Roadha Mihaaru
ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް

ޗެލްސީ ބަލިކޮށް އާސެނަލް އަށް ވަގުތީ ހިތްހަމަޖެހުމެއް

03 މެއި 2023

ލަންޑަން (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަމިއްލަ ދަނޑުގައި ރޭ 3-1 އިން ޗެލްސީ ބަލިކޮށް، ވަގުތީ ގޮތުން އެއްވަނަ އަށް ޖެހިލައި ހިތްހަމަޖެހުން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މެއި 3) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަމިއްލަ ދަނޑުގައި ރޭ 3-1 އިން ޗެލްސީ ބަލިކޮށް، ވަގުތީ ގޮތުން އެއްވަނަ އަށް ޖެހިލައި ހިތްހަމަޖެހުން ހޯދައިފި އެވެ.

އާސެނަލް ކާމިޔާބު ކުރި ތިން ގޯލް ވެސް ޖެހީ ރޭގެ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ގޯލް 18 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި 31 ވަނަ މިނިޓުގައި ދެވަނަ ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ. އެ ދެ ގޯލް ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ގްރޭނިޓް ޒާކާ އެވެ.

ޗެލްސީގެ ޑިފެންސަށް ކްލިއާ ނުކުރެވި އުޅުނު ދަނޑިވަޅެއްގެ ފައިދާ ނަގައި އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 34 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ގެބްރިއެލް ޖީސަސް އެވެ.

ޗެލްސީން މެޗުގައި ޖެހި ހަމައެކަނި ގޯލް 65 ވަނަ މިނިޓުގައި ޖަހައިދިނީ އެ ޓީމާ އަލަށް ގުޅުނު ޒުވާން ފޯވާޑް ނޮނީ މަޑުއެކޭ އެވެ. މަތެއޯ ކޮވަސިޗް ދިން ބޯޅައަކުން އޭނާ ކާމިޔާބު ކުރި އެ ގޯލަކީ، ޕީއެސްވީ ދޫކޮށް ޖެނުއަރީ މަހު ޗެލްސީއާ ގުޅުމަށް ފަހު ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

އެ ނަތީޖާއާ އެކު އާސެނަލް ވަނީ ވަގުތީ ގޮތުން ލީގް ތާވަލްގެ އެއްވަނައަށް ޖެހިލައިފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިވަގުތު ދެވަނައިގައި އޮތީ އާސެނަލް އަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ.

އާސެނަލް 34 މެޗުން 78 ޕޮއިންޓް ހޯދާފައި ވާއިރު ސިޓީ ވަނީ 32 މެޗުން 76 ޕޮއިންޓް ހޯދައިފަ އެވެ. ސިޓީ އިން މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްފި ނަމަ އަނެއްކާ ވެސް ސިޓީ ލީގު އެއްވަނައަށް ޖެހިލާނެ އެވެ.

މި މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުހޯދުނު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ މެޗަށް ފަހު ބުނީ ލީގު ހޯދުމުގެ ކުޑަވެސް ފުރުސަތެއް ބޭނުން ނަމަ މިއީ މަޖުބޫރު މޮޅެއް ކަމަށެވެ.

"އަހަރެމެން ލީގު ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ބޭނުން ނަމަ މިރޭ އޮތީ މޮޅުވާން މަޖުބޫރު ވެފައި،" އާޓެޓާ ބުންޏެވެ.

މިއީ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑާ އެކު ޗެލްސީ ޖެހިޖެހިގެން ކުރިމަތިލާން ޖެހުނު ހަ ވަނަ ބައްޔެވެ. ލީގުގައި ހަތަރު ބަލި ވެފައި ވާއިރު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެ މެޗުން ވެސް ވީ ބައްޔެވެ.

މިއާ އެކު ޗެލްސީ އޮތީ ލީގުގެ 12 ވަނައިގައި، ރެލިގޭޝަން ޒޯނަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ. ޗެލްސީ މިހާތަނަށް ކުޅުނު 33 މެޗުން 39 ޕޮއިންޓް ލިބިފައި ވާއިރު، 131 ވަނައިގައި އޮތް ބޯންމަތު ވަނީ 34 މެޗު ކުޅެގެން 39 ޕޮއިންޓް ހޯދައިފަ އެވެ.

"ފުރަތަމަ ހާފުގެ ކުޅުން އެއްވެސް ވަރަކަށް ރަނގަޅެއް ނޫން. އެންމެންނަށް ވެސް އަހަރެމެންނާ ދެކޮޅަށް ކުޅެލަން ވަރަށް ރަނގަޅު ގޮތަކަށް ފެންނަނީ. މި ގޮތަށް ކުޅޭކަމުގައި ވަނީނަމަ މިއީ ލިބޭނެ ނަތީޖާއަކީ،" ލަމްޕާޑް ބުންޏެވެ.