Roadha Mihaaru
ސަރުކާރާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފަށަނީ

"މިނިވަންކަމުގެ ދިފާއުގައި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ފަށަނީ

15 ސެޕްޓެމްބަރ 2021

"މިނިވަންކަމުގެ ދިފާއުގައި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް، އިދިކޮޅުން ބޮޑު ކެމްޕެއިން ފަށަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"މިނިވަންކަމުގެ ދިފާއުގައި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް، އިދިކޮޅުން ބޮޑު ކެމްޕެއިން ފަށަން ނިންމައިފި އެވެ.

ގއ. ވޮޑަމުލާގެ މައްސަލައިގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔަމީނަށް ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން، ސުޕްރީމް ކޯޓުގައި މި ހަފުތާގައި ފަށާފައިވާ އިސްތިއުނާފުގެ ޝަރީއަތާ ދެކޮޅަށް އަޑުއުފުލަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މި ކެމްޕެއިނަކީ ޔާމީންގެ އިރުޝާދުގެ ދަށުން ފަށާ ހަރަކާތެއް ކަމަށެވެ.

އަދުރޭ ވިދާޅުވީ ފެއްސާއި ރަތާއި ހުދު ރަމްޒުވާ ގޮތަށް ފަށާ މި ކެމްޕެއިނަކީ، މި ސަރުކާރުން "ގައުމުގެ މިނިވަންކަން ނަގާލަން ކުރަމުންދާ މަސައްކަތާ ދެކޮޅު" ހަރަކާތެއް ކަމަށެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ކުލައަކަށް ނިސްބަތް ނުވެ، ހުރިހާ ދިވެހިންނަށް އެ ކެމްޕެއިނުގައި ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުން ތައްޔާރުވާންވީ މިނިވަންކަމުގެ ދިފާއުގައި ނިކުންނަން. މި މަސައްކަތުގައި އުޅެނިކޮށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަނިޔާ ވެސް ވެދާނެ. އަޅުގަނޑުމެން ޖަލަށް ވެސް ލައިފާނެ. އަޅުގަނޑުމެންގެ މުދާތަށް ވެސް ފޭރިގެންފާނެ،" އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަދުރޭ ވިދާޅުވި އެވެ.

މި މަސް ނިމުމުގެ ކުރިން މި ކެމްޕެއިން ލޯންޗުކޮށް، ފަށާނެ ތާރީހެއް އިއުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެ ދެމެހެއްޓުމުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އޮންނާނެ އެވެ.

މި ޝަރީއަތް ކުރިއަށް ގެންދާ ވަގުތު ސުޕްރީމް ކޯޓު ކައިރި އަށް އެއްވެ، އަޑުއުފުލަން އިދިކޮޅުން ވަނީ ނިންމައިފަ އެވެ.