Roadha Mihaaru
ގިނިހިލައަކުން ޖެހިދާނެ ކަމަށް ބިރުގަންނަނީ ކީއްވެ؟

ދުނިޔޭގައި ގިނިހިލައަކުން ޖެހިދާނެ ކަމަށް ބިރުގަންނަނީ ކީއްވެ؟

03 މެއި 2017

ބާރު ދުވެލީގައި އަންނަ ގިނިހިލައަކުން ޖެހި މުޅި ދުނިޔެ ހިމުންވެދާނެ އެވެ. އެއާ އެއްފަދަ ދެވަނަ ހާދިސާއެއް ދުނިޔެ ތަޖުރިބާނުކުރެ އެވެ. ކުރާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެ ފަދައިން އަޅާކިޔެން އޮތީ ވެސް، ސައިންސްވެރިން ބުނާ ގޮތުގައި، މީގެ 65 މިލިއަން އަހަރަށް ވުރެ ކުރިން ހިނގި ހާދިސާ އެވެ؛ ޑައިނަސޯތައް ފަނާވެ ދިޔައީ ދުނިޔެއަށް މުޑިއެރި ގިނިހިލައެއްގެ ސަބަބުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ބާރު ދުވެލީގައި އަންނަ ގިނިހިލައަކުން ޖެހި މުޅި ދުނިޔެ ހިމުންވެދާނެ އެވެ. އެއާ އެއްފަދަ ދެވަނަ ހާދިސާއެއް ދުނިޔެ ތަޖުރިބާނުކުރެ އެވެ. ކުރާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެ ފަދައިން އަޅާކިޔެން އޮތީ ވެސް، ސައިންސްވެރިން ބުނާ ގޮތުގައި، މީގެ 65 މިލިއަން އަހަރަށް ވުރެ ކުރިން ހިނގި ހާދިސާ އެވެ؛ ޑައިނަސޯތައް ފަނާވެ ދިޔައީ ދުނިޔެއަށް މުޑިއެރި ގިނިހިލައެއްގެ ސަބަބުންނެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި، އިންސާނީ ދަރިފަސްކޮޅު ނެތި ހިނގައިދާނެ ކަމަށް ސައިންސްވެރިން ބިރުގަނެ އެވެ. ދުނިޔެ ދޫކޮށް ގޮސް އެހެން އާލަމެއްގައި ދިރުން ގޮވާންކުރަން ޖެހެނީ އެހެންވެ އެވެ. އެކަމަކު އެކަން އެ ގޮތަށް ވެދާނެ ހެއްޔެވެ؟

ދުނިޔޭގައި ކުރިން ވެސް ގިނިހިލައަކުން ޖެހުނެވެ. ސަލާމާތްވާނެ އެއްވެސް ގޮތެއް ޑައިނަސޯތަކަށް ނުފެނުނެވެ. ގިނިހިލައަކުން ދެން ވެސް ޖެހިދާނެ އެވެ. އަހަރެމެންނަށް ވެސް ވާނީ އެ ސޮރުމެންނަށް ވީ ވަރެވެ. ސަލާމަތެއް ނުވާނެ އެވެ.

ވަކި މީޒާނެއް ނެތި ދަތުރުކުރާ ގިނިހިލަތައް ކާއިނާތުގައި ގިނަ އެވެ. އެކަތި އަނެކަތީގައި ޖެހި، މިސްރާބުން ކަޓައިގެން އަންނަ ގިނިހިލައެއް ދުނިޔެ ނޮޅާލަފާނެ އެވެ. މި ވެސް ވެދާނެ ގޮތެއް ކަމަށް ބުނަންވީ އެވެ. ތެދެކެވެ. މި އުސޫލުތަކަށް ފަލަކީ ހިސާބުތައް ފެތެ އެވެ. ލޯ ތަންމިނަށް ހުޅުވައި، ފެންނަން ނެތް ހިސާބުތަކަށް ސައިންސްވެރިން ބަލަނީ އެހެންވެ އެވެ.

ސޯލާ ސިސްޓަމްގައި ގިނިހިލައިގެ އަދަދު 700،000 ފަހަނަ އަޅާ ކަމަށް ސައިންސްވެރިން ބުނެ އެވެ. ދުނިޔެ އަށް ބިރުވެރިކޮށްފާނެ ކަމަށް ސައިންސްވެރިން ބަލަނީ އޭގެ ތެރެއިން 1،714 ގިނިހިލަ އެވެ.

