Roadha Mihaaru
މިނިސްޓަރަށް ނުގުޅައި ނިޒާމުން ޚިދުމަތް ލިބޭނެ: މާރިޔާ

މިނިސްޓަރުގެ "ހެޔޮފުޅު" އުސޫލު ބަދަލުކޮށް، ނިޒާމުން މިހާރު ޚިދުމަތް ލިބޭނެ: މާރިޔާ

17 ފެބުރުއަރީ 2020

ޚިދުމަތެއް ހޯދަން ވެއްޖެ ނަމަ ސިފައިންގެ މުއައްސަސާގައި ވެސް މިނިސްޓަރަށް ގުޅައިގެން "ހެޔޮފުޅުކަމުން" ކަންކަން ކުރާ އުސޫލް ބަދަލުކޮށް، ނިޒާމުގެ ތެރެއިން އޮޓޮމެޓިކުން ޚިދުމަތް ލިބޭނެ ލުއި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޚިދުމަތެއް ހޯދަން ވެއްޖެ ނަމަ ސިފައިންގެ މުއައްސަސާގައި ވެސް މިނިސްޓަރަށް ގުޅައިގެން "ހެޔޮފުޅުކަމުން" ކަންކަން ކުރާ އުސޫލް ބަދަލުކޮށް، ނިޒާމުގެ ތެރެއިން އޮޓޮމެޓިކުން ޚިދުމަތް ލިބޭނެ ލުއި އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ މުއައްސަސާގެ ގާބިލްކަން މިހާރަށްވުރެ އިތުރުކުރަން ފެށި ކޮމާންޑާސް ކޮންފަރެންސްގައި މިނިސްޓަރު ވަނީ އެ މުއައްސަސާގައި ހުރި ރައްޔިތުންނަށް އުނދަގޫވާ ކަންކަން ހައްލުކުރަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި ބައެއް މަސައްކަތްތަކުގެ ތަފްސީލް ދެއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މާރިޔާ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ކަމަކީ ރައީސްގެ ވައުދުތަކާ އެއްގޮތަށް ސިފައިންގެ މުއައްސަސާއަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއި އިތުބާރު ލިބިފައިވާ ތަނަކަށް ހަދަން ކަމަށެވެ. ރައްޔިތަކު ކޮންމެ ތަނެއްގައި ހުރެފައި ވެސް ސިފައިންގެ މުއައްސަސާ އިން ޚިދުމަތެއް ބޭނުންވެއްޖެ ނަމަ ކުރިން ދިމާވާ ތަކުލީފްތައް މިހާރު ކުޑަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިނިސްޓަރަށް ނުގުޅައި ކަނޑައަޅާފައި އޮންނަ ނިޒާމުގެ ތެރެއިން ހިދުމަތް ލިބޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ކުރިން ފެނިގެން ދިޔައީ ކޮންމެ ކަމެއްގައި ވިޔަސް މިނިސްޓަރުގެ ހެޔޮފުޅު ކަމުން މިނިސްޓަރާ ގުޅީމަ ނޫނީ ނުލިބޭ ހިދުމަތެއްގެ ގޮތުގައި ކިތަންމެ ފަހަރަކު ވެެގެން ދިއުން. އެކަމަކު މިހާރު އެ އޮންނަ ކޮމާންޑަރެއް ނުވަތަ ނަމްބަރަކާ ގުޅީމާ އޮޓޮމެޓިކުން އެކަންކަން ހިނގަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާރިޔާގެ ވާހަކައިގައި، އަލިފާނުގެ ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރަން އަމިއްލަ ފުރާނަ އަށް ބެލުމެއް ނެތި ސިފައިން ދައްކާ ރީތި ނަމޫނާ އާއި ކަނޑުމައްޗާއި އެއްގަމުގައި ވެސް ސިފައިން ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރު ހިތްވަރު ދެއްވި އެވެ.

ސިފައިންގެ "ކޮމާންޑާސް ކޮންފަރެންސް"ގައި ބައެއް ސިފައިން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ "ކޮމާންޑާސް ކޮންފަރެންސް"ގައި ބައެއް ސިފައިން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަތް ގޮތަށް، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސިފައިންގެ ގާބިލްކަމާއި ކެޕޭސިޓީ ވަރުގަދަކޮށް، އަސްކަރީ މިންތަކާއި ހަމަހަމަކަން ގާއިމްކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެެ އަމާޒަށް ވާސިލްވެވުނީ ސާފު ލަނޑުދަނޑިތަކެއް އެކަށައަޅައިގެން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާގެ ޕްރޮފެޝަނަލިޒަމް އިތުރުކޮށް އުސޫލްތައް ހަރުދަނާކޮށް ގާނޫނުގެ ވެރިކަމަށް ފުރިހަމަ އަށް ބޯލަނބާ ކިޔަމަންތެރި މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހް ދިވެހި އަސްކަރިއްޔާގައި އިތުރަށް ވަރުގަދަކުރުމަކީ އަޅުގަނޑުމެން އެކަށައެޅި އެއް ލަނޑުދަނޑި،" މާރިޔާ ވިދާޅުވި އެވެ.

ދެ ވަނަ އަމާޒެއްގެ ގޮތުގައި އިސްކަން ދެއްވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ހަތިޔާރާއި އުޅަނދުތަކާއި ވަސީލަތްތައް ހޯދުމަށެވެ. މި މަސައްކަތަށް ވެސް ކުރިއެރުންތަކެއް ލިބުނު ކަމާއި އޭގެތެރޭގައި ބޭރުގެ އެހީގެ މިނިސްޓަރު ފާހަަގަކުރެއްވި އެވެ.

ޓެރަރިޒަމާއި ހައްދުފަހަނާޅައިދިއުމުގެ ފިކުރުގެ ނުރައްކާ ރާއްޖޭގައި އޮތް ކަމަށާއި އެކަން ސިއްރު ނުކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވާ ވާހަކަ އަށް ބާރު ދެއްވައި ވިދާޅުވީ އެ ނުރައްކަލުން ސަލާމަތްވާން ކުރު ރާސްތާގައި އެޅިދާނެ ފިޔަވަޅުތަކާއި ދެމެހެއްޓެނިވި ގޮތަކަށް ދުރު ރާސްތާއަކަށް ހައްލުތަކެއް އަންނަނީ ހޯދަމުންނެވެ. އެ މަސައްކަތުގައި ކާމިޔާބީއަަށް ވާސިލްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ސިފައިންގެ ކޮމާންޑާސް ކޮންފަރެންސްގައި، ހުރި މައްސަލަތަކާ މެދު ވާހަކަ ދައްކާ ފަދައިން ދިރާސާކޮށް، ނަތީޖާއެއް ހޯދުމުގެ ވިސްނުން ކުރިއަށް ނެރެން މިނިސްޓަރު އެދިވަޑައިގަތެވެ.