Roadha Mihaaru
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ

ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަން ހަމަޖައްސައިފި

14 ސެޕްޓެމްބަރ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހޯމަ ދުވަހު ލައިވްކޮށް ދައްކާ ގޮތަށް ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހޯމަ ދުވަހު ލައިވްކޮށް ދައްކާ ގޮތަށް ތާވަލްކޮށްފި އެވެ.

އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި ޖަލު ހުކުމް އިއްވި ނަމަވެސް ހައި ކޯޓުން މި އަހަރު ވަނީ އެ ހުކުމްތައް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަމުރު ކޮށްފަ އެވެ.

އެހެންވެ، އެ މައްސަލާގައި ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، އަންނަ ހޯމަ ދުވަހު ހެނދުނު ބާއްވަން ތާވަލް ކޮށްފައިވާ އެ މައްސަލާގެ އަޑުއެހުން ލައިވްކޮށް ދައްކަން ވަނީ ހަމަޖައްސައިފަ އެވެ.

އެ މައްސަލަ ލައިވްކޮށް ދައްކަން ނިންމީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން އެގޮތަށް އެދިވަޑައިގަތުމުންނެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ޔާމީންގެ މައްޗަށް ކުރެ އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.