Roadha Mihaaru
ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް

ލަމްޕާޑާ އެކު ޗެލްސީން ފުރަތަމަ ފަހަރަށް ހަމަނޭވާއެއް

07 މެއި 2023

ބޯންމަތު (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ބޯމަތާ ވާދަކޮށް 3-1 އިން ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބު ކޮށްގެން ޗެލްސީ އިން އެޓީމުގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑާ އެކު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބޯންމަތު (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ބޯމަތާ ވާދަކޮށް 3-1 އިން ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބު ކޮށްގެން ޗެލްސީ އިން އެޓީމުގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑާ އެކު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެ އެވެ.

ލަމްޕާޑް ޗެލްސީއާ ހަވާލުވި ފަހުން އެޓީމު ވަނީ ލީގުގައި މީގެ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އަދި ލަމްޕާޑާ އެކު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރެއާލް މެޑްރިޑް އަތުން ވީ ދެ ބައްޔާ އެކު، މި މޮޅަކީ ޖެހިޖެހިގެން ކުޅުނު ހަތް މެޗުން ބަލިވުމަށް ފަހު އެޓީމު ހޯދި ފުރަތަމަ މޮޅެވެ.

މެޗުގެ ކުރިން ޗެލްސީ އާއި ބޯންމަތު ވެސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފަ އެވެ. ނަމަވެސް މި މޮޅާ އެކު ޗެލްސީ ވަނީ 34 މެޗުން 42 ޕޮއިންޓް ހޯދައިގެން 11 ވަނައަށް ޖެހިލައިފަ އެވެ. ތިރީސް ފަސް މެޗުން 19 ޕޮއިންޓް ލިބިފައިވާ ބޯންމަތު ވަނީ 14 ވަނައަށް ވެއްޓިފަ އެވެ.

މެޗުން މޮޅުވުމުގެ އުފަލާއެކު ޗެލްސީގެ ކޯޗު ލަމްޕާޑް (ކ) އަދި ނޮނީ މަޑުއެކޭ.-- ފޮޓޯ: އޭއެފްޕީ

މެޗުން މޮޅުވުމުގެ އުފަލާއެކު ޗެލްސީގެ ކޯޗު ލަމްޕާޑް (ކ) އަދި ނޮނީ މަޑުއެކޭ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ވަނީ ކަނާތް ފަރާތު އަރިމަތިން ކުޅޭ ޒުވާން ފޯވާޑް ނޮނީ މަޑުއެކޭ އަށް ބޯޅަ ފޯރު ކޮށްދީގެން އެ ފަޅިން ގިނަ އެޓޭކްތަކެއް ކުރަން މަސައްކަތް ކޮށްފަ އެވެ. މަޑުއެކޭ އާއެކު ކޮނޯ ގަލަގާ އާއި ކައި ހަވާޓްޒް އަދި ޑިފެންޑަރު ބެނޯއި ބަޑިއަޝީލް ވެސް ވަނީ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ.

ޗެލްސީން ލީޑު ނެގީ ނުވަވަނަ މިނިޓުގައި ޓްރެވޯ ޗަލޮބާ ނަގައިދިން ހުރަހަކުން ގަލަގާ ބޮލުން ކާމިޔާބު ކޮށްދިން ގޯލުންނެވެ. ނަމަވެސް ޖެނުއަރީ މަހު އިޓަލީގެ ރޯމާ އިން ލޯނު އުސޫލުން ބޯންމަތަށް ބަދަލުވި އުރުގުއޭ ފުލްބެކް މަޓިއަސް ވީނާ ވަނީ 21 ވަނަ މިނިޓުގައި ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ޗެލްސީން މޮޅުވި ގޯލާއި ލީޑު ފުޅާކުރި ގޯލު ކާމިޔާބު ކުރީ މެޗުގެ ފަހު 10 މިނިޓު ތެރޭގަ އެވެ. އެގޮތުން ހަކީމް ޒިޔެޝް ހިލޭޖެހުމަކުން ނަގައިދިން ބޯލައަކުން 82 ވަނަ މިނިޓުގައި އެޓީމަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދިނީ ޑިފެންޑަރު ބަޑިއަޝީލް އެވެ. އަދި ހަތަރު މިނިޓު ފަހުން ރަހީމް ސްޓާލިން އޭރިއާ ތެރެއަށް ވަދެފައި ދިން ބޯލައަކުން ތިންވަނަ ގޯލު ޖަހައިދިނީ ޔާއޯ ފީލިކްސް އެވެ.

"ފައި ސީދާ ކޮށްލެވޭ ވަރުގެ އިތުބާރު ހުރި ވަރަށް މަދު ކުޅުންތެރިންނެއް ތިބީ. އާއްމު ގޮތެއްގައި ޗެލްސީގައި އެކެއް ނޫނީ ދެ ކުޅުންތެރިން ތިބޭނީ ބޯޅަ ސަޕްލައި ކޮށްދޭން އެކަމަކު މިހާރު ބައިވަރު އެބަތިބި. ގުރޫޕެއްގެ ގޮތުގައި ކުޅުންތެރިން ގުޅި އިތުބާރު ހޯދުމަކީ އުނދަގޫ ކަމެއްކަން ވިސްނޭ،" ލަމްޕާޑް ބުންޏެވެ.

"މިއީ ފުރަތަމަ ފިޔަވަޅެއް. މިސްރާބެއް ނެތި ކުރިއަކަށް ނުދާނަން، ޗެލްސީގައި ހުނަރު އެބަހުރި އެހެންވީމައި ކުޅުންތެރިން އެކުގައި މަސައްކަތް ކޮށްގެން ދާން ބޭނުންވާ ދިމާއަށް ދެވޭނީ. މިއީ އަހަރެމެން ކުރާ އުނދަގޫ ދަތުރެއް. އަދި މި އަހަރު ވެސް މިއީ ކްލަބަށް އުނދަގޫ އަހަރެއް."