Roadha Mihaaru
ޔާމީންގެ މައްސަލަ އަނބުރާ ގެންދަން ޕީޕީއެމުން އެދެފި

ޔާމީންގެ މައްސަލަ އަނބުރާ ގެންދަން ޕީޕީއެމުން ޕީޖީގެ ކިބައިން އެދެފި

17 އެޕްރީލް 2023

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންދިއުމަށް އެ ޕާޓީން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ކިބައިން މިއަދު އެދެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ އަނބުރާ ގެންދިއުމަށް އެ ޕާޓީން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ކިބައިން މިއަދު އެދެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތަކެއް އަދި ނުފަށަ އެވެ.

މި ހުކުމާ އެކު، ސެޕްޓެމްބަރު 9 ގެ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލޭ ގޮތަށް އޮތުމުގެ ކަންބޮޑުވުމާ އެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން މިއަދު ޕީޖީ ޝަމީމްއާ ބައްދަލުކުރުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްސަލަ އަނބުރާ ގެންދިޔަ ގޮތަށް ޔާމީނުގެ މައްސަލަ އަނބުރާ ގެންދަން ޖެހޭނެ ކަމަށާއި އެއީ އެއް ބާވަތެއްގެ އެއް މައްސަލަ ކަމަށް ޕީޖީ އަށް ދެންނެވި ކަމަށެވެ.

ބައެއް މީހުންގެ މައްސަލަ އަނބުރާ ގެންދިޔަ ކަމަށް އަދުރޭ ވިދާޅުވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށެވެ.

"އަޅުގަނޑުމެން ޕީޖީގަ ދެންނެވި އެއް ވާހަކައަކީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްސަލަ އަނބުރާ ގެންނެވި ގޮތަށް ޔާމީނުގެ މައްސަލަ އަނބުރާ ގެންނާށޭ. އެއީ އެއް ބާވަތެއްގެ އެއް މައްސަލައެއްގައި ހިމެނޭ މީހުން ވީމަ، ވަކި ބޭފުޅަކަށް އަދަބު ދީފައި އަނެއް ބޭފުޅަކަށް ލުއި ދީގެން ނުވާނޭ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް/ ޕީއެމްސީ ކޯލިޝަންގެ ބޭފުޅުންނާ އެކު ޕީޖީ ހުސެން ޝަމީމް (ކ) އާއި ޑެޕިއުޓީ ޕީޖީ އަލީ ސަމީރު. -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ ޕީއެމްސީ ކޯލިޝަންގެ ބޭފުޅުންނާ އެކު ޕީޖީ ހުސެން ޝަމީމް (ކ) އާއި ޑެޕިއުޓީ ޕީޖީ އަލީ ސަމީރު. -- ފޮޓޯ: ޕީޕީއެމް

އަދުރޭ ވިދާޅުވީ ޝަމީމްގެ ވާހަކައިން، ޔާމީންގެ މައްސަލާގައި ގޯސްތަކެއް ހަދާފައި ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"މިހާރު ހައި ކޯޓުގައި އޮތް މައްސަލައިގައި ޝަމީމުގެ ވިސްނުން ހުރި ގޮތަށް ބަލާއިރު، ސަރުކާރުގެ ނުފޫޒު ނުފޯރުވައިފިއްޔާ އެ މައްސަލަ ނިމިގެންދާނީ ޔާމީނާ އެއްކޮޅަށް. ޝަމީމު ވެސް ހުންނެވި މަގާމުގެ ގޮތުން ވިދާޅުވާންް ބޭނުންފުޅުވާ އެއްޗެއް ވިދާޅު ނުވެވޭ."

އަދުރޭ ވިދާޅުވީ ޔާމީންގެ ޖަލު ހުކުމް މިހާރު އިސްތިއުނާފު ކޮށްފައި ވާއިރު އެ މައްސަލަ އަވަހަށް ނިންމަން ޖެހޭނެ ކަމަށް ޕީޖީ ވެސް ގަބޫލުކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީން ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ތަހުގީގަށް ފަހު އެކުލަވާލާފައިވެ އެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަގަމުގައި ތިބި 119 މީހަކާއި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 16 މެމްބަރަކު ވެސް ހިމެނެ އެވެ. އެކަމަކު އޭގެ ތެރެއިން ދައުވާކޮށްފައިވަނީ މަދު ބައެއްގެ މައްޗަށެވެ.