Roadha Mihaaru
އިރުގެ ތޫފާންތައް ދެނެގަނެވޭނެ ނިޒާމެއް އުފައްދައިފި

އިރުގެ ތޫފާންތައް ދެނެގަނެވޭނެ ނިޒާމެއް އުފައްދައިފި

10 އެޕްރީލް 2023

އިރުން އުފެދޭ ތޫފާންތަކުގެ އަސަރު މި ބިމަށް ފޯރުމުގެ ކުރިން، އެފަދަ ތޫފާންތައް ދެނެގަނެވޭނެ ފަދަ ކޮމްޕިއުޓަ މޮޑެލްއެއް އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އައެރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ތަރައްގީ ކޮށްފި އެވެ.

އިރުން އުފެދޭ ތޫފާންތަކުގެ އަސަރު މި ބިމަށް ފޯރުމުގެ ކުރިން، އެފަދަ ތޫފާންތައް ދެނެގަނެވޭނެ ފަދަ ކޮމްޕިއުޓަ މޮޑެލްއެއް އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އައެރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ތަރައްގީ ކޮށްފި އެވެ.

އަލަށް މި އީޖާދުކުރި ކޮމްޕިއުޓަ މޮޑެލް އިން، އިރުގައި އުފެދޭ ތޫފާންތައް ދެނެގަންނާނީ، އެ ކޮމްޕިއުޓަރުތަކުގައިވާ އާޓިފިޝަލް އިންޓެލިޖެންސް އާއި ސެޓެލައިޓްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ އެހީގަ އެވެ. ނަސާ އިން ބުނި ގޮތުގައި އިރުގައި ތޫފާނެއް އުފެދިއްޖެ ނަމަ، އެ ތޫފާނެއްގެ އަސަރު މި ބިމާ ހަމައަށް ފޯރުމުގެ 30 މިނެޓް ކުރިން، ކޮމްޕިއުޓާ މޮޑެލްގެ އެހީގައި އެކަމުގެ އިންޒާރު ދޭނެ އެވެ.

އިރުގެ ތޫފާން ދެނެގަތުމަށް އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް ނިޒާމަށް ނާސާއިން ދީފައިވާ ނަމަކީ، ދަ ޑީޕް ލާނިންގް ޖިއޯމެގްނެޓިކް ޕާޓާބޭޝަން ނުވަތަ ޑެގާ އެވެ. އިރުގައި އުފެދޭ ތޫފާންތައް މި ނިޒާމުގެ އެހީގައި ދުރާލައި ދެނެގަނެވުމުން، އެފަދަ ތޫފާންތަކުން މި ބިމުގައި ބޭނުންކުރާ ސައެންޓިފިކް ވަސީލަތްތަކާއި އާލާތްތަކަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ އެވެ.

އެފަދަ ތޫފާންތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ މި ބިމުގެ ވަށައިގެން ދަތުރުކުރާ ސެޓެލައިޓްތަކަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މުވާސަލާތީ ތަފާތު ބޭނުންތަކަށާއި ޖާސޫސީ ކަންކަމަށް އަދި ތަފާތު ދިރާސާތައް ކުރުމަށް ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓްތަކެވެ.

އޭގެ އިތުރުން، އިރުގައި އުފެދޭ ތޫފާންތަކުގެ އަސަރު މި ބިމާ ހަމައަށް ފޯރުމުން، ކަރަންޓު ކެނޑުމުގެ އިތުރުން މުވާސަލާތީ ޚިދުމަތްތައް މެދުކެނޑުމާއި އެހެން ޓެކްނޮލޮޖީތަކަށް ގެއްލުން ލިބުމުގެ މައްސަލަތައް ކުރިމަތިވެ އެވެ.

އިރުގެ ތޫފާންތަކަކީ، އިރުން ކުއްލިއަކަށް މައްޗަށް އަރައިގެންދާ ހުޅުގަނޑާއެކު އުފެދޭ ހޫނު އަދި ބާރު ވައިރޯޅިއަށެވެ. އެފަދަ ވައިރޯޅިއެއްގެ އަސަރު މި ބިމުގެ ވަށައިގެންވާ ދަގަތްފާނީ މާހައުލަށް ފޯރުމުން، ދަގަތްފާނީ މާހައުލަށް އަރާ ލޮޅުންތަކުގެ ސަބަބުން، މި ބިމުގައިވާ ޓެކްނޮލޮޖީގެ އާލާތްތަކަށް ގެއްލުންލިބެ އެވެ.

އަލަށް މި އީޖާދުކުރި އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުން އެންމެ ފުރަތަމަ ދެނެގަންނާނީ، އިރުގައި ތޫފާނެއް އުފެދިއްޖެ ކަމެވެ. އެއަށް ފަހު، އެ ތޫފާނުގެ ބާރުމިން ހުރި ވަރު އަންދާޒާކޮށް، އެ ތޫފާނުން މި ބިމަށް ލިބިދާނެ ގެއްލުމުގެ ކުޑަބޮޑުމިނާއި، އެ ގެއްލުމެއް މި ބިމާ ހަމައަށް ފޯރާނެ ވަގުތު ބުނެދޭނެ އެވެ.

