Roadha Mihaaru
ނާސާ އިން މިރޭ އިއުލާން ކުރަން އުޅެނީ ކޮން ކަމެއްބާ؟

ނާސާ އިން މިރޭ އިއުލާން ކުރަން އުޅެނީ ކޮން ކަމެއްބާ؟

22 ފެބުރުއަރީ 2017

އާންމުކޮށް ނޭނގޭ ނުވަތަ މިހާތަނަށް ހޯދުނު ކޮންމެވެސް މުހިންމު ކަމެއްގެ ވާހަކަ އިއުލާންކުރަން ދުނިޔޭގެ އެންމެ ބޮޑު ޖައްވީ އިދާރާ، އެމެރިކާގެ ނާސާ އިން، ތައްޔާރުވެއްޖެ އެވެ. މިރޭ ރާއްޖޭ ގަޑިން 11 ޖަހާއިރު، ނާސާގެ މައި މަރުކަޒުގައި ނޫސްވެރިންނަށް ވަރަށް ޚާއްސަ ބައްދަލުވުމެއް ބާއްވާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އާންމުކޮށް ނޭނގޭ ނުވަތަ މިހާތަނަށް ހޯދުނު ކޮންމެވެސް މުހިންމު ކަމެއްގެ ވާހަކަ އިއުލާންކުރަން ދުނިޔޭގެ އެންމެ ބޮޑު ޖައްވީ އިދާރާ، އެމެރިކާގެ ނާސާ އިން، ތައްޔާރުވެއްޖެ އެވެ. މިރޭ ރާއްޖޭ ގަޑިން 11 ޖަހާއިރު، ނާސާގެ މައި މަރުކަޒުގައި ނޫސްވެރިންނަށް ވަރަށް ޚާއްސަ ބައްދަލުވުމެއް ބާއްވާނެކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ނާސާ އިން ބުނާ ގޮތުގައި ސައިންސްވެރިން ހާމަކުރާނީ އެހެން ތަރިތަކެއްގެ ނިޒާމު ތެރޭގައި ހިމެނޭ ޕްލެނެޓްތަކަކާ ބެހޭ ހޯދުންތަކުގެ މައުލޫމާތެވެ. ބައެއް މީހުން ސުވާލު އުފައްދަނީ، ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމު (ސޯލާ ސިސްޓަމް) ފިޔަވައި، އެހެން ތަރިތަކުގެ ވަށައިގެން ވެސް ޕްލެނެޓްތައް ދައުރުވުމަކީ މިހާރު އެހާ ޚާއްސަ ޚަބަރަކަށް ނުވާތީ، ނާސާ އިން ހާމަކުރަން އުޅޭ މައުލޫމާތުތަކުގެ ބޮޑުމިނަކާ މެދުގަ އެވެ.

ކުރިން ގަބޫލުކޮށްފައި އޮންނަނީ ދުނިޔެ ކަހަލަ، ނުވަތަ އިރުގެ ނިޒާމުގައި ހިމެނޭ ޖުޕިޓާ ކަހަލަ ގޭހުން ފުރިފައިވާ ބިޔަ ޕްލެންޓްތައް ހިމެނެނީ ހަމައެކަނި އަހަރެމެންގެ އިރުގެ ސަރަހައްދުގައި ކަމެވެ. ނަމަވެސް ޓެކްނޮލޮޖީ އާއި އިންސާނީ އިލްމުވެރިކަމުގެ އެހެން ދާއިރާތަކަށް ލިބުނު ކުރިއެރުމާ އެކު އަޖައިބުކުރުވަނިވި ހަގީގަތްތަކެއް ފެނުން ވަނީ އާންމުވެފަ އެވެ.

އެހެން ތަރިތަކުގެ ވަށައިގެން ޕްލެނެޓްތައް ދައުރުވާކަން ސައިންސްވެރިން ހޯދަން ފެށިތާ މިހާރު 20 އަހަރު ވެއްޖެ އެވެ. އެކަމަކު އެންމެ ފުރަތަމަކޮޅު ހޯދުނީ ޖުޕިޓާ އަށް ވުރެ ވެސް ބޮޑެތި ގޭހުގެ "ދުނިޔެތަކެއް" ކަމަށް ވާތީ، އެ އެއްޗިއްސަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނުދެވެ އެވެ. ޓެކްނޮލޮޖީތައް ފުރިހަމަވެ، ބާރުގަދަ ޓެލެސްކޯޕްތަކުގެ އެހީތެރިކަން ލިބެން ފެށުމާ އެކު ދުނިޔެ ކަހަލަ ހަރު ފަށަލަތައް ހިމެނޭ އަދި ދުނިޔެއާ ގާތްގަނޑަކަށް އެއް ސައިޒެއްގެ ޕްލެނެޓްތައް މިހާރު ދަނީ ފެންނަމުންނެވެ. ސައިންސްވެރިންގެ ޝައުގުވެރިކަން ބޮޑުވީ އެ ސަބަބާ ހެދި އެވެ.

