Roadha Mihaaru
ހަނދުގެ މުއާސަލާތީ ވިއުގަ ނޮކިއާ އަށް

ހަނދުގައި މުއާސަލާތީ ވިއުގަ ގާއިމުކުރުމުގެ މަޝްރޫއު ނޮކިއާ އަށް

20 އޮކްޓޯބަރ 2020

ހަނދުގައި މުއާސަލާތީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު، 4ޖީ ނެޓްވޯކް ލިބޭ ގޮތަށް ކުރިއަށް ގެންދަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފިންލެންޑްގެ މުއާސަލާތީ ކުންފުނި ނޮކިއާއާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަނދުގައި މުއާސަލާތީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު، 4ޖީ ނެޓްވޯކް ލިބޭ ގޮތަށް ކުރިއަށް ގެންދަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ފިންލެންޑްގެ މުއާސަލާތީ ކުންފުނި ނޮކިއާއާ ހަވާލުކޮށްފި އެވެ.

ހަނދުގައި ގާއިމުކުރާ ފުރަތަމަ ސެލިއުލާ ވަޔަލެސް ނެޓްވޯކް ނޮކިއާ ބެލް ލެބްސްއާ ހަވާލުކުރީ 14.1 މިލިއަން ޑޮލަރަށެވެ. މި މަޝްރޫއުގެ ދަށުން 4ޖީ ނެޓްވޯކް ގާއިމުކުރުމަށް ފަހު، އެ ނެޓްވޯކް 5ޖީ އަށް އަޕްގްރޭޑް ވެސް ކުރާނެ އެވެ. ނާސާ އިން މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި ނޮކިއާ އެކު އެއްބަސްވުން ހަދާފައި ވަނީ 2024 ގައި ހަނދަށް އަލުން ދާން "އާޓެމިސް" ގެ ނަމުގައި ބޮޑު ޕްރޮގްރާމެއް ވެސް ފަށާފައި ވަނިކޮށެވެ. މިކަމުގައި އެމެރިކާއާ އެކު މިހާރު އަށް ގައުމަކުން ބައިވެރިވެ އެވެ.

މީގެ އިތުރުން ނާސާއާ ގުޅިގެން މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ވަނީ ޓޫރިސްޓުންގެ ގޮތުގައި ހަނދަށް މީހުން އުފުލަން ވެސް ނިންމައިފަ އެވެ.

ނާސާ އިން ބުނީ ނޮކިއާ އިން ހަނދުގައި ގާއިމުކުރާ މުވާސަލާތީ ވިއުގައާ އެކު ހަނދާ ގުޅުން ހުރި މިޝަންތަކަށް ބޮޑެތި ކުއެރުންތަކާއި ފަސޭހަތައް ލިބި، އެސްޓްރޮނޯޓުންގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އެގޮތުން މިޝަންތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް އެ އެއްޗިއްސާ ބެހޭ ޑޭޓާތައް އެއްކޮށް ރިއަލް-ޓައިމް ނެވިގޭޝަނާ އެކު ހަނދުގެ މަންޒަރުތައް އެޗްޑީ ކޮލިޓީގައި ބިމަށް ފޯރުވައިދޭނެ އެވެ.

މިކަމާ ބެހޭ ގޮތުން ބެލް ލެބްސް އިން ބުނީ ހަނދުގައި ގާއިމުކުރާ މުއާސަލާތީ ވިއުގަ އަކީ އާދައިގެ ކުޑަ މަސައްކަތަކަށް ނުވާނެ ކަމަށެވެ.

"އަދި މި ޕްރޮޖެކްޓްގެ ނަތީޖާ ގުޅިފައި އޮތީ ކުރިމަގުގައި ކުރިއަށް ގެންދާނެ މިފަދަ މަސައްކަތްތަކާ،" އެ ކުންފުނިން ބުންޏެވެ. "މިއީ ހަގީގަތުގައި މުއާސަލަތީ ވިއުގަ ގާއިމުކުރުން މުޅިން އެހެން އުސްމިނަކަށް ގެންދިއުމުގެ ފެށުން."

ނާސާގެ ސްޕޭސް ޓެކްނޮލޮޖީގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓަރު ޖިމް ރޮއިޓާ ވިދާޅުވި ގޮތުގައި ނޮކިއާ ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާ އިން މުޅިން އާ މަސައްކަތެއް ފެށުމަކީ ވަރަށް ބޮޑު އުފަލެކެވެ.

ނޮކިއާއާ އެކު ނާސާ އިން ހެދި އެއްބަސްވުމަކީ އެތަނުން "ޓިޕިން ޕޮއިންޓް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ 370 މިލިއަން ޑޮލަރު ގްރާންޓް ޕްރޮގްރާމް ބައެކެވެ.