Roadha Mihaaru
ލަމްޕާޑާ އެކު ޗެލްސީ އަށް ގޯސް ފެށުމެއް

މުހިއްމު ދަނޑިވަޅެއްގައި ލަމްޕާޑާ އެކު ޗެލްސީ އަށް ގޯސް ފެށުމެއް

09 އެޕްރީލް 2023

ވުލްވަހެމްޓަން (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގައި މުހިއްމު މެޗެއް ބޯމަތީގައި އޮއްވައި ކުރު މުއްދަތަކަށް ޗެލްސީއާ ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑާ އެކު ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން ވުލްވްސް އަތުން ބަލި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވުލްވަހެމްޓަން (އޭޕްރީލް 9) - ޗެމްޕިއަންސް ލީގުގައި މުހިއްމު މެޗެއް ބޯމަތީގައި އޮއްވައި ކުރު މުއްދަތަކަށް ޗެލްސީއާ ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑާ އެކު ޗެލްސީ ކުޅުނު ފުރަތަމަ މެޗުން ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި 1-0 އިން ވުލްވްސް އަތުން ބަލި ވެއްޖެ އެވެ.

ޗެލްސީ އަށް މެޗުގައި ރަނގަޅު ކުޅުމެއް ވެސް ދެއްކިފައި ނުވާއިރު، ވުލްވްސް އިން ގޯލު ޖެހީ ފުރަތަމަ ހާފުގައި މެތިއުސް ނޫނޭޒް އެވެ. މިއީ ލީގުގައި ޗެލްސީ ބަލިވި 11 ވަނަ މެޗެވެ. އެޓީމު މޮޅު ވެފައި ވަނީ 10 މެޗުންނެވެ.

މިހާތަނަށް ކުޅުނު 30 މެޗުން ހޯދި 39 ޕޮއިންޓާ އެކު ޗެލްސީ އޮތީ 11 ވަނައިގަ އެވެ. ޖެހިގެން އޮތީ 31 ޕޮއިންޓް ހޯދާފައިވާ ވުލްވްސް އެވެ.

މިއީ ކުރިން ޗެލްސީ އަށް ކުޅުނު މިޑްފީލްޑަރު ލަމްޕާޑް އެޓީމުގެ ކޯޗުކަމާ ހަވާލުވި ދެ ވަނަ ފަހަރެވެ. އެކަމަކު މިފަހަރު މި ހަވާލުވީ، ގްރަހަމް ޕޮޓާ މަގާމުން ވަކިކޮށް މި ސީޒަން ނިމެންދެން ކުރު މުއްދަތަކަށެވެ.

ލަމްޕާޑަކީ ޗެލްސީއަށް މި ސީޒަން ގައި އިރުޝާދުދޭ ހަތަރު ވަނަ ކޯޗެވެ. ތޯމަސް ޓުޗެލް ބޭރުކޮށްލައި އެ މަގާމަށް ގެނައީ ބްރައިޓަން ގައި ހުރި ގްރަހަމް ޕޮޓާ އެވެ. އޭނާ މަގާމުން ވަކި ކުރުމަށް ފަހު މިދިޔަ ހަފްތާ ލިވަޕޫލާ ދެކޮޅަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ބްރޫނޯ ސެލްޓޯ އެވެ.

ލަމްޕާޑް ބުނީ ޗެލްސީ މެނޭޖް ކުރުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، ދިމާވެފައިވާ މައްސަލަ އެއް ދުވަހުން ހައްލު ނުކުރެވޭނެ ކަމަށެވެ.

"އެއް ދުވަހުން ކަންކަން ހައްލުވާނެ ކަމަކަށް އަހަރެން ނުދެކެން. ކުޅުން އަވަސްކޮށް، އަހަރެމެންނަށް ފައިދާ ކުރާނެހެން ވަރުގަދައަށް ކުޅެން ޖެހޭ،" ލަމްޕާޑް ބުންޏެވެ.

"ކުޅުންތެރިން އެކަން ދަންނަން ޖެހޭނެ، އެކަން ނެތިއްޖެއްޔާ މެޗުތަކުން މޮޅެއް ނުވާނެ. އަހަރެން މިހުރީ އެކަމަށް އެހީވާން. މިއީ ވަކި ކުޅުންތެރިއަކަށް ފާޑުކިޔަނީއެއް ނޫން. އަހަރެންނަށް އެނގޭ މިތާ ވަރަށް ބައިވަރު ހުނަރު އެބައޮތްކަން."

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު، މި ހަފްތާ ދެން ކުޅޭނީ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ސްޕެއިންގަ އެވެ. ލަމްޕާޑް ބުނީ އެ މެޗުގައި ޗެލްސީގެ ކުޅުން ތަފާތު ވާނެ ކަމަށެވެ.

ޗެލްސީ އިން ވަކިކުރުމުން ލަމްޕާޑް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި އެވަޓަންގެ ކޯޗުކަމާ ހަވާލު ވެފަ އެވެ. އެވަޓަންގެ ކޯޗުކަމުން ވަކިކުރީ މި އަހަރު ޖެނުއަރީގަ އެވެ. ލަމްޕާޑް ގޮތަށް ކެއާޓޭކާ މެނޭޖަރެއްގެ ގޮތުގައި 2012 ވަނަ އަހަރު ރޮބާޓޯ ޑި މަޓެއޯ ޗެލްސީ އަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދިން ފައިނަލް މެޗުގައި ޗެލްސީގެ ކެޕްޓަނަކީ ލަމްޕާޑެވެ.