އެމެރިކާގެ ޖައްވީ ޓެލެސްކޯޕް ކެޕްލާގެ ކުރެހުމެއް: އިރުގެ ނިޒާމުން ބޭރުން އެތައް ހާސް ޕްލެނެޓެއް މި ޓެލެސްކޯޕުން ވަނީ ހޯދާފައި

އެމެރިކާގެ ޖައްވީ ޓެލެސްކޯޕް ކެޕްލާގެ ކުރެހުމެއް: އިރުގެ ނިޒާމުން ބޭރުން އެތައް ހާސް ޕްލެނެޓެއް މި ޓެލެސްކޯޕުން ވަނީ ހޯދާފައި

އިރުގެ ނިޒާމުން ބޭރުން ޕްލެނެޓް ހޯދުމުގައި ކެޕްލާ ޓެލެސްކޯޕް

ނިސްބަތް ވަނީ 17 ވަނަ ގަރުނުގައި އުޅުއްވި ޖަރުމަނުގެ ފަލަކީ އިލްމުވެރިޔާ ޖޮހާންސް ކެޕްލާ އަށް

100 މިލިއަން މޭލު: މިދިއަ އަހަރުގެ ކުރީކޮޅު ދުނިޔެއާ ދުރަށް ކެޕްލާ ދިޔަ މިންވަރު

2300 ޕްލެނެޓް: މިހާތަނަށް ކެޕްލާ އަށް ފެނުނު ޕްލެނެޓްތަކުގެ އަދަދު

5000 ޕްލެނެޓް: ކެޕްލާ އާއި އެހެން ގޮތް ގޮތުން މިހާތަނަށް ހޯދުނު ޕްލެނެޓްތަކުގެ އަދަދު

އޮކްޓޯބަރު 2017: ކެޕްލާ މިޝަން ދެމިގެންދާނެ މުއްދަތު

ދިރުން އުފެދުމާއި ދިރުން ދެމިގެންދާނެ ގޮތް ކަމަށް ސައިންސަށް މިހާތަނަށް ގަބޫލުކުރެވުނު ހަގީގަތްތަކަށް ބަލާއިރު ތަރިއެއްގެ ވަށައިގެން އެނބުރޭ ޕްލެނެޓްގައި ކޮންމެހެން ވެސް ހަމަވާން ޖެހޭ ޝަރުތުތަކެއް ހުރެ އެވެ. އެންމެ ބޮޑު އެއް ޝަރުތަކީ، ޕްލެންޓް ނިސްބަތްވާ ތަރިއަކީ، އިރު ކަހަލަ ތަރިއަކަށް ވުމެވެ. ދެން ޕްލެނެޓްގައި ފެން ހުރުމާއި، ތަރީގެ ހޫނުކަން އެކަށީގެންވާ މިންވަަރެއްގައި ލިބޭނެ ދިރުމިނެއްގައި ޕްލެނެޓް ދައުރުވުމެވެ. މިސާލަކަށް މިހާރުގެ ނިސްބަތަށް ވުރެ އިރާ ކުޑަ ތަންކޮޅެއް ކައިރިއަށް ނުވަތަ ދުރަށް ދުނިޔެ ދިޔަ ނަމަވެސް ސައިންސްވެރިން ބުނާ "ހެބިޓެބްލް ޒޯނުން" ނެއްޓުނީހެވެ. އޭރުން ދުނިޔެ ވީހީ ދިރުމެއް އުފެދުން އެކަށީގެންނުވާ ޕްލެނެޓަކަށެވެ. މިއީ ސައިންސްވެރިން، އެ މީހުންގެ އިލްމާއި ހޯދުންތަކަށް ބިނާކޮށް ބުނާ ވާހަކަ އެވެ.

ދުނިޔެއާ މާ ދުރުން ދައުރުވަމުން ދާ އެތައް ތަރިއެއްގެ ބެލެނިވެރިކަމުގައި ހިމެނޭ 1200 އަށް ވުރެ ގިނަ ޕްލެނެޓް، ނާސާގެ ކެޕްލާ ޓެލެސްކޯޕަށް ފެނުނުކަން މިދިއަ އަހަރު އެކަނި ވެސް އެ އިދާރާ އިން ހާމަކުރި އެވެ. ދުނިޔެ އަށް ވުރެ މާ ދުރަށް ފޮނުވާފައިވާ ކެޕްލާގެ މަގުސަދަކީ އެހެން ތަރިތަކަށް ނިސްބަތްވާ ޕްލެނެޓްތައް ހޯދުން އެކަންޏެވެ.

ކެޕްލާ އަށް ފެނުނު ކަމަށް މިދިއަ އަހަރު މޭ މަހު އިއުލާންކުރި ޕްލެނެޓްތަކުގެ ތެރެއިން ނުވަ ޕްލެނެޓެއް ދައުރުވަމުން ދަނީ ހެބިޓެބްލް ޒޯންގައި ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އަދި 500 އަށް ވުރެ ގިނަ ޕްލެނެޓްތަކަކީ ދުނިޔެ ކަހަލަ ހަރު ބިމަށް ވުން އެކަށީގެންވާ ތަންތަން ކަމަށް ވެސް ބުނެފައިވެ އެވެ.

ފަލަކީ އިލްމާއި އެ ދާއިރާގެ އާ ހޯދުންތަކަށް ޝައުގުވެރިވާ އެންމެން މިރޭގެ އިއުލާންކުރުން އަޑުއަހަން ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ. އެކަމަކު މިރޭ 11 ޖެހުމުގެ ކުރިން އާ ހޯދުންތަކާ ބެހޭ މައުލޫމާތު ހާމަކުރުން، ސައިންސް މަޖައްލާ ނޭޗާ އިން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން މިފަހަރުގެ ހޯދުން ނިސްބަތްވާ ސައިންސްވެރިންގެ ޓީމަށް މައުލޫމާތު އާންމުކުރެވެން އޮތީ މިރެ އެވެ.