Roadha Mihaaru
ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭން ފަށަނީ

ދިރާސީ އާ އަހަރު ހޯރަފުށީ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭނެ: ކައުންސިލް

12 އެޕްރީލް 2023

ހއ. ހޯރަފުށީގައި އަޅާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން އަންނަ އޮގަސްޓްގައި ފެށޭ ދިރާސީ އާ އަހަރު ފެށޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ހޯރަފުށީގައި އަޅާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން އަންނަ އޮގަސްޓްގައި ފެށޭ ދިރާސީ އާ އަހަރު ފެށޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އެ ރަށުގެ ކައުންސިލްގެ ސްކޫލު އިމާރާތަކީ އެކި ވިޔަފާރިވެރިންނާއި އެމްޓީސީސީގެ އެހީގައި މި އަހަރު އިމާރާތްކުރި ތަނެކެވެ.

ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވީ ތައުލީމީ އާ އަހަރާ އެކު އެ ސްކޫލުގެ ކިޔެވުން ވެސް ފެށޭނެ ކަމަށެވެ.

"ކޭމްބްރިޖް އިންޓަނޭޝަނަލް ސްކޫލް"ގެ ނަން ދީފައިވާ އެ ސްކޫލުގައި ކިޔަވައިދޭން ފަށަނީ ޕްރީސްކޫލުންނެވެ. ކޮންމެ ކްލާހެއްގައި 20 ކުދިންނަށް ކިޔަވައިދޭ ގޮތަށް ތިން ކްލާސްރޫމު ހުރެ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ބިންގާ އަޅާފައި ހުރީ މައްޗަށް އިތުރު ކްލާސްރޫމުތައް ހެދޭ ގޮތަށް ކަމަށާއި ފަހުން ޕްރައިމަރީ ގްރޭޑްތަކާއި ސެކްންޑްރީ ގްރޭޑްތައް އިތުރުކުރާނެ ކަމަށެވެ.

އެ ސްކޫލުގައި ޕްލޭ ގްރައުންޑަކާއި ގުދަނަކާއި ޕަބްލިކް ފާހާނާއަކާއި ދަރިވަރުންނަށް ހާއްސަ ހަތަރު ފާހާނާ ހުރެ އެވެ. އެ އިމާރާތުގައި ތިން ކްލާސްރޫމްގެ އިތުރުން ޕްރިންސިޕަލް ރޫމަކާއި ސްޓާފްރޫމަކާއި ރިސެޕްޝަން އޭރިއާއެއް ވެސް ހުރެ އެވެ.

އެ ރަށުގައި އިންޓަނޭޝަނަލް ސްކޫލެއްގެ ހިންގުމުގެ މަގުސަދަކީ ޕްރީ ސްކޫލުގެ މަރުހަލާއިން ފެށިގެން ކީ ސްޓޭޖު 5 އާ ދެމެދުގެ ދަރިވަރުންނަށް، ޒަމާނީ ވަސީލަތްތަކާ އެކު ދުނިޔޭގެ ކުރިއަރާފައިވާ އެޑިއުކޭޝަން ސިސްޓަމްތަކާ އެއް ފެންވަރެއްގައި ޒަމާނީ ތައުލީމު ރަށުގައި ތިބެގެން އުނގެނުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ކައުންސިލުން ބުންޏެވެ.

އެ ސްކޫލު ހިންގުމަށް ދޫކުރާނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރެވެ. އަދި އެންމެ ދިގު މުއްދަތަކީ 15 އަހަރެވެ. ތަން ހިންގާނެ ބަޔަކު ހޯދަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމުގައި ނިންމި ގޮތެއް ކައުންސިލް ނުބުނެ އެވެ. ކައުންސިލުން ބުނީ ސްކޫލުގެ އިމާރާތްތަކާއި ވަސީލަތްތައް، ބިޑް ކާމިޔާބުކުރާ ފަރާތަކަށް އެގްރީމެންޓް ކުރެވޭ މުއްދަތަށް ދޭނީ އެއްވެސް ކުއްޔަކާ ނުލައި ކަމަށެވެ. ކައުންސިލުން ބުނީ ކުލި ނުނަގަނީ ދަރިވަރުންގެ އަތުން ނަގާ ފީ ނިސްބަތުން ކުޑަކުރުން ކަމަށެެވެ.