Roadha Mihaaru
ހައްޖުގެ އަގު ކޮންޓްރޯލްކޮށް އަލުން ބިޑަށް ހުޅުވާލައިފި

ހައްޖަށް ގެންދަން ހުށަހެޅި އަގު ބޮޑުކަމުން ބިޑްތައް ބާތިލްކޮށް އަގު ކޮންޓްރޯލްކޮށްފި

05 އެޕްރީލް 2023

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދަން ކުންފުނިތަކަށް ހުޅުވާލުމުން ހުށަހެޅި އަގު ބޮޑުކަމުންނާއި ބައެއް ކަންކަން ފުރިހަމަނުކޮށް ހުށަހަޅާފައިވުމުން ބިޑްތައް ކެންސަލްކޮށް އަގު ކޮންޓްރޯލްކޮށްފި އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދަން ކުންފުނިތަކަށް ހުޅުވާލުމުން ހުށަހެޅި އަގު ބޮޑުކަމުންނާއި ބައެއް ކަންކަން ފުރިހަމަނުކޮށް ހުށަހަޅާފައިވުމުން ބިޑްތައް ކެންސަލްކޮށް އަގު ކޮންޓްރޯލްކޮށްފި އެވެ.

ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ކުރިން ހުޅުވާލިއިރު އިސްލާމިކް މިނިސްޓްރީން ވަކި އަގެއް ކަނޑައަޅައިފައެއް ނުވެ އެވެ. އެކަމަކު ބިޑްތައް ބާތިލްކޮށް އަލުން ހުޅުވާލި އިރު، އަގުގެ ގޮތުގައި ހުށަހެޅޭނީ 75،000-95،000ރ.އާ ދެމެދުގެ އަގެއް ކަމަށް އިއުލާންގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖަށް ގެންދިއުމުގެ އަގު ފިޔަވައި އެއްވެސް ބަދަލެއް އަލުން ހުޅުވާލި އިރު ގެނެސްފައި ނުވާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ކުރިން ބިޑް ހުށަހަޅާފައި ވަނީ ހައްޖުގެ އަޅުކަމުގެ ހިދުމަތަށް އެކަށީގެން ނުވާ އަގުތަކެކެވެ. އެކަމަކު ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުން ހުށަހެޅި އަގުތަކުގެ ތަފްސީލެއް މިނިސްޓްރީން އާއްމެއް ނުކުރެ އެވެ.

ހައްޖަށް ގެންދިއުމުގެ އަގުގެ ގޮތުގައި ކުރިން އަމިއްލަ ކުންފުނިތަކުން ވެސް ނަގަމުން އައީ، ގާތްގަނޑަކަށް 70،000ރ. އެވެ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި އެދިފައި ވަނީ ހައްޖަށް ގެންދަން ޝައުގުވެރިވާ ކުންފުނިތަކުން މި މަހުގެ 13 ގެ ކުރިން ބިޑް ހުށަހެޅުމަށެވެ.

ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ރަސްމީ ކޯޓާގެ ގޮތުގައި އަހަރަކަށް ކަނޑައަޅާފައި ވަނީ 1،000 އެވެ. އެކަމަކު ސަރުކާރުތަކުން އެދުމުން މި އަދަދު އިތުރުކޮށްދެ އެވެ.

ރާއްޖެއަށް މި އަހަރަށް ކަނޑައަޅާފައިވާ ކޯޓާގެ އަދަދު، 2،500 އަށް އިތުރުކޮށްދޭން ސަރުކާރުން ސައުދީ އަރަބިއްޔާގައި އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ.

ހައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ޖުމްލަ 899،533 މީހުން ބައިވެރިވި އެވެ. ކޮވިޑްއާ ގުޅިގެން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެ ހުރިހާ ޖާގައެއް ވެސް އެ ފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.