މި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300ރ. އަށް ހަމަޖައްސައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އާބަންކޯ އިން އިތުރުކޮށް ދީފި އެވެ.
11 މެއި 2023
މި މަހުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ އަދަދު 6،300ރ. އަށް ހަމަޖައްސައި، އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު އާބަންކޯ އިން އިތުރުކޮށް ދީފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުލި ދައްކައި ނިންމަންޖެހޭ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމީ އެ ތަނުގައި ދިރިއުޅޭ މީހުން ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ކުލި ކުޑައެެއް ނޫން މި ކުރީ، ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކޮށްދިނީ،" އަކްރަމް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފު ވިދާޅުވީ، ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ ވަރު ކުޑަކުރިޔަސް، މެއިންޓެނަންސް ފީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މެއިންޓެނަންސް ފީގެ ގޮތުގައި މިހާރު ދައްކަމުން އަންނަ 1،000ރ. ދެން ވެސް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މެއިންޓަނެންސް ފީއާ އެކު ކޮންމެ މަހަކު 6،300ރ. ދައްކަން ޖެހޭނެ އެވެ.
ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދިނީ ދެ އަހަރުގެ މުއްދަތެކެވެ. ލޯނު އަނބުރާ ދައްކަން ކަނޑައަޅާފައި އޮތީ 25 އަހަރެވެ. އޭގެ ތެރެއަށް ދެ އަހަރު އިތުރު ކޮށްދިނީ އެވެ. ނަމަވެސް، އިތުރުވާ ދެ އަހަރަށް ލޯނު އިންޓްރެސްޓް ނުނަގާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުއްޔަކީ މިހާރު 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު އާބަންކޯ އަށް ނަގަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އާބަންކޯގެ މެނޭޖިން ޑިިރެކްޓަރު އަހްމަދު އާތިފު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުލި ކުޑައެެއް ނޫން މި ކުރީ، ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކޮށްދިނީ: އަކްރަމް
ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ވަރު މި ސަރުކާރުން ކުޑަކޮށްދިނީ ފްލެޓްތައް ލިބުނު މީހުން އެ ކަމަށް އެދި އާދޭސް ކުރާތާ އެތައް ދުވަސްތަކެއް ފަހުންނެވެ. ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 5،000ރ. އަށް ކުޑަކޮށްދިނުމަށް ގޮވާލައި އެ ތަނުގައި ދިރިއުޅޭ މީހުން އެކި ފަހަރު މަތިން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު ބުނަމުން ދިޔައީ އެ އަދަދަށް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ތަކުރާރުކޮށް އާބަންކޯގައި އެދިވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާ މި އަހަރުގެ މާޗު މަހު ބައްދަލުކުރައްވައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް މެމްބަރުންނާ މަޝްވަރާ ކުރެއްވި އެވެ.
ކުލި ކުޑަވާނީ 7 އަހަރަށް، ލޯނަށް އިތުރެއް ނުވާނެ
ފާރުތަޅާލި ދެ ފްލެޓްގެ ޖޫރިމަނާގެ ލުޔެއް ނެތް
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ވިނަރެސް ބާކީ ފްލެޓަށް ހުޅުވާލާނީ މަރުހަލާތައް ނިމުނީމާ
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ދޫކޮށްލާ ފްލެޓްތައް ދޫކުރާނީ ލިސްޓު ތަރުތީބުން
މަރުވި/ވަރިވި މީހުންގެ ފްލެޓްގެ މައްސަލަ ހައްލުކުރަނީ