Roadha Mihaaru
ފަލަސްތީނާއި އިޒްރޭލު ސުލްހަކުރުވަން ޗައިނާ އިސްނަގައިފި

ފަލަސްތީނާއި އިޒްރޭލު ސުލްހަކުރުވަން ޗައިނާ އިސްނަގައިފި

19 އެޕްރީލް 2023

ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކާއި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދުގައި ހިނގަމުންދާ ލޭ އޮހޮރުވުންތަކާއި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދޭން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ސަތޭކަ ވަރަކަށް އަހަރަށް ދެމިގެން ގޮސްފައިވާ މި ހަމަނުޖެހުމަށް ސުލްހަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން، ފަލަސްތީނާއި އިޒްރޭލާ ދެމެދު ބިނާކުރަނިވި ވާހަކަތަކެއް ނުދެކެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. އެހެންކަމުން، ދެ ފަރާތުގެ މެދުގައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން އަލުން ވާހަކަތައް ފެށުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ތައްޔާރަށް އޮތް ކަމަށް، ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް، މިހާރު ވަނީ އިޒްރޭލާއި ފަލަސްތީނުގެ ޚާރިޖީ ވަޒީރުންނަށް ދަންނަވައިފަ އެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް މިދިޔަ ހޯމަ ދުވަހު ފަލަސްތީނާއި އިޒްރޭލުގެ ޚާރިޖީ ވަޒީރަށް ވަކިވަކިން ފޯނުން ގުޅުއްވައި، ޗައިނާގެ ހުށަހެޅުން ވިދާޅުވެދެއްވި އެވެ. ޗައިނާގެ ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާ އެކު ކުރެއްވި މަޝްވަރާގައި، ޚާރިޖީ ވަޒީރު ޝިން ގާންގް ވަނީ، އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާތީ، އެކަމާ ޗައިނާ ކަންބޮޑުވާކަން ދަންނަވައިފަ އެވެ.

އެހެންކަމުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ވީ އެންމެ އަވަހަކަށް ސުލްހައިގެ ވާހަކަތައް ފެށުމަށް ޗައިނާ އެދޭ ކަމުގައި، ޚާރިޖީ ވަޒީރު ޝިން ގާންގް، އެ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނަށް ދެންނެވި އެވެ. ނަމަވެސް ޗައިނާގެ އެ ހުޅަހެޅުމާ މެދު ފަލަސްތީނާއި އިޒްރޭލުން ދިން ޖަވާބެއް، ޗައިނާގެ ޚާރިޖިއްޔާއިން ހާމައެއް ނުކުރެ އެވެ.

ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު 2016 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން މެދުކަނޑާލާފައި ވަނިކޮށް، ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށް އެ ދެ ގައުމު ސުލްހަ ކުރުވުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި ސައޫދީ އާއި އީރާނުން ވަނީ ސިޔާސީ ގުޅުން އަލުން އިއާދަކޮށްފަ އެވެ. ޗައިނާގެ އިސްނެގުމުގެ މަތިން އެ ދެ ގައުމު ސުލްހަވުމާ އެކު، މެދުއިރުމަތީގެ ޑިޕްލޮމެސީގައި ޗައިނާގެ ބަސް ވިކޭ މިންވަރު ވަނީ ހާމަވެފަ އެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮއެންއާ އެކުގައި ފޯނުން ކުރެއްވި މަޝްވަރާތަކުގައި ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގާންގް ވަނީ، ވާހަކަ ދައްކައިގެން ދެބަސްވުންތައް ހައްލުކުރުމުގެ ރީތި މިސާލެއް ސައޫދީ އާއި އީރާނުން ދައްކާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށްޓަކައި، ދެ ފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ ސިޔާސީ ހިތްވަރު ހުރިކަން ދައްކައިދިނުމަށް، ޗައިނާގެ ޚާރިޖީ ވަޒީރު، ފަލަސްތީނާއި އިޒްރޭލުގެ ޚާރިޖީ ވަޒީރުންނަށް ދެންނެވި އެވެ. އަދި އެކަމަށް ފަލަސްތީނާއި އިޒްރޭލު ތައްޔާރަށް އޮތް ނަމަ، އެކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޗައިނާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި، ދެ ފަރާތުގެ މެދުގައި ހޫނުވެފައިވާ މަސްރަހު ފިނިކުރުމަށް ބޭނުންވާ ކަމަށް، އިޒްރޭލުގެ ޚާރިޖީ ވަޒީރު އެލީ ކޮއެން ވިދާޅުވި އެވެ. ނަމަވެސް، މިހާރު ހާލަތު ހުރި ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި އެ މައްސަލަ މުޅިން ހައްލުކުރެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވެ އިޒްރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.