2-2 އިންނެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ލީގް ކަޕް ފައިނަލް ގައި ވެސް މިދިޔަ ސީޒަން ގައި ވާދަކުރީ ޗެލްސީ އާއި ލިވަޕޫލް އެވެ. ދެ މެޗުގެ ކުޅުން ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ފައިނަލް މެޗު ވެސް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ ލިވަޕޫލެވެ.

މި ނަތީޖާއާ އެކު ޗެލްސީ އަދިވެސް އޮތީ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 29 މެޗުން 39 ޕޮއިންޓް ލިބިފައި ވާއިރު، މޮޅުވެފައި ވަނީ 10 މެޗުންނެވެ. އަދި ރޭގެ މެޗަކީ މި ސީޒަން ގައި ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނުވަ ވަނަ މެޗެވެ. ތާވަލްގެ 10 ވަނައިގައި އޮތް ފުލަމް ވަނީ އެއް މެޗު މަދުން ކުޅެގެން ޗެލްސީއާ އެއްވަރަށް 39 ޕޮއިންޓް ހޯދައިފަ އެވެ.

ލިވަޕޫލް ތާވަލްގެ އަށް ވަނައިގައި އޮތީ 28 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ނުވަ ވަނައިގައި އޮތް ބްރެންޓްފޯޑް ވެސް ވަނީ ލިވަޕޫލާ އެއްވަރަށް މެޗު ކުޅެ، ޕޮއިންޓް ހޯދައިފަ އެވެ.

އެސްޓަން ވިލާ ކުޅުންތެރިން، ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެސްޓަން ވިލާ ކުޅުންތެރިން، ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި މަސް ފެށުމުގެ ކުރިން ލީގު ތާވަލް ގައި ޗެލްސީ އަށް ވުރެ ފަހަތުގައި އޮތް އުނައި އެމެރީގެ އިރުޝާސުގެ ދަށުން ކުޅޭ އެސްޓަން ވިލާ މިވަނީ ރޭ 2-1 އިން ލެސްޓާ ސިޓީ ބަލިކޮށް ހަތް ވަނައަށް ޖެހިލައިފަ އެވެ. ލެސްޓާ އިން ވަނީ ހަތަރު އަހަރަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި ބްރެންޑެ ރޮޖާސް މަހާމުން ވަކިކޮށްފަ އެވެ. ރޭގެ މެޗުގައި އެޓީމަށް އިރުޝާދު ދިނީ ފަސްޓް ޓީމް ކޯޗު އެޑަމް ސެޑްލާ އާއި ގޯލްކީޕިން ކޯޗު މައިކް ސްޓޯވެލް އެވެ. ލެސްޓީ އޮތީ ރެލިގޭޝަން ޒޯނުގައި ތާވަލްގެ 19 ވަނައިގަ އެވެ.

ލީގުގެ ހަ ވަނައިގައި އޮތީ ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކުރި ބްރައިޓަން އެވެ. ބްރައިޓަން ހަވަނައިގައި އޮތީ އެސްޓަން ވިލާ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ބްރައިޓަން އަށް 46 ޕޮއިންޓް ލިބިފައި ވާއިރު ވިލާ އަށް 44 ޕޮއިންޓް ލިބިފައި ވެއެވެ.

ލީގު ތާވަލްގެ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަދި ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

މިރޭ 12 ޖަހާއިރު ޕްރިމިއާ ލީގުގައި މުހިއްމު ދެ މެޗު ކުޅޭނެ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ބްރެންޓްފޯޑާ ދެކޮޅަށް ނުކުންނައިރު، ނިއުކާސަލް ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.