ގިނިހިލައެއް: އިރު ވަށައި މި ޒާތުގެ އެތައް ގިނިހިލައެއް ދަތުރުކުރޭ. ބައެއް ގިނިހިލަ އިރަށް ދަމައިގަނެ އަދި ދުނިޔޭގެ ވައިގެ ފަށަލާގައި ޖެހި އަނދައި ހުލިވޭ

ގިނިހިލައެއް: އިރު ވަށައި މި ޒާތުގެ އެތައް ގިނިހިލައެއް ދަތުރުކުރޭ. ބައެއް ގިނިހިލަ އިރަށް ދަމައިގަނެ އަދި ދުނިޔޭގެ ވައިގެ ފަށަލާގައި ޖެހި އަނދައި ހުލިވޭ

ދުނިޔެއާ 30 މިލިއަން މޭލު ކައިރި އަށް ގިނިހިލައެއް ޖެހިއްޖެ ނަމަ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ވަރަށް ނުރައްކާވީ އެވެ. އެ އުސޫލުން ވިސްނައި މިހާރު ވެސް ސައިންސްވެރިން ބައެއް ގިނިހިލަތަކަށް ފާރަލަ އެވެ. އޭގެ ތެރޭގައި "ބެނިއޫ"އޭ ކިޔާ ގިނިހިލައެއް ހިމެނެ އެވެ.

ބެނިއޫ އުފެދުނު ގޮތެއް ޔަގީނެއް ނޫނެވެ. އަންދާޒާކުރެވެނީ ވެދާނެ ދުވަހެވެ. ބެނިއޫ ސައިންސްވެރިނަށް ފެނުނީ ސެޕްޓެމްބަރު 11، 1999 ގަ އެވެ. ސޯލާ ސިސްޓަމްގައި ބެނިއޫ އޭގެ ކުރިން ވެސް އުޅޭނެ އެވެ. ޖެހިލުންވާތީ މީހަކު ބިރަކުން ނޫޅެ އެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި 22 ވަނަ ގަރުނު ނިމޭ ހިސާބުގައި، ދުނިޔޭގައި ބެނިއޫ ޖެހި މުޑިއަރާނެ އެވެ. ކިތަންމެ ކުޑަ ނަމަވެސް އެއީ އޮތް ފުރުސަތެއް ކަމަށް ސައިންސް ތަބާވާ ގާނޫނުތައް ބުނެ އެވެ. އެއީ ހިނގާފާނެ ކާރިސާއެއް ކަމަށް ބަލައި އެ ހާލަތުން ސަލާމަތްވުމަށް 160 އަަހަރު ސައިންސްވެރިންނަށް އަދި ވެސް އެބަ އޮތެވެ.

ގަރުނަކަށް ވުރެ ގިނަ ދުވަސް އޮތް ނަމަވެސް، ވަގުތު ގެއްލުވާލަކަށް ސައިންސްވެރިން ބޭނުމެއް ނުވެ އެވެ. ބެނިއޫ ކާރިސާއިން ސަލާމަތްވުމަށް އެ މީހުން ވިސްނަނީ މި ކަހަލަ ގޮތަކަށެވެ؛

ސެޕްޓެމްބަރު 8، 2016 ގައި ނާސާ އިން ބެނިއޫ އަށް އުޅަނދެއް ފޮނުވާލި އެވެ. އުޅަނދަށް ކިޔަނީ "އޮސައިރިސް-ރެކްސް" އެވެ. ތާވަލުކުރެވިފައިވާ ގޮތަށް އުޅަނދު ދަތުރުކުރާ ނަމަ 2018 ގައި ބެނިއޫ އަށް އެ އުޅަނދު ތިރިކުރާނެ އެވެ. އެ އަށް ފަހު ބައެއް ކަހަލަ ޓެސްޓްތައް ހަދާނެ އެވެ. އަދި ޓެސްޓްކުރުމަށްޓަކައި ބިމަށް ގެނައުމަށް އެތިކޮޅުތަކެއް ނަގާނެ އެވެ. ބެނިއޫ އެނބުރި ދުނިޔެ އަށް ޖައްސާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު އެވެ.

އޮސައިރިސް-ރެކްސް ގެންނަ ސާމްޕަލްތައް ބަލައި ޓެސްޓްކުރުމަށް ފަހު ބެނިއޫ އާ ކުރިމަތިލާނެ ގޮތްތަކެއް ސައިންސްވެރިން ރާވާނެ އެވެ. މިސައިލަކުން ގޮއްވާލުން ނުވަތަ އެހެން އުޅަނދެއް ފޮނުވައި، ބެނިއޫގައި ބޮން ވަޅުލައި ގޮއްވާލުމެވެ. އެކަމަކު އެ އަށް ވުރެ ކުރިން ބެނިއޫ އަށް އެހެން ގޮތެއް ވުމަކީ ވެސް ވެދާނެ ގޮތެކެވެ؛ އިރަށް ދަމާ ބާރުގައި ޖެހި އިރަށް ދަމައިގެންފާނެ އެވެ. އެހެން ގިނަހިލައެއް މުޑިއަރައި، ގޮވައި، ހިމޫންވެދާނެ އެވެ. މިސްރާބަށް ލޮޅުންއަރައި، ދަތުރު ކާއިނާތުގެ ފުނަށް ވެސް ބަދަލުވެދާނެ އެވެ.