އެހެންކަމުން، އެފަދަ ތޫފާނެއް އުފެދިއްޖެ ނަމަ، އެ ތޫފާނެއްގެ އަސަރު ފިލައިގެން ދަންދެން، އޭގެ އަސަރު ފޯރާ ހިސާބުގައި ހުރި ސެޓެލައިޓްތައް ވަގުތީ ގޮތުން ނިއްވައިލުމާއި، މި ބިންމަތީގައި ބޭނުންކުރާ މުވާސަލާތީ ނިޒާމުތަކާއި އާލާތްތަކާއި ކަރަންޓު ވިއުގަތައް ރައްކާތެރިކުރުމުގެ ފުރުސަތު، ވަގުތު އޮއްވައި ލިބޭނެ އެވެ.

އިރުގައި ތޫފާނެއް އުފެދިއްޖެ ނަމަ، ސިކުންތަކަށް ވުރެ ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، މި ކޮމްޕިއުޓާ މޮޑެލް އިން އެ ތޫފާނުން ލިބިދާނެ ގެއްލުން އަންދާޒާކޮށް ބުނެދޭނެ އެވެ. އަދި ކޮންމެ މިނެޓަކު އެއް ފަހަރު، އެންމެ ފަހުގެ މައުލޫމާތު ފޮނުވަމުން ދާނެ އެވެ.

މީގެ 34 އަހަރު ކުރިން 1989 ވަނަ އަހަރު އިރުގައި އުފެދުނު ތޫފާނެއްގެ ސަބަބުން ކެނެޑާގެ ކިޔުބެކް އިން 12 ގަޑިއިރަށް ކަރަންޓު ކެނޑިގެން ދިޔަ އެވެ. އެ ކަމުގެ ސަބަބުން ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކުރަންޖެހުމުން، އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަ އެވެ.

މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ބާރުގަދަ އިރުގެ ތޫފާނެއް އުފެދުނީ 1859 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުގެ ސެޕްޓެމްބަރު 1، 2 އަށް ދެމިގެން ދިޔަ އެ ތޫފާންގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޭރު ބޭނުންކުރަމުން އައި ޓެލެގްރާފްގެ ޚިދުމަތަށް ބުރޫ އެރި އެވެ. އަދި ބައެއް ޓެލެގްރާފް ސްޓޭޝަންތަކުގައި އަލިފާން ވެސް ރޯވި އެވެ.

ސެޕްޓެމްބަރު 1، 1859 ގައި އިރުން ވަރަށް އަލިގަދަ ހުޅުގަނޑެއް އަރައިގެން ދިޔަކަން އެންމެ ފުރަތަމަ ދެނެގަތީ، އިނގިރޭސި ވިލާތުގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ރިޗަޑް ކްރިސްޓޮފާ ކެރިންގްޓަން އެވެ. އެހެންކަމުން، އެ ތޫފާނަށް، "ކެރިންގްޓަން އިވެންޓް"ގެ ނަމުން ވަނީ ނަންދީފަ އެވެ. އަދި އިނގިރޭސި ވިލާތުގެ ފަލަކީ އިލްމުވެރިއެއް ކަމަށްވާ ރިޗަޑސް ހޮގްސަން ވެސް ވަނީ، އެ ދުވަހު އިރުން ވަރަށް އަލިގަދަ ހުޅުގަނޑެއް ފަޅައިގެން ދިޔަކަން ދެނެގެންފަ އެވެ.

ނަސާ އިން ބުނި ގޮތުގައި ޑެގާއަކީ އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ އޯޕަން ސޯސް ނިޒާމެކެވެ. އެހެންކަމުން ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކާއި ޖައްވަށް ސެޓެލައިޓް ފޮނުވާފައިވާ ކުންފުނިތަކާއި މުވާސަލާތީ ކުންފިނިތަކުން ވެސް، އެމީހުންގެ ނިޒާމުތަކުގައި ޑެގާ ބޭނުންކުރެވޭނެ އެވެ.

"މިހާރު ނަގޫރޯޅި އުފެދުމުން، ކަމާ ބެހޭ ނިޒާމުތަކުން ދުރާލައި އިންޒާރުގެ ބަރުގޮޅު އަޅައިދޭ ގޮތަށް، އިރުގެ ތޫފާނެއް އުފެދިއްޖެ ހިނދެއްގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އިންޖީނުގެތަކުންނާއި ސެޓެލައިޓް ކޮންޓްރޯލްކުރާ މަރުކަޒުތަކުން ވެސް، ޑެގާ ފަދަ މޮޑެލްތަކުގެ އެހީގައި، ދުރާލައި އިންޒާރުގެ ބަރުގޮޅު އަޅައިދޭނެ ދުވަހެއް އަންނާނެ،" ނާސާ އިން ބުންޏެވެ.