Roadha Mihaaru
ޗުއްޓީތެރޭ ކޮވިޑް ކޭސްތައް ގިނަވެދާނެ: ނަޒްލާ

ޗުއްޓީ ތެރޭގައި ކޮވިޑް ކޭސްތައް މައްޗަށް ހިނގައިދާނެ، ސަމާލުވާތި: ނަޒްލާ

18 އެޕްރީލް 2023

ސްކޫލުތަކުގެ މިޑް-ޓާމް ބްރޭކާއި އީދު ޗުއްޓީއާ އެކު، ކޮވިޑް ކޭސްތައް މައްޗަށް ދިއުން އެކަށީގެން ވާތީ ރައްކާތެރިވެ ތިބުމަށް އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކެބަލް ޑިޒީސް ކޮންޓްރޯލް، ޑރ. ނަޒްލާ ރަފީގު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްކޫލުތަކުގެ މިޑް-ޓާމް ބްރޭކާއި އީދު ޗުއްޓީއާ އެކު، ކޮވިޑް ކޭސްތައް މައްޗަށް ދިއުން އެކަށީގެން ވާތީ ރައްކާތެރިވެ ތިބުމަށް އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކެބަލް ޑިޒީސް ކޮންޓްރޯލް، ޑރ. ނަޒްލާ ރަފީގު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ނަޒްލާ "މިހާރު" އަށް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުންދާ ރޭޓަށް ބަލައިފި ނަމަ، ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިއުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މިހާރުން ފެށިގެން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، ހާލު ބޮޑުވި 28 މީހަކު އެޑްމިޓް ކޮށްގެން މިހާރު އަންނަނީ ފަރުވާދެމުންނެވެ. އަދި އަރިދަފުސް ރޯގާ އާއި އާންމު އެހެން ބައެއް ބަލިތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

"މި ދުވަސްވަރު މިއީ ސްކޫލް ޗުއްޓީ އަދި ކުރިއަށް އޮތީ އީދު ވީމާ ދަތުރުކުރުމުގެ ކަންކަން ކުރިއަށް ދާނެ. އަދި އުމްރާ އިން ވެސް މި އަންނަ ހަފުތާގައި ބޭފުޅުން ވަޑައިގަންނަވާނެ، މިފަހަރު ވަރަށް ގިނަ މީހުން ދިޔަ ދެއްތޯ. އެހެންވީމަ، އަދިވެސް ކުރިއަށް އޮތް ހަފުތާގައި ވެސް ކޭސްތައް އިތުރުވާނެ ކަމަށް އަޅުގަނޑުމެން ބަލަން ޖެހޭނެ،" ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ގިނަވި ދުވަސްވަރު ބަޔަކު ޓެސްޓްކުރަން ތައްޔާރުވެގެން: އަނެއްކާވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި ކޮވިޑް ގިނަވި ދުވަސްވަރު ބަޔަކު ޓެސްޓްކުރަން ތައްޔާރުވެގެން: އަނެއްކާވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނަޒްލާ ވިދާޅުވި ގޮތުގައި، އާދައިގެ ރޯގާތަކާ ކޮވިޑާ ދާދި އެއްކަހަލަ އަލާމާތްތަކެއް ހުރުމުން އަމިއްލައަށް ތަފާތު ދެނެގަންނަން އުނދަގޫވެދާނެ އެވެ. އެހެންވެ، އަލާމާތެއް ފެނިގެން މާ ބޮޑުވަރު ނުވަނީސް، އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެއްވި އެވެ. އަދި އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ބޭރަށް ނުކުންނައިރު، މާސްކް އެޅުމަށް އިލްތިމާސްކުރެއްވި އެވެ.

"ހާއްސަކޮށް ހައި ރިސްކް ބޭފުޅުން އަދި ހައި ރިސްކް ބޭފުޅުން ގެންގުޅުއްވާ، ބަލަހައްޓާ ބޭފުޅުން، އެކީގައި އުޅޭ ބޭފުޅުން ވެއްޖެއްޔާ އަވަހަށް ޓެސްޓްކުރުން ވަރަށް މުހިންމު. ޓެސްޓުކޮށްފައި އައިސޮލެޓްކުރުން،" އޭނާ ވިދާޅުވި އެވެ.

"ގިނަ މީހުން ތިބޭ ތަންތަނަށް ވަޑައިގަންނަވާއިރުގައި ހާއްސަކޮށް ހައި ރިސްކް ބޭފުޅުން ހާއްސަކޮށް މާސްކް ބޭނުންކުރައްވަން އަނެއްކާވެސް ފެށުމަކީ ރަނގަޅު ކަމެއް."

ބަލިތައް އިތުރުވާ ސީދާ ސަބަބު ދަންނަވަން އަދި ދަތި. މިވަގުތު [ރާއްޖޭގައި] މި ގިނަވާ ކޮވިޑް ކޭސްތަކުގެ ސީކުއެންސިންއެއް އަދި ނެހެދޭ. އެ ހެދުނީމާ އެނގޭނީ އާ ވޭރިއެންޓެއްގެ ސަބަބުންތޯ ނޫންތޯ ވެސް: ނަޒްލާ

ނަޒްލާ ވިދާޅުވި ގޮތުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ ތެރޭގައި، އެހެން ކަމެއްގައި ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޓެސްޓްކުރުމުން ބަލި ޖެހިފައިވާ ކަން އެނގުނު ބައެއް މީހުން ވެސް ހިމެނެ އެވެ. އެހެންވެ، ހޮސްޕިޓަލުތަކުގައި އެހެން ކަންކަމަށް އެޑްމިޓްކުރާ މީހުން ވެސް ޓެސްޓްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ގިނަވި ދުވަސްވަރު ބަޔަކު ޓެސްޓްކުރަން ތައްޔާރުވެގެން: އަނެއްކާވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގައި ކޮވިޑް ގިނަވި ދުވަސްވަރު ބަޔަކު ޓެސްޓްކުރަން ތައްޔާރުވެގެން: އަނެއްކާވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެއާ ކައިރި ބައެއް ގައުމުތަކުގައި ވެސް އާންމު ބަލިތަކާއި ކޮވިޑް ކޭސްތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލިތައް އިތުރުވާ ސީދާ ސަބަބު ދަންނަވަން އަދި ދަތި. މިވަގުތު [ރާއްޖޭގައި] މި ގިނަވާ ކޮވިޑް ކޭސްތަކުގެ ސީކުއެންސިންއެއް އަދި ނެހެދޭ. އެ ހެދުނީމަ އެނގޭނީ އާ ވޭރިއެންޓެއްގެ ސަބަބުންތޯ ނޫންތޯ ވެސް،" ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ވެކްސިން ޖެހުމަށް ވެސް ނަޒްލާ އިލްތިމާސްކުރެއްވި އެވެ.

މިދިޔަ މަހުން ފެށިގެން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިހާރު އެ އެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި މަހުގެ މިހާތަނަށް 148 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 100 މީހަކަށް ބަލި ޖެހުނީ މާލެ ސަރަހައްދުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކަށް ބަލި ޖެހިފައިވާއިރު، ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ރިސޯޓުތަކުން 37 މީހަކަށް ކޮވިޑް ޖެހުނެވެ.