27 ޑިސެމްބަރ 2017
ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް އިޒްރޭލު ސަރުކާރަށް މަނާކުރުމަށް، ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ޕާޓީ "ދަ ޖުވިޝް ހޯމް" އިން ހުށަހެޅި ބިލަށް ވޯޓު ނަގަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލު ކޮށްފި އެވެ.
ގުދުސާ ބެހޭ ގޮތުން މަޝްވަރާ ކުރުން ވެސް އިޒްރޭލު ސަރުކާރަށް މަނާކުރުމަށް، ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ޕާޓީ "ދަ ޖުވިޝް ހޯމް" އިން ހުށަހެޅި ބިލަށް ވޯޓު ނަގަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލު ކޮށްފި އެވެ.
އެ ޕާޓީން ހުށަހެޅި މި ބިލްގައި ބުނެފައިވާ ގޮތުގައި ގުދުސް ހިމެނޭ ގޮތުން އެއްވެސް ބަޔަކާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުން ވެސް އިޒްރޭލަށް މަނާ ވާނެ އެވެ. އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރާ ނަމަ، ގާނޫނު ހަދާ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތަކުން އެކަމަށް ރުހުން ލިބިގެން ނޫނީ ސޮއި ކުރުން އިޒްރޭލުގެ އެއްވެސް ސަރުކާރަކަށް މަނާވާނެ އެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި 120 މެމްބަރުން ހިމެނޭ އިރު، ތިން ބައިކުޅަ އަޣުލަބިއްޔަތަކީ 80 މެމްބަރުންނެވެ. ނަމަވެސް ޔަހޫދީންގެ ހަރުކަށި ވިސްނުމާ ޚިލާފަށް އެވަރުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
މި ބިލް ފާސްވެ ގާނޫނަކަށް ވުމުން، ގުދުސްގެ ހުރިހާ ބިމެއް އިޒްރޭލުގެ ތަންތަން ކަމުގައި ބެލުން އިޒްރޭލު ސަރުކާރަށް ލާޒިމްވާނެ އެވެ. އަދި އެއިން އެއްވެސް ބިމެއްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރާ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވުން އިޒްރޭލު ސަރުކާރަށް މަނާވާނެ އެވެ.
ދަ ޖުވިޝް ހޯމް ޕާޓީން މި ފަދަ ގާނޫނަކަށް މިސްރާބު މި ޖެހީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީ އާއި ގުދުސް އަކީ ވެސް އިޒްރޭލުގެ ބިންތަކެއް ކަމުގައި ކަނޑައެޅުމަށް، އިޒްރޭލުގެ ވެރިކަން ކުރާ ލީކޫޑް ޕާޓީގައި އަންނަ އާދީއްތަ ދުވަހު ވޯޓެއް ނެގުމަށް ނިންމާފައި ވަނިކޮށެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --ފޮޓޯ ގެޓީ އިމޭޖްސް
އޭގެ އިތުރުން އިޒްރޭލު ސަރުކާރުން މިހާރު ވަނީ، ހިފާފައިވާ ގުދުސްގެ އެކި ސަރަހައްދުތަކުގައި އިޒްރޭލު ފުލުހުންގެ 16 މަރުކަޒެއް ގާއިމުކުރުމަށް ނިންމައިފަ އެވެ. އެއީ އެމެރިކާގެ ނިންމުމާ ގުޅިގެން، ވީހާ ބޮޑަކަށް ގުދުސްގެ މައްޗަށް ޔަހޫދީންގެ ބާރު ހިންގުމުގެ ގޮތުންނެވެ.
ޔަހޫދީންގެ ހަރުކަށި ވިސްނުން ގެންގުޅޭ ޕާޓީތަކުން ގުދުސްގެ މައްސަލައިގައި މި ކަންކަމާ މި ކުރިމަތިލީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން ނިންމި ކަން، މިމަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވުމާ ގުޅިގެން، އެ ނިންމުން އަނބުރާ ގެންދިޔަ ނުދިނުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ގުދުސްގެ މައްސަލައިގައި މަޝްވަރާ ކުރުން ވެސް އިޒްރޭލު ސަރުކާރަށް މަނާވާ ގާނޫނެއްގެ ބިލެއް، ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ދަ ޖުވިޝް ހޯމް ޕާޓީއަކީ، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހަދައި އެ ބިންތައް ފޭރުމަށް ގޮވައިލާ ޕާޓީއެކެވެ. އަދި އިޒްރޭލުން ހައްޔަރުކޮށް ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުން މިނިވަން ކުރުމަށް ދެކޮޅު ހަދާ، ހައްދުފަހަނަޅާފައިވާ ޕާޓީއެކެވެ.
ދަ ޖުވިޝް ހޯމް ޕާޓީ އުފެއްދީ 2006 ވަނަ އަހަރު އިޒްރޭލުގައި އޮތް އާންމު އިންތިހާބާ ދިމާކޮށެވެ. ހަރުކަށި ޔަހޫދީ ސިޔާސަތުތަކަކާ އެކު ކެމްޕޭން ކޮށްގެން އެ އިންތިހާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ތިން ގޮނޑި ކާމިޔާބު ކުރި އެވެ.
އެ ޕާޓީން ދެކޭ ގޮތުގައި ފަލަސްތީނުގެ ބިމަކީ، ޔަހޫދީންނަށް ދެއްވުމަށް މާތް ﷲ ވައުދުވެވޮޑިގެންފައިވާ ބިމެކެވެ. އެހެންކަމުން އެ ބިމުން އެންމެ ތަންފުކެއް ވެސް އެހެން ބަޔަކަށް ދޫކޮށްލައިގެން ނުވާނެ އެވެ. އަދި އެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް އެ ޕާޓީން ދެކެ އެވެ. އަދި މިހާރު ޣައްޒާ އާއި ހުޅަނގު އައްސޭރީގެ އުފައްދާފައި އޮތް ފަލަސްތީނު ސަރުކާރާ އެކު މަޝްވަރާ ކުރުމަކީ ވެސް އެ ޕާޓީން ދެކޮޅު ހަދާ ކަމެކެވެ.
ވަކި ޕާޓީއެއްގެ ގޮތުގައި ބޭރު ފުށަށް ފެނުނު ކަމުގައި ވިޔަސް، ދަ ޖުވިޝް ހޯމް ޕާޓީއަކީ ބޮޑުވަޒީރު ނަތަންޔާހޫގެ ލީކޫޑް ޕާޓީ މަދަދާ އެކު އުފައްދައި އެ ޕާޓީގެ ހިޔަނި ތެރޭގައި މަސައްކަތް ކުރާ ޕާޓީ އެކެވެ. އެ ޕާޓީގެ ލީޑަރަކަށް ހުރީ ވެސް، ލީކޫޑް ޕާޓީގައި ނަތަންޔާހޫގެ އޮފީހުގެ ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ނަފްތާލީ ކިޔާ ޒުވާނެކެވެ.
އެހެން ކުދިކުދި ބައެއް ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ނުކުމެ 2013 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ދަ ޖުވިޝް ހޯމް ޕާޓީ ވަނީ ގާނޫނު ހަދާ މަޖިލީހުގެ 12 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަދި ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރާ އެކު ކޯލިޝަން ހަދައި މިހާރު ވަނީ ކެބިނެޓުން ދެ ޖާގަ ވެސް ހޯދައިފަ އެވެ. އެއީ ހައުސިން މިނިސްޓަރު ކަމާއި އިކޮނޮމީ މިނިސްޓަރުގެ މަގާމެވެ.
އިޒްރޭލާއި އެމެރިކާގެ ސުލްހައަކީ ފަލަސްތީނު ނައްތައިލުން
ގުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބަލައިގަނޭ:ތުރުކީ
ގުދުސް މައްސަލައިގެ އެންމެ ފަސް
"ހުޅަނގު ގުދުސަކީ އިޒްރޭލުގެ ވެރިރަށެއް ނޫން"
އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރަން ވިސްނަނީ
އިޒްރޭލުން ރަތް ރޮނގުތައް ހުރަސްކޮށްފި: ފަލަސްތީން
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި
ޔަހޫދީންނަށް އަގްސާގައި އަޅުކަންކުރެވޭނެ: އިޒްރޭލް ކޯޓު
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި