Roadha Mihaaru
ފުރަތަމަ ގްރޫޕްގައި 298މީހުން މާދަމާ ހައްޖަށް ފުރާނެ

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި 298 މީހުން މާދަމާ ފުރާނެ

30 މެއި 2024

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، 298 މީހަކު މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، 298 މީހަކު މާދަމާ ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައްޖުވެރިން މާދަމާ ފުރަން ފަށާއިރު، މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އެއީ، އެހީތެރިން ނުލައި ޖުމްލަ 980 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ފުރަން ތިން ދުވަހެއް ކަނޑައަޅާފައިވާ ކަމަށެވެ.

ފްލައިޓްތައް އޮންނާނީ މި މަހު 31 އަދި އަންނަ މަހުގެ 3 އަދި 7 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ. އެ އެންމެން ވެސް ދަތުރު ކުރާނީ ސައުދީއެއާގަ އެވެ. ފުރުން ހަމަޖެހިފައި ވަނީ އެ ދުވަސްތަކުގެ މެންދުރު ފަހު، 3:25ގަ އެވެ.

• މާދަމާ 298 މީހުން ފުރާއިރު އެއީ 272 ހައްޖުވެރިންނާއި 26 އެހީތެރިން

• ޖޫން 3، 353 މީހުން ފުރާއިރު އެއީ 330 ހައްޖުވެރިންނާއި 23 އެހީތެރިން

• ޖޫން 7، 339 މީހުން ފުރާއިރު އެއީ 316 ހައްޖުވެރިންނާއި 23 އެހީތެރިން

ސައުދި އަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ކަނޑައެޅީ 1،000 ކޯޓާ އެވެ.

މި އަހަރު ހައްޖަށްދާ މީހުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ފޮނުވާ 1000 ފަގީރުންގެ ތެރެއިން މި އަހަރު ފޮނުވާ 50 މީހުން ވެސް ފުރާނެ އެވެ.

ޖުމްލަ 60 މީހުންގެ ތެރެއިން 50 މީހުން ގުރުއަތުނެގިއިރު ހޮވުނު މީހުންގެ ތެރެއިން 10 މީހުން މިއަހަރަށް ޖާގަ ދޫކޮށްލީ އެވެ. މިނިސްޓްރީން ބުނީ އެ 10 ޖާގަ ދޫކޮށްލުމުން ލިސްޓްގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި މީހުންނަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ރަށްރަށުން ޖާގަ ލިބުނު މީހުން މާލެ އައިސް ހުރުމާއި ކެއުމުގެ ހުރިހާ ހަރަދެއް ވެސް ބެލެހެއްޓީ ސަރުކާރުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހައްޖަށް ފުރާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ވެލާނާ އެއާޕޯޓާ ހަމައަށް ގެންގޮސްދިނުމަށް ދަތުރުފަތުރުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދީފަ އެވެ. ހައްޖާޖީން އެއާޕޯޓަށް ގެންދިއުމާއި ލަޖެގް ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.