Roadha Mihaaru
އާބަންކޯ އިން ތޮއްޑޫ "ސްމާޓް" ރަށަކަށް ހަދަނީ

އާބަންކޯގެ އެހީތެރިކަމާއެކު، ތޮއްޑޫ "ސްމާޓް" ރަށަކަށް ބަދަލުކޮށްލަނީ

05 އެޕްރީލް 2023

އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ހެދުމަށް ކުރީގެ އެޗްޑީސީ ނުވަތަ މިހާރުގެ އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ހެދުމަށް ކުރީގެ އެޗްޑީސީ ނުވަތަ މިހާރުގެ އާބަންކޯ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މިއީ އާބަންކޯގެ "ގޯ ބިޔޯންޑް ހުޅުމާލޭ" ގެ ދަށުން ރަށްރަށާއި ސިޓީތައް ސްމާޓް ކުރުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. އެޗްޑީސީގެ ނަން މިދިޔަ ހޮނިހިރު ދުވަހު އާބަންކޯ އަށް ބަދަލުކުރި ސަބަބަކީ ވެސް ޒަމާނުއްސުރެ އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލޭގެ އިތުރުން އެހެން ރަށްރަށް ތަރައްގީ ކުރުމުގައި އެހީތެރިވެ ދިނުމެވެ.

ތޮއްޑޫ ކައުންސިލާއެކު ވި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ތޮއްޑޫ ކައުންސިލުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.

ކަރަމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫގައި އޯޕަން އެކްސެސް ނެޓްވޯކެއް އަޅަން ނިންމާފައިވާ ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވެސް އޯޕަން އެކްސެސް ނެޓްވޯކެއް އަޅާފައި ވަނީ އާބަންކޯ އިންނެވެ.

"މިކަމުގެ ސަބަބުން ކައުންސިލަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ. އެގޮތުން ވަރަށް ރަނގަޅު އިންކަމެއް ޖެނެރޭޓް ކުރެވޭނެ. ސާވިސް ޕްރޮވައިޑާގެ ސޭލްސް އިން، އެހެން ފަރާތަކުން ނުޖެހޭނެ ރަށުގަ ކޭބަލް އަޅާކަށް. މި ކޭބަލް މެދުވެރިކޮށް ހިދުމަތް ދެވޭނެ،" ދަނޑުވެރިކަމާއި ގެސްޓް ހައުސްގެ ވިޔަފާރީގައި ވެސް މިހާރު ރާއްޖޭގައި އެންމެ އުހުގައި އުޅޭ އެއް ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކަރަމް ވިދާޅުވިގޮތުގައި، އޯޕަން އެކްސެސް ނެޓްވޯކަކީ ސްމާޓް އައިލެންޑަކަށް ތޮއްޑޫ ބަދަލުކޮށްލުމަށް އެންމެ ބޭނުންވާ އިންފްރާންސްޓްރަކްޗާ އެވެ.

މީގެ ސަބަބުން އެ ރަށުގެ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ވާނެ ކަމަށާއި މުޅި ރަށުގައި ކެމެރާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާބަންކޯއާ އެކު ތޮއްޑޫ ކައުންސިލުން ވި އެއްބަސްވުމުގެ ދަށުން، އެ ރަށުގެ ބަނދަރާއި ފެރީ ޓާމިނަލް ސަރަހައްދާއި ކާގޯ ވެއާހައުސް އާއި ތޮއްޑު އަށް ދާ ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދު ޒަމާނީ ގޮތަކަށް ތަރައްގީ ކުރުމަށް އާބަންކޯ އިން އެހީވާނެ އެވެ.

އެ މަސައްކަތްތައް ނިންމައި ތިން މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެ ކަމަށް ކަރަމް ވިދާޅުވި އެވެ.