Roadha Mihaaru
ނަޝީދު، ގާސިމަށް ހުށަހެޅި ބަރުލަމާނީ ލިއުން ލީކުވެއްޖެ

ބަރުލަމާނީ ގެންނަން ނަޝީދުގެ ފަރާތުން ގާސިމަށް ހުށަހެޅި ލިޔުމެއް ލީކުވެއްޖެ!

13 އެޕްރީލް 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފެއްދި "ފިކުރެއް ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުމުގައި ނަޝީދުގެ ފަރާތުން ބަރުލަމާނީ ނިޒާމް ގެނައުމަށް ހުށަހަޅާފައިވާ ކަންކަން ހިމެނޭ ޑޮކިއުމަންޓެއް ލީކުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފެއްދި "ފިކުރެއް ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުމުގައި ނަޝީދުގެ ފަރާތުން ބަރުލަމާނީ ނިޒާމް ގެނައުމަށް ހުށަހަޅާފައިވާ ކަންކަން ހިމެނޭ ޑޮކިއުމަންޓެއް ލީކުވެއްޖެ އެވެ.

"މިހާރު" އަށް ލިބިފައިވާ އެ ޑްރާފްޓުގައިވާ ގޮތުން ނަޝީދުގެ ފަރާތުން ހުށަހަޅާފައި ވަނީ ނޮވެމްބަރު 17، 2023 ގައި ހުވާ ކުރުމުގެ ކުރިން ބަރުލަމާނީ ނިޒާމް ގެނައުމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ގާނޫނުއަސާސީ އަށް ވެސް ބަދަލުތަކެއް ގެންނަން އެ ކަރުދާހުގައި ހުށަހަޅާފައިވެ އެވެ.

އެ ކަރުދާހުގައި އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅަން ނަޝީދު ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވި ލިއުމެއްގައި ހިމެނޭ ވާހަކަތަކެއް ވެސް ހުއްޓެވެ. ބަރުލަމާނީ ކަރުދާހެއް ނަޝީދުގެ ފަރާތުން ހުށަހެޅުއްވި އިރު، ގާސިމަކީ ބަރުލަމާނީ ނިޒާމާ ދެކޮޅު ބޭފުޅެކެވެ.

ބަރުލަމާނީ ގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވައިގެން އުޅުއްވިއިރު ގާސިމް ވަނީ ވަރަށް ބޮޑަށް ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. ބަރުލަމާނީ ގެންނެވުމުގައި އޮތީ، ގާސިމް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ އަމިއްލަ އެދުމެވެ.

ޖޭޕީއަށް ނަޝީދުގެ ފަރާތުން ހުށަހެޅި ކަރުދަހާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ގާސިމްގެ ތަރުޖަމާން އަބްދުﷲ އަމީން ވިދާޅުވީ ނަޝީދުގެ ފަރާތުން ހުށަހެޅުންތަކެއްގެ މައްޗަށް އެކުލެވޭ ކަރުދާހެއް އެ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ.

ޖޭޕީގެ މަންދޫބުން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ހަމަޖެހުމާއި ދިވެހިން އުންމީދު ކުރާ ކުރިމަގު ހާސިލްކުރުމަށް މަގުފަހިވާ ގޮތަށް ހާމަކަން ބޮޑުކޮށް. އަދި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދާ ޕާޓީގެ ކަމާބެހޭ ގުނަވަންތަކުގެ މަޝްވަރާތަކުގެ އަލީގައި،" އަމީން ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ގެންނަ ހުށަހަޅާ އިސްލާތަކުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރާ ފަރާތެއްގެ ބާރުތައް ވަނީ ލިޔެފަ އެވެ.

އޭގެ ތެރޭގައި ސިފައިންގެ އެންމެ އިސްވެރިޔާ ކަމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމާއި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް އެ ޑޮކިއުމަންޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ނަގާ ވޯޓަކުން ބޮޑު ވަޒީރެއް އައްޔަން ކުރުމަށާއި ސަރުކާރު ހިންގުމުގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށް ދޭނެ ކަމަށް އެ އެއްބަސްވުމުގައި ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން މިނިސްޓްރީތަކާއި ކެބިނެޓު އެކުލަވާލާނީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އެހެން ނަމަވެސް ކެބިނެޓުގައި ރައީސް އައްޔަން ކުރާ މެންބަރުން ހިމެނިދާނެ ކަމަށާއި ރައީސް އައްޔަން ކުރާ މެންބަރުންގެ އަދަދު ކެބިނެޓުގެ 40 ޕަސެންޓަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް އެ ޑޮކިއުމަންޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މަޖިލީސް އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން އެ އެއްބަސްވުމުގައި ލިޔެފައިވެ އެވެ. އެގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދެއް ކަނޑައެޅުމަށާއި ނޭޝަނަލް ލިސްޓެއް އެކުލަވާލުމަށް ވެސް ނަޝީދު ވަނީ ހުށަހަޅާފަ އެވެ.

ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް އަދި ބޮޑުވަޒީރުގެ މަގާމަށް ގެންނާނީ ކޮން ބޭފުޅެއް ކަމެއް އެ ލިޔުމުގައި ބުނެފައެއް ނުވެ އެވެ.

ބަރުލަމާނީ ނިޒާމް ގެންނަން މީގެ ކުރިން ވެސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެކަމާ ގުޅޭ ގޮތުން ގާސިމް އާ ވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރެއްވި އެވެ. އެހެން ނަމަވެސް ގާސިމް ވަނީ އޭނާ ބަރުލަމާނީ އަށް ތާއީދު ނުކުރައްވާ ކަމާއި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.