Roadha Mihaaru
ޒުވާން ވެލެންސިއާ ބަލިކޮށް ސަސް ސެމީއާ ގާތަށް

ޒުވާން ސްކޮޑަކާއެކު ނުކުތް ވެލެންސިއާ ބަލިކޮށް، ސަސް ސެމީއާ ގާތަށް

15 އެޕްރީލް 2023

ޒުވާން ސްކޮޑަކާ އެކު ނުކުތް ކްލަބް ވެލެންސިއާ 5-0 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މޮޅަކުން ރޭ ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޒުވާން ސްކޮޑަކާ އެކު ނުކުތް ކްލަބް ވެލެންސިއާ 5-0 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް (ސަސް) ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މޮޅަކުން ރޭ ފަށައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ގުރޫޕް އޭ ގެ ފުރަތަމަ މެޗުގެ އެ ތަފާތު ބޮޑު މޮޅާ އެކު ސަސް އަށް ވަނީ އެ ގުރޫޕުން ސެމީގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފަ އެވެ. ދެވަނަ މެޗުގައި އެ ޓީމު ކުޅެން ޖެހޭނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗަށް، އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އިން ނެރުނު ފުރަތަމަ 11 ގައި ހިމެނުނީ ސީނިއާ މަދު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި ބައެއް ކުޅުންތެރިންނަށް ދޭން ހުރި މުސާރައިގެ މައްސަލައާ ހުރެ، ވެލެންސިއާ އިން މި ސީޒަނަށް އެހެން ކުލަބުތަކުން އެޓީމަށް ގެނައި އާ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވިފައެއް ނުވެ އެވެ.

ކެޕްޓަން ހަސަން ސުފިޔާން (ސޫފި) އާއި އަމްދަން އަލީ (އެންޑީ) އާއި އަލީ ޝާމިސް (ތޮއްޕޭ) އާއި އަބްދުﷲ ޔާމީން (ޔާނު) އާއި އަހުމަދު ސިޒާން (ސިއްޕެ) އަދި ގޯލްކީޕަރު އާދަމް އިމްއާންގެ އިތުރުން ދެން ހިމެނުނީ އެ ކްލަބުގެ އެކަޑެމީ ކުޅުންތެރިންނެވެ. އުމުރުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ ވެސް ވަނީ އަލީ އަޝްފާގު (ދަގަނޑޭ) ގެ ކެޕްޓަން ކަމުގައި ކުޅުނު ސަސްގެ ތަޖުރިބާކާރު ޓީމާ ދެކޮޅަށް، ވެލެންސިއާގެ 10 ނަމްބަރު ޖޯޒީގައި "ސްޓާޓް" ކޮށްފަ އެވެ.

ސަސް އިން މެޗުގައި ލީޑު ނެގީ ހަތަރުވަނަ މިނިޓުގައި، ކަނާތުބެކް އަހުމަދު އައިހަމް (އައިހު) ދިން ޕާހަކުން އަޝްފާގު ޖަހައިދިން ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އިބްރާހިމް އަތީގު ހަސަން (އިއްބެ) އެވެ.

ރޭގެ މެޗުގައި ކުޅުނު ވެލެންސިއާގެ ޒުވާން ބައެއް ކުޅުންތެރިން ދަނޑުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭގެ މެޗުގައި ކުޅުނު ވެލެންސިއާގެ ޒުވާން ބައެއް ކުޅުންތެރިން ދަނޑުމަތީގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގައި ވެލެންސިއާގެ ހަމައެކަނި ނުރައްކާތެރި ހަމަލާ ފޮނުވާލީ ޔާނެވެ. އީތަން ނަގައިދިން ހުރަހެއް ޔާނު ފުންމައިގެން އަރައި ބޮލުން ފޮނުވައިލި ނަމަވެސް ސަސްގެ ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ދިފާއު ކުރި އެވެ.

މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ވެލެންސިއާގެ ޒުވާން މިޑްފީލްޑަރު އިބްރާހިމް އާޔަން އިމްތިޔާޒަށް ވެސް ގޯލު ޖަހަން ރަނގަޅު ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އީތަން ހުސް ކޮށްލާފައި ދިން ބޯޅަ އޭނާއަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.

ދެވަނަ ހާފުގައި ވެލެންސިއާގެ ސްޓްރައިކަރު މުހައްމަދު އިލާން އިމްރާން ވެސް ކުޅެން އެރުވި އެވެ. އެއާ އެކު، އީތަން އަށް ވުރެ އުމުރުން ދެ މަހެއްހާ ދުވަސް ހަގު އިލާން ވެފައި ވަނީ ރާއްޖޭގެ ކްލަބް ލެވެލްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މިދިޔަ ޖެނުއަރީ މަހު 14 އަހަރު ފުރުނު އިލާން މެޗު ކުޅުނުއިރު އުމުރަކީ 14 އަހަރާއި 2 މަހާއި 29 ދުވަހެވެ. އީތަންގެ އުމުރަކީ 14 އަހަރާއި ފަސް މަހާއި ނުވަ ދުވަހެވެ. ހަމަ އެއާ އެކު އީތަންގެ ބަދަލުގައި ފަހު 25 މިނިޓަށް ކުޅެން އެރި އަހުމަދު ކާއިން ގަޔާޝްގެ އުމުރަކީ 14 އަހަރާއި ހަ މަހާއި ހަތް ދުވަހެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ސަސްގެ ތިންވަނަ ލަނޑު ޖެހީ މުހައްމަދު ޝަހާއު (ބޭލް) އެވެ. މިއީ ލިބުނު ކޯނަރަކުން އޭނާ ނެގި ބޯޅަ ސީދާ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އޭގެ ދެ މިނިޓު ފަހުން އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ސީދާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެން ސަސްގެ ހަތަރުވަނަ ގޯލު ޖަހައިދިނީ އަޝްފާގެވެ. އަދި ފަސްވަނަ ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހަމީދެވެ.

މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕް ބީގެ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.