Roadha Mihaaru
މައްސަލަ އަކީ ފޯމޭޝަނެއް ނޫން: ލަމްޕާޑް

މައްސަލަ އަކީ ފޯމޭޝަނެއް ނޫން: ލަމްޕާޑް

21 ޑިސެމްބަރ 2020

ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޗެލްސީ ބަލިވީ ފޯމޭޝަންގެ މައްސަލައަކާ ހެދި ނޫން ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޗެލްސީ ބަލިވީ ފޯމޭޝަންގެ މައްސަލައަކާ ހެދި ނޫން ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މިދިޔަ ހަފްތާގައި އެވަޓަން އަތުން 1-0 އިން އަދި ވުލްވްސް އަތުން 2-1 އިން ޗެލްސީ ވަނީ ބަލިވެފަ އެވެ. ވުލްވްސް އިން ފަހަތުން އަރައި ޗެލްސީ ބަލިކުރި މެޗަށް ފަހު ލަމްޕާޑް ވަނީ އެ ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ކަންކަން އަވަހަށް ރަނގަޅު ނުކުރެވިއްޖެނަމަ ސީޒަނުގައި ބޭނުންވާ މިސްރާބަށް ދާން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލަމްޕާޑް ބުނީ ފުޓްބޯޅަ އެނަލިސްޓުންގެ ނަޒަރުގައި ޗެލްސީ އަށް 4-3-3 އަށް ކުޅެގެން ނަތީޖާ ނެރުމުގައި މައްސަލަ ދިމާވާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް އެއީ އޭނާ އަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ސިސްޓަމް އެއީ (4-3-3). އޭގެ އެހީގައި އެ ސިސްޓަމްގައި އަހަރެމެން ތިން މަސް ބަލިނުވެ އޮތީ ވެސް. އެހެންވީމަ ގޯސް ދެ ނަތީޖާއާ އެކު ހުރިހާ ކަމެއް ބަދަލުކޮށްލުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ ޗެލްސީ އެންމެ ފަހުން ބަލިވި ދެ މެޗާ ބެހޭގޮތުން ކުޅުންތެރިންނާ ވާހަކަ ދައްކާފައިވާނެ ކަމަށާއި ބޭނުންވާ އެންމެ މުހިއްމުކަމަކީ ކުޅުންތެރިން 90 މިނިޓަށް ކޮންސަންޓްރޭޝަން ބަހައްޓައިގެން ކުޅުން ކަމަށެވެ.

ވެސްޓް ހޭމް އަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް ކަމަށާއި އެ ޓީމުން ނެރެފައިވާ ރަނގަޅު ނަތީޖާތަކުގެ ސަބަބުން މިއީ ޗެލްސީ އަށް ފަސޭހަވާނެ މެޗެއްގެ ގޮތުގައި ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ލަމްޕާޑް ވަނީ މިސާލެއްގެ ގޮތުން ވެސްޓް ހޭމް އިން ޓޮޓެންހަމް ދަނޑުގައި ފަހު ވަގުތު 3-3 އިން އެއްވަރުކުރި މެޗުގެ ވާހަކަ ދައްކައިފަ އެވެ.

"އެއީ އެއްވެސް ބަޔަކު އުއްމީދުކުރާނެ ކަމެއް ނޫން. ވެސްޓް ހޭމްގެ ޓީމު ރޫހު ރަނގަޅުކަން އެ ނަތީޖާއިން ވެސް ފެނިއްޖެ،" ފުޓްބޯޅަ ކެރިއަރުގައި ޗެލްސީ އަށް ބަދަލުވުމުގެ ކުރިން ވެސްޓް ހޭމް އަށް ކުޅުނު ލަމްޕާޑް ބުންޏެވެ.

މި ހަފްތާގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު ޗެލްސީ ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 13 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، މިރޭ މޮޅެއް ހޯދައިގެން ލީގުގެ ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. ޗެލްސީ ދަނޑުގައި ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ.