Roadha Mihaaru
ރައީސް ދަތުރުކުރާ މަގު ކަނޑައަޅަނީ މިނިސްޓަރެއް ނޫން

ރައީސް ދަތުރުކުރައްވާ މަގު ކަނޑައަޅަނީ މިނިސްޓަރެއް ނޫން: މާރިޔާ

05 އެޕްރީލް 2023

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ މަގު ކަނޑައަޅަނީ ޑިފެންސް މިނިސްޓަރެއް ނޫން ކަމަށް ވިދާޅުވެ، މޮޓޯކޭޑަށް ހުއްޓުވި މައްސަލާގައި އޭނާއަށް އަމާޒުކުރި ފާޑުކިއުންތަކުން، މިނިސްޓަރު މާރިޔާ އަހުމަދު މިއަދު ދިފާއުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާ މަގު ކަނޑައަޅަނީ ޑިފެންސް މިނިސްޓަރެއް ނޫން ކަމަށް ވިދާޅުވެ، މޮޓޯކޭޑަށް ހުއްޓުވި މައްސަލާގައި އޭނާއަށް އަމާޒުކުރި ފާޑުކިއުންތަކުން، މިނިސްޓަރު މާރިޔާ އަހުމަދު މިއަދު ދިފާއުވެވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަތުރު ކުރެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ހުއްޓުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިންތަކެއް މޮޓޯކޭޑް ހުއްޓުވުމުން ކުރިއަށް ނުދެވިގެން އަނބުރާލާފައި އައިކޮޅަށް ދާން ޖެހުނު މައްސަލައަކީ ސެކިއުރިޓީ ފެއިލިއާއެއްގެ ގޮތުގައި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މެމްބަރުން ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

މި މައްސަލަ ބަލަން އެމްއެންޑީއެފުން ވެސް ވަނީ ހާއްސަ ކޮމިޓީއެއް އުފައްދައި، ޕްރެޒިޑެންޝަލް ގާޑްސް ކޮމާންޑިން އޮފިސާގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވާނެ ރޫޓު ނިންމުމަކީ ޑިފެންސް މިނިސްޓަރު ކަނޑައެޅުން އޮންނަ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، އެއީ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު ތަރަހައިގައި ހިމެނޭ ސުވާލެއް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮޓޯ ކޭޑް ފެއިލްވުމާ ގުޅޭގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވެސް ސުވާލު ކުރެއްވި އެވެ. އެކަމަކު، މާރިޔާ އެ ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ.

އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އަންގަ